ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ސްޓޭންޑު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޓެކްސީ ރަޖިސްޓްރީއަށް ގަރާޖު ސިޓީ އުވާލައި 10،000ރ.ގެ ފީއެއް ނަގަނީ
ޓެކްސީ ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 10،000ރ. ދެއްކުމުން ޓެކްސީތައް ރަޖިސްޓްރީކޮށްދޭ ގޮތަށް، 'އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދަ'ށް އިއްޔެ އިސްލާހު ގެނެސްފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ އިސްލާހުގައި، ގަރާޖު ސިޓީން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ޓެކްސީ ވަނީ ހިމަނައިފަ އެވެ.
ތަފްސީލް - އިއްޔެ އަމަލުކުރަން ފެށި އިސްލާހުގައިވާ ގޮތުން، އެއްގަމުގައި ދުއްވާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ ބާއްވާނެ ގަރާޖެއް ކަނޑައަޅައި އެ ގަރާޖުގެ ވެރިފަރާތުގެ އައިޑީ ކާޑާ އެކު އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހެޅުމުންނެވެ.
މީގެ އިތުރުން، އެ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ތަނަކަށް ވެސް ވާން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ނަމަވެސް، އެ ގަރާޖު ސިޓީން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭ ހިމެނެނީ:
-
ނުކުޅެދުންތެރިކަން ހުންނަ މީހުން ދުއްވާ އުޅަނދު - ދެ ފުރޮޅު، ތިން ފުރޮޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދު ވެސް ހިމެނޭ ގޮތަށް
-
އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރާ އުޅަނދު
ޓެކްސީތައް ރަޖިސްޓްރީ ކުރާއިރު، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކުރިއިރު، އެ އިސްލާހުގެ ދަށުން:
-
ޓެކްސީ ރަޖިސްޓްރީކޮށްދެނީ 10،000ރ.ގެ ފީއެއް ދެއްކުމުން
-
ވަގުތީ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ 15،000ރ.ގެ ފީއެއް ނަގައިގެން