ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނާ މިއަދު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި މިނިސްޓްރީގެ ބައެއް ވެރިން ބައްދަލުކުރައްވަނީ (ފޮޓޯ:އެމްއޯއީ)
ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް 5،000ރ.ގެ އިނާޔަތެއް ދެނީ
ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ދޭ އިނާޔަތް 5،000 ރުފިޔާއަށް މިއަދު ބޮޑުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއީ އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅޭ 'ރޫރަލް ރިޓެންޝަން ޕޮލިސީ'ގެ ދަށުން ގެނައި ބަދަލެކެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ މި ޕޮލިސީއަށް ފެތޭ، ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
އެ ބައްދަލުވުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން އެކްސްގައި ބުނީ އަމިއްލަ ރަށް ފިޔަވައި، އެހެން ރަށްރަށުގައި ވަޒީފާ އަދާ ކުރާ ޕްރިންސިޕަލުންނަށް، އެ ޕޮލިސީގެ ދަށުން އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު ވެސް 5،000ރ. ދޭން ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - އެނގިފައިވާ ގޮތުގައި، އަންނަ މަހުގެ މުސާރައާ އެކު، އިތުރުކުރި މި އެލަވަންސް ލިބޭނެ ކަމަށް މިނިސްޓަރު ވަނީ، ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
އެނގުން މުހިއްމު - ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ލިބޭ މުސާރަ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ބޮޑުކޮށްފަ އެވެ. އެކަމަކު މުސާރައިގެ އެ އާ އޮނިގަނޑު ހަދާފައިވާ ގޮތުން، ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު މަދުވެ އެވެ. އެހެންވެ، މި ޝަކުވާ އޭރުން ފެށިގެން އެ ޕްރިންސިޕަލުން ދަނީ ކުރަމުންނެވެ.
ޕްރިންސިޕަލުން އޭރު ބުނީ އާ އޮނިގަނޑުގެ ދަށުން އެކޮޮމޮޑޭޝަން އެލަވަންސް އުނިކޮށްފައިވާތީ، ބޮޑު ކުރި މުސާރައިގެ ފައިދާ ނުކުރާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ގެނެސްދޭނެ ކަމަށް ކުރިން ވެސް ސަރުކާރުން ބުނެފައިވެ އެވެ.
ކޮމެންޓް (1)
ތާރޭ