
މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ސަޕޯޓަރަކާ އެކު ސެލްފީ ނަންގަވަނީ (ފޮޓޯ/ރައީސްގެ ކެމްޕޭން އޮފިސް)
2 ވަނަ ބުރަކަށް ދާން ޖެހުނީ ބަޔަކު ފަރުވާ ކުޑަކޮށްލުމުން؛ ޒިންމާ އެންމެން ނަގަން ޖެހޭނެ: ރައީސް
މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އުއްމީދުކުރި ވަރުގެ ނަތީޖާއެއް އެމްޑީޕީއަށް ނުހޯދި، 2 ވަނަ ބުރަކަށް ދާން ޖެހުނީ، އެކަން ކުރަން ތިބި ބަޔަކަށް ފަރުވާ ކުޑަކޮށްލެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ކުރިން ސަރުކާރު ހިންގާ ޕާޓީން އަބަދު ވެސް ބުނަމުން ދިޔައީ އެއް ބުރުން، އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ. އެކަމަކު ރައީސް ސޯލިހާ ވާދަކުރެއްވި، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވީ 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.
ތަފްސީލު- މިރޭ ބޭއްވި އެމްޑީޕީގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ނަތީޖާއާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
[ކެމްޕޭނުގައި] އެކި މީހުންނާ ހަވާލު ކުރީ އެކި މަސައްކަތް؛ ރަނގަޅު ނަތީޖާއާ މެދު އޭރު ވަރަށް އުއްމީދު ބޮޑު
-
އެކަމަކު ދެ ވަނަ ބުރަކަށް ދާން ޖެހުނީ، ކޮންމެވެސް ބަޔަކަށް ކަންތައް ކުރަންވީ ގޮތަށް ނުކުރެވިގެން، ނުވަތަ ފަރުވާ ކުޑަކޮށްލެވިގެން
ނަމަވެސް ރައީސް ވިދާޅުވީ މިއީ ވަކި މީހަކު ޒިންމާވާން ޖެހޭކަމެއް ނޫން ކަމަށެވެ.

"އެންމެން އެކީގައި އެ ޒިންމާ ނަގަން ޖެހޭނީ،" އިންތިހާބުގައި %39.05 ވޯޓު ހޯއްދެވި ސޯލިހު ވިދާޅުވި އެވެ.
"އެ މީހަކާ ހަވާލުކުރެވުނު ކަންތައްތަކުގެ ތެރެއިން ކުރެވުނު ކަންކަމާއި ނުކުރެވުނު ކަންކަން ބަލައި އަލުން ސަފުތައް އެތުރިލަންވީ."
މިއީ އިންތިހާބެއްގައި މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލީ ފަހަރުކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އޭގެ ސަބަބާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ. އަދި މިހާރު އަމާޒަކަށް ވާން ޖެހޭނީ، އެ ނިސްބަތް މަތިކުރުން ކަމަށާއި ވޯޓު ނުލާ މީހުން ހޯދައި، ވިސްނައިދީގެން ފޮއްޓާ ހަމައަށް ގެންދިޔުން ކަމަށް ވިދާޅުވި އެވެ.
އެކަމުގައި ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ފެންނަކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން، ރީ-ރަޖިސްްޓްރީ ކުރުމަށް ހުޅުވާލި މަދު ދުވަސްކޮޅުގައި 47،000 މީހުން އެކަން ކުރުމުން މަސައްކަތް ކާމިޔާބުވާކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވެ، [އިދިކޮޅުން] އެހާ ކަންބޮޑުވުގެނެް އެ އުޅެނީ ވެސް. އިލެކްޝަންސް ކޮމިޝަނަށް ގޮސް ލިސްޓު ދޭން އެ އެދެނީ އެހެންވެ. ފުރަތަމަ ބުރުގައި އެއްވެސް މައްސަލައެއް ނެތިފައި މިހާރު އެދަނީ އިލެކްޝަންސްގެ މަސައްކަތާ މެދު ޝައްކު ކުރަމުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކޯލިޝަނަށް، މި އިންތިހާބު ކާމިޔާބު ކުރުން ވަރަށް މުހިއްމެވެ. އެހެން ނޫނީ ދެން އަނެއްކާ ވެސް ރާއްޖެ ދާނީ، ބިރުވެރި، ނާމާން ކަމުގެ ތެރެއަށް ކަމަށާއި ފަރުވާ ކުޑަކޮށްލައިފި ނަމަ، ދެން ވެއްޓޭނެ އަނދަވަޅާ މެދު ވެސް ވިސްނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވަރަށް ކުރުކޮށް ދެއްކެވި އެ ވާހަކަތަކުގެ ތެރެއިން ދެން އެ މަނިކުފާނު ފާހަގަ ކުރެއްވީ މިދިޔަ ދައުރުގައި ގައުމުގައި އޮތް ހަލަބޮލި ކަމާއި ހަމަނުޖެހުންތަކުގެ މައްޗަށެވެ. އެގޮތުން:
-
މަގުތައް މަތީގައި އާއި، ގޭގައި ތިއްބާ ނެރެގެން ގެންގޮސް މަގުމަތީގައި އަނިޔާކޮށް މަރާލި ޒުވާނުންގެ އަދަދާ މެދު ސުވާލު ކުރެއްވި
-
ނޫސްވެރިންގެ ގަލަމުގައި ސަރުކާރުން ދޯރި ޖެހުވުމާއި ސިޔާސީ ގޮތުން ހިޔާލުތަފާތުވާ އެންމެން ޖަލަށްލުން ފާހަގަ ކުރެއްވި
-
ރައީސް ވިދާޅުވި ގޮތުގައި ވިޔަފާރިވެރިން ވެސް އޭރު ޖެހެނީ، ކަމެއް ބޭނުން ވެއްޖެ ނަމަ ސަރުކާރުގައި ރޮއެ އާދޭސް ކުރަން
"އެހެންވެ، 30 ސެޕްޓެމްބަރުގައި އަޅުގަނޑުމެން ވޯޓުލާއިރު މި ކަންކަމަށް ވިސްނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (1)
އަަސްލުދައުރު