
ޕީޕީއެމް އާއި ޑިމޮކްރެޓްސްއިން ސަރުކާރާ ދެކޮޅަށް އިއްތިހާދުވުމުގެ މަޝްވަރާތައް ފެށުމަށް އޯޝަން ލައިބްރަރީގައި ބޭއްވި ބައްދަލުވުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޑިމޮކްރެޓްސްއާ އެކު މަޝްވަރާތައް ކުރިއަށް އެބަދޭ، ގިނަ ކަންކަމަށް އެއްބަސްވެވޭ: ޕީޕީއެމް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމަށް 'ދަ ޑިމޮކްރެޓްސް'އާ އެކު އަދިވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ގިނަ ކަންކަމަށް މިހާރު ހުރީ އެއްބަސްވެވިފައި ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު 2 ވަނަ ބުރަށް ދިޔައިރު، 2 ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިގެން 2 ވަނަ ބުރުގައި ދެން ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެގޮތުން:
-
މި ދެ ޕާޓީން ވެސް 2 ވަނަ ބުރުގައި ކޯލިޝަން ހެދުމަށް ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސްއާ އެކު އަންނަނީ މަޝްވަރާކުރަމުން
-
ޑިމޮކްރެޓްސް އިން ކޯލިޝަން ހެދުމަށް ހުށަހަޅާ އެންމެ ބޮޑު އެއް ޝަރުތަކީ ނިޒާމީ ވޯޓެއް ނަގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމަށް އެއްބަސްވުން
-
އެ މަޝްވަރާއަށް، ޕީޕީއެމް-ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް ޔާމީންއާ ބައްދަލުކޮށް މަޝްވަރާ ކުރަން ނަޝީދު މަސައްކަތް ކުރެއްވި ނަމަވެސް، މިވަގުތު މާފުށީ ޖަލުގައި ހުންނަވައިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ޔާމީން، ވަނީ އެމަނިކުފާނާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވާފައި
-
އިތުރަށް ކިޔާލަން - ނަޝީދާ ބައްދަލުކުރައްވަން ޔާމީން ދެކޮޅު ހައްދަވައިފި
ތަފްސީލް - މިއަދު ޕީޕީއެމް-ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް (އެސްޖީ)ގެ މަގާމު ވެސް ފުރުއްވަމުން އަންނަ ތޮލާލު ވިދާޅުވީ، ދެ ޕާޓީގެ ދެމެދުގައި މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށާއި، ގޮތެއް ނިމުނުހާ އަވަހަކަށް ނިންމާ ގޮތެއް ހާމަކުރާނެ ކަމަށެވެ.
ނިޒާމީ ވޯޓު ނެގުމަށް ޝަރުތުކޮށް ޑިމޮކްރެޓްސް އިން ހުށަހެޅި ހުށަަހެޅުމުގައި ޕީޕީއެމް އިން ސޮއިކޮށްފައިނުވާތީ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް މި ފަހުން ޑިމޮކްރެޓްސް އިން ބުނެފައި ވާތީ އެކަމާ ގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތޮލާލު ވިދާޅުވީ، އޭގައި ސޮއިކުރަން ޖެހޭ ނަމަ ސޮއި ވެސް ކުރާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިނުކުރެވި އޮތީ ސޮއިކުރުމުގެ ކުރިން ކުރަން ޖެހޭ މަޝްވަރާތަކެއް އަދި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފަރާތުން 4 މެމްބަރުން އެކުލެވޭ ޓީމަކާއި، [ޑިމޮކްރެޓްސްގެ] ޓީމަކާ ދެ ބައި މީހުން މަޝްވަރާތައް ކުރިއަށް ގެންދަނީ. އެހެންވީމާ އަޅުގަނޑުމެންނަށް އަދި އެއްޗެއް ހާމަކުރެވޭނީ، ހަމަ 2 ބައި މީހުންނަށް ކޮންމެވެސް ވަރެއްގެ އެއްބަސް ވުމަކަށް އާދެވިގެން. އެކަމަކު ވަރަށް ގިނަ ކަންތައްތަކަށް މިހާރު އެއްބަސްވެވިފައި މިހާރުވެސް ހުރީ،" ތޮލާލު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޑިމޮކްރެޓްސްއާ އެކު އެމްޑީޕީން ވެސް މަޝްވަރާތައް ކުރަމުންދާއިރު، މިރޭ ބާއްވާ އެ ޕާޓީގެ އިންޓެރިމް ކައުންސިލް ބައްދަލުވުމަށް ފަހު 2 ވަނަ ބުރުގައި ޑިމޮކްރެޓްސް އޮންނާނެ ކޮޅަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާނެ އެވެ. އެ ބައްދަލުވުން އޮންނާނީ މިރޭ 9 ޖަހާއިރު ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގަ އެެވެ.
-
އިތުރަށް ކިޔާލަން - އެމްޑީޕީން ހުށަހަޅަނީ އިންތިހާބަށް ފަހު ނިޒާމީ ވޯޓު ނަގަން
ކޮމެންޓް