ދަ ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ޑިމޮކްރެޓްސްއަށް ސަރުކާރުން ބައި އަޅަން ޕީޕީއެމް-ޕީއެންސީ އެއްބަހެއް ނޫން
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނައަށް ދިޔަ ދަ ޑިމޮކްރެޓްސްއަށް ސަރުކާރުގެ ބައެއް ދޭ ގޮތަށް އެއްބަސްވުމެއް ހަދަން ޕީޕީއެމް-ޕީއެންސީން ބޭނުން ނުވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ޑިމޮކްރެޓްސް ހިއްސާވާނެ މިންވަރާއި އެ ސަރުކާރުގައި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި ސޮއިކުރަން މާދަމާގެ ކުރިން އެއްބަސްވާ ނަމަ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް-ޕީއެންސީއަށް ތާއީދުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލުން ރޭ ވަނީ ނިންމައިފަ އެވެ.
ތަފްސީލު - ނަމަވެސް ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގެ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި ގޮތުގައި ޑިމޮކްރެޓްސްއާ އެކު ކޯލިޝަން އެއްބަސްވުމެއް ހަދާކަށް އެ ކޯލިޝަނުން ބޭނުމެއް ނުވެ އެވެ.
ދެ ފަރާތުގެ މަޝްވަރާތަކުގެ މައުލޫމާތު ހުރި ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކުރައްވައި ވިދާޅުވީ، ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ފިކުރާއި ޕީޕީއެމްގެ ސިޔާސީ ފިކުރަކީ ވަރަށް ތަފާތު ދެ ފިކުރު ކަމަށް ވެފައި، ނަޝީދާ އެކު މަސައްކަތް ކުރަން ޕާޓީގެ އާންމު މެމްބަރުން ވެސް ބޭނުންނުވާނެ ކަމަށެވެ.
"އާންމު މެންބަރުންގެ ސެންޓިމެންޓްސް ހުރި ގޮތުން ވެސް އެއީ ފަސޭހަ ނިންމުމަކަށް ނުވާނެ. އެއީ ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑުމެން ވެސް ނުދެކެން،" އޭނާ ވިދާޅުވި އެވެ.
އިސް އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ލީޑާޝިޕްގެ ވިސްނުމަކީ އެއްވެސް ކަހަލަ އެއްބަސްވުމެއްގައި ޑިމޮކްރެޓްސްއާ އެކު ސޮއިނުކުރުމެވެ.
ޕީޕީއެމް-ޕީއެންސީ އިން އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންނުވާ ކަމަށް ޑިމޮކްރެޓްސްގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ކެމްޕެއިން ތަރުޖަމާނު އަހްމަދު ތޮލާލް މިއަދު 'ދައުރު' އަށް ވިދާޅުވީ ޑިމޮކްރެޓްސް އިން ރޭ ފާސްކުރި ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ނިންމާ ގޮތެއް އިއުލާން ކުރާނެ ކަމަށެވެ.