ކުޑަގިރީގައި ހިނގި ހާދިސާއެއްގައި މިއަދު މަރުވި އުމަރު އަބްދުލްހަންނާން

ކުޑަގިރީގެ ސްލައިޑަކުން ވެއްޓި އަނިޔާވި ޒުވާނަކު މަރުވެއްޖެ

މިދިޔަ ހުކުރު ދުވަހުން ފެށިގެން އެ ޒުވާނާއަށް ދިޔައީ ފަރުވާ ދެމުން
20 ސެޕްޓެމްބަރު 2023

މިދިޔަ ހުކުރު ދުވަހު ކ. ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރު ގޮސް އުޅެނިކޮށް، އެ ރަށުގައި ހުންނަ ސްލައިޑަކުން ވެއްޓި އަނިޔާވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ، އުމުރުން 34 އަހަރުގެ އުމަރު އަބްދުލްހަންނާނެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ޒުވާނެކެވެ.

ތަފްސީލް - އާއިލާއާ ހަވާލާދީ، އުމަރުގެ ގާތް ބައެއް ރަހުމަތްތެރިން ބުނި ގޮތުގައި، އޭނާއަށް އަނިޔާވީ، ކުޑަގިރީގައި މޫދަށްވާ ގޮތަށް އުސްކޮށް ހަދާފައި ހުންނަ ސްލައިޑަކުން ވެއްޓިގެންނެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ވަގުތުން ކޯމާއަކަށް ދިޔަ ކަމަށް އޭނާގެ ގާތް މީހުން ބުންޏެވެ.

އަނިޔާވި އެ ޒުވާނާ އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އަދި ފަހުން އޭނާ އޭޑީކޭއަށް ބަދަލުކުރި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

"އިއްޔެ ސާޖަރީ ހެދި ފަހުން، މިއަދު އެ މަރުވީ،" އުމަރުގެ ރަހުމަތްތެރިއަކު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް