ޓެކްސް އެޕީލް ޓަރައިބިއުނަލް. (ފޮޓޯ/މިނިވަން ނިއުސް)

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކޮށް 12 އަހަރު؛ ހަޅުތާލަށް ނުކުންނަނީ

އެ ޓްރައިބިއުނަލްގެ 13 މުވައްޒަފުން އެ ތަނުގެ ރައީސަށް ފޮނުވި ސިޓީއެއްގައި ބުނީ ޓްރައިބިއުނަލް އުފެއްދި ފަހުން ވެރިކަމުގެ ތިން ދައުރު ނިމިދިޔައިރު ވެސް މަގާމާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް
22 ސެޕްޓެމްބަރު 2023
1

ޓެކްސް އެޕީލް ޓްރައިބިއުނަލް އުފެއްދީއްސުރެ މިއަދާ ހަމައަށް އައިއިރު މުވައްޒަފުންގެ މަގާމާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ، އެ ޓްރައިބިއުނަލްގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ތައްޔާރުވެއްޖެ އެވެ.

ތަފްސީލް - ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީއަށް އެ ޓްރައިބިއުނަލްގެ 13 މުވައްޒަފުން ސޮއިކޮށް ފޮނުވި ސިޓީއެއްގައި ބުނީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ މުވައްޒަފުން މަސްއޫލިއްޔަތުތައް އަދާކުރުން ހުއްޓާލައި، އެ ތަނުގެ ބޭރުގައި ހަޅުތާލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - އެ ސިޓީގައި ބުނެފައިވާ ގޮތުގައި 29 ނޮވެމްބަރު 2011 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލް އުފައްދައި، އޭގެ ފަހުން ވެރިކަމުގެ ތިން ދައުރު ނިމިދިޔައިރު ވެސް މުވައްޒަފުންގެ މަގާމާއި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

"މިހާރު ވެސް މި ޓްރައިބިއުނަލްގައި މުސާރަ ދެމުންދަނީ އެންމެ ފުރަތަމަ ވެސް ދެމުން އައި ގޮތަށް، އެއްވެސް ބަދަލެއް ނެތި، އޭރު މީރާއިން ދެމުން އައި މުސާރައިގެ އޮނިގަނޑާ އެއްގޮތަށެވެ. ނަމަވެސް އޭގެ ފަހުން މީރާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މި ޓްރައިބިއުނަލްގެ އެއްވެސް މަގާމެއްގެ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން ހިތާމައާ އެކު ފާހަގަކުރަމެވެ،" އެ ސިޓީގައިވެ އެވެ.

ފާއިތުވެދިޔަ ދެ ތިން އަހަރުގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ދާއިރާ އާއި ކައުންސިލްތަކާއި ޖުޑީޝަރީގެ އިތުރުން އެތައް ދާއިރާއެއްގެ މުސާރައަށް ބޮޑު ކުރިއެރުމެއް ސަރުކާރުން ހޯދައިދިންކަން އެ ސިޓީގައި ފާާހަގަކޮށްފައިވެ އެވެ.

"މި ދާއިރާތަކާ އަޅާބަލާއިރު ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ދެމުންދާ އަސާސީ މުސާރަ ކުޑަވެފައި ލިބެންޖެހޭ އެލަވަންސްތައް ވެސް ލިބެމުންނުދާކަން ފާހަގަކުރަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • މިހާރު މުވައްޒަފުންނަށް ލިބެނީ ކުރާ ބުރަ މަސައްކަތާއި ކުރަން ޖެހޭ ހަރަދާ ނުބައްދަލު މުސާރައެއް

  • އޭގެ ނަތީޖާއެއްގެ ގޮތުން، ޓްރައިބިއުނަލްގައި ހީވާގިކަމާ އެކު މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް އެތަނުން ވަކިވެގެން ދިޔަ

ހަޅުތާލަށް ނުކުންނަން ނިންމީ، މުވައްޒަފުން ބުނާ ގޮތުގައި، މުސާރައިގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ކުރި މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުނުކުތުމުންނެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި އަޅުގަނޑުމެން ހުރިހާ މުވައްޒަފުން ކުރެވުނު މަސައްކަތެއް ކުރާނެ ކަމުގައި ދަންނަވަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.

"އަދި ރާއްޖޭގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ހައްގުތައް ބޭނުންކޮށް، 24 ސެޕްޓެމްބަރު 2023 ވާ އާދީއްތަ ދުވަހުން ފެށިގެން މި ޓްރައިބިއުނަލްގެ މުވައްޒަފުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުން ހުއްޓާލައި، މި ޓްރައިބިއުނަލްގެ ބޭރުގައި ހަޅުތާލު ކުރުމަށް ނިންމާފައިވާ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވާލީމެވެ."

ކޮމެންޓް (1)

ހަސަންދީ

23 ސެޕްޓެމްބަރު 2023
މުސާރަ ކުޑަކަމުގައިވާނަމަ ބޮޑު މުސާރަލިބޭ އެހެން ތަނަކަން ދިއުން ބުއްދިވެރިގޮތަކީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް