ރޭ ބޯކޮށް ވާރޭ ވެހި ޅ. ކުރެންދޫގެ މަގުތަކުގައި ފެންބޮޑުވެފައި (ފޮޓޯ: އެންޑީއެމްއޭ)

މޫސުން

މެދުނުކެނޑި 7 ގަޑިއިރު ވާރޭވެހި، ކުރެންދުއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކުރެންދުއަކީ އާއްމުކޮށް ފެންބޮޑުވާ ރަށެއް، އެކަމަކު ރޭ އެ ރަށަށް ލިބުނު ގެއްލުންތައް ބޮޑު
19 ސެޕްޓެމްބަރު 2023

ރޭގެ ނުވައެއް ޖެހީއްސުރެ ޅ. ކުރެންދުއަށް މެދުނުކެނޑި ގިނަ އިރުތަކެއް ވާންދެން ވާރޭ ވެހި، ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ވީ ކިހިނެއް؟- ބޮޑު ކަނޑޫފަލަކާ އެކު ރަށް އުފެދިފައި އޮންނަ ގޮތުން ކުރެންދުއަކީ ފަސޭހައިން ފެންބޮޑުވާ ރަށެކެވެ. އެގޮތުން ރަށުގެ ވަށައިގެން އުސްކޮށް އޮތުމަށް ފަހު، ކަނޑޫފަލާ ދިމާލުން، އިރުމަތީ ފަރާތް ތިރިކޮށް އޮންނާތީ، ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވެ، އެ ސަރަހައްދުގައި ހުންނަ ގެތަކަށް ފެންވަދެ އެވެ. އެކަމަކު ރޭ ވެހުނު ވާރެއާ އެކު އެ ރަށަށް ވަނީ މީގެ ކުރިން ނުވާ ވަރަށް ގެއްލުން ވެފަ އެވެ.

ކައުންސިލް މެމްބަރު ހުސެން ޒާހިދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ރޭ ނުވައެއް ޖެހި އިރު އެ ރަށަށް ވެހެން ފެށި ވާރޭ، ދަންވަރު 12 ޖަހާއެހާކަން ހާއިރު ބޯކޮށްލި އެވެ. އަދި އެގޮތަށް ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭ ވެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މެންދަމު އެކެއް ނޫނީ 1:30 ހާއިރު އަޅުގަނޑުމެންނަށް ރިޕޯޓުތައް ލިބެން ފަށައިފި ގެތަކަށް ފެންވަދެ ގެއްލުން ވަމުންދާ ކަމަށް،" ހުސެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ގެތަކުގައި ފޫޓަކަށް ފެން ބޮޑުވި އެވެ. އަދި އޭގެ ސަބަބުން ގޭގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނާއި ކަރަންޓުގެ އާލާތްތަކަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ގެއްލުން ލިބުނު ގެތަކުގެ އަދަދު މުޅިން ނުބެލިގެން މިއުޅެނީ. ވަރަށް ގިނަ ގެތަކަށް ފެން ވަދެފައިވަނީ." ހުސެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ކުރިން ވެސް އެ ރަށުގައި ފެންބޮޑުވާ ކަމަށާއި އެކަމަކު މިހާބޮޑަށް އަދި ގެއްލުން ނުވާ ކަމަށެވެ.

ކުރެންދޫގައި ބޮޑުވި ފެންގަނޑު، އެމްއެންޑީއެފްގެ އެހީއާ އެކު މިހާރު ދަނީ ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕަމްޕުތައް ބަހައްޓައިގެން، މަގުމަތިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

"މަގުމަތިން ފެން ހިނދުނީމައި ގެތަކުން ވެސް ފެންތައް ނުކުންނަން ފަށާނެ. އެކަމަކު އަނެއްކާ ވެސް ވިއްސާރަ ކުރަން ކަންނޭނގެ އެ އުޅެނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކުރެންދޫގައި ފެން ބޮޑުވާ މައްސަލަ ހައްލު ކުރެވެން އޮތީ މަގުތައް ހަދައިގެންނެވެ. އެއީ ރައީސަށް އިތުރު ދައުރެއް ލިބިވަޑައިގެންފި ނަމަ ކުރައްވާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް