ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ގާސިމް އިބްރާހިމް ނުކުމެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޖުމްހޫރީ ޕާޓީ

ގާސިމް ވަކި ކޮޅެއް ނުނެގި ސަބަބު: އެމްޑީޕީގެ އިންޑިއާ އެއްބަސްވުންތައް؛ ޕީޕީއެމްގެ ކޮޮރަޕްޝަން

ގާސިމް ވިދާޅުވީ، ވަކި ކޮޅެއް ނަންގަވައިގެން މަސައްކަތް ކުރެއްވުމުން ސަރުކާރުތަކުން ކުރާ ގޯސް ކަންތައްތަކުގެ 'ބްލޭމް' އެޅެން ދެން ބޭނުން ނުވާ ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ބަޔަކާ އެކު ކޯލިޝަން ނުހަދަން ނިންމީ، އެ ޕާޓީތަކުން ވެރިކަމަށް އައިސް ކުރާ "ގޯސް ކަންކަމުގެ ބްލޭމް" ނަގަން ބޭނުން ނުވާތީ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރާ ޕީޕީއެމް-ޕީއެންސީއާ މެދު އޭނާގެ އޮތީ އެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ކަމަށް ވާއިރު، ޕީޕީއެމް-ޕީއެންސީ އާއި އެމްޑީޕީއާ މެދު ވެސް އޭނާގެ އޮތް ނުތަނަވަސްކަމަކީ އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތައް ކަމަށް ގާސިމް ވިދާޅުވި އެވެ.

ވީ ކިިހިނެއް؟ - މި މަހުގެ 9ގައި ބޭއްވި އިންތިހާބުން %46 ހޯއްދަވައިގެން ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު ނުވަތަ %39 ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، މި މަހުގެ 30ގައި ބާއްވާ ދެ ވަނަ ބުރަށް ކޯލިޝަން ހެދުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު މިއަދު ހަވީރު ޖޭޕީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ އެއްވެސް ޕާޓީއެއްގެ ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ނުކުރުމަށެވެ. 

އެ ގޮތަށް ނިންމެވި ސަބަބެއްގެ ގޮތުގައި، ފުރަތަމަ ބުރުން އެންމެ 5،000އެއްހާ ވޯޓު ލިބިވަޑައިގެންނެވި ގާސިމް ވިދާޅުވީ، ދެ ޕާޓީގެ ކިބައިގައި ވެސް ގައުމުގެ މަސްލަހަތަށް ގެއްލުންވާ ޒާތުގެ މައްސަލަތައް ހުރުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކަން ކަމުގެ "ބްލޭމް" ނަގަން އޭނާ ބޭނުމެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ގާސިމް އިބްރާހިމް ނޫސްވެރިންނާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ތަފްސީލް - ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، ޕީޕީއެމްއާ އެކު ކޯލިޝަން ހެދެން ނެތީ:

  • އެ ޕާޓީން 2013 އިން 2018އަށް ވެރިކަން ކުރި އިރު ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކާ ހެދި ކަމަށް 

  • މިސާލެއްގެ ގޮތުން، ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަދި ޕީޕީއެމް-ޕީއެންސީގެ ލީޑަރު އަބްދުﷲ ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާ 11 އަހަރުގެ ޖަލު ހުކުމާއި ރ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް މިހާރު ވެސް ހިނގަމުންދާ ޝަރީއަތްތައް ފާހަގަކުރެއްވި

"އެ ބޭފުޅުން ވެސް[ޕީޕީއެމް] ވަނީ ދައުލަތަށް ވަރަށް ބޮޑެތި ހިޔާނަތް ވެފައި. މިހާރު ވެސް އެބަ ހިނގާ ދޯ މައްސަލަތައް. އެ ހުރިހާ ކަމެއް އަޅުގަނޑުގެ ބޮލުގައި އެބަ އެޅޭ. އަޅުގަނޑު ތާއީދުކޮށްގެން ގެނައި ސަރުކާރު ވިއްޔަ. ރައްޔިތުން އެބަ އަޅުވާ އަޅުގަނޑު ބޮލުގައި. އެކަމަކު އަޅުގަނޑުމެން ނުދެނަހުރީމޭ،" ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން ގާސިމްގެ ސަން އައިލެންޑްގައި އޭނާ ބައްދަލުކުރައްވަނީ. (ފޮޓޯ/ޖޭޕީ)

ޖޭޕީގެ ބައިވެރިވުމާ އެކު 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މިހާރު ވެރިކަން ކުރަމުން އަންނަ މައި ޕާޓީ ކަމަށްވާ އެމްޑީޕީއާ އެކު އިތުރު ދައުރަކަށް ކޯލިޝަން ނުހެދޭނެ ވަރަށް ގިނަ ސަބަބުތަކެއް ގާސިމް ދެއްކެވި އެވެ. މައިގަނޑު ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ، ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމުގެ މައްސަލަ އާއި "ގޮތް ނޭނގޭ" އެއްބަސްވުންތަކުގެ ވާހަކަ އެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރެއްވި މަޝްވަރާތަކުން އެނގުނު އެއްޗަކީ، ސަރުކާރާ މެދު ކުރެވޭ ތުހުމަތުތަކަކީ ތެދު ތުހުމަތުތަކެއް ކަމަށެވެ. 

"އެ ޑޮކިއުމަންޓުގައި ހުރި އެއްޗެއް ބަލާފައި އަޅުގަނޑަށް، އެއީ ރަނގަޅަށް ހުރި [އެއްބަސްވުންތަކެއްކަން] ޔަގީން ކުރެވުނު ނަމަ، އަޅުގަނޑު މި ގޮތަށް ނިންމާކަށް ނުޖެހޭނެ ދެއްތޯ؟ އަޅުގަނޑު ހުންނާނީ އެ ބޭފުޅާގެ އަރިހުގައި،" ރައީސް ސޯލިހާ އެކު ބޭއްވެވި ދެ ދުވަހުގެ މަޝްވަރާ ބައްދަލުވުންތަކުގައި ސަރުކާރުން ހިއްސާކުރި ލިޔެކިއުންތަކާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން ގާސިމް ވިދާޅުވި އެވެ.

ކޯލިޝަން މަޝްވަރާއަށް ގާސިމްގެ ސަން އައިލެންޑްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) ދެ ދުވަސް މަޑުކުރައްވާފައިވޭ. (ފޮޓޯ/ޖޭޕީ)

އޭނާ ބެއްލެވި ލިޔެކިއުންތަކުން ފެނުނީ، ގާސިމް ވިދާޅުވި ގޮތުގައި:

  • އިންޑިއާ އިން ރާއްޖެއަށް އެންމެ ފުރަތަމަ ހެލިކޮޕްޓަރު ގެނައުމަށް 2010ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންޑިއާއާ އެކު ހެދި އެއްބަސްވުމުގައި ހުރި ކަންތައްތަކަކީ ވެސް އޭނާ ގަބޫލުކުރައްވާ "ބައުންޑަރީން ބޭރުވެފައި" ހުރި ކަންކަން

  • އޭގެ ފަހުން ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް މުހައްމަދު ނާޒިމް ހުންނަވައިގެން، އައްޑޫގައި އޮތް ހެލިކޮޕްޓަރެއްގެ މުއްދަތު ދަންމާލާފައިވޭ؛ އިތުރު ހެލިކޮޕްޓަރެއް ގެނައުމަށް ވެސް އޭރު ނިންމި އަދި މިހާރު އެ ހެލިކޮޕްޓަރު އޮތީ ލ. ކައްދޫގައި

  • ރާއްޖޭގެ ކަނޑުގެ ސާވޭ ހެދުމާއި ކ. އުތުރު ތިލަފަޅުގައި ހިންގާ މަޝްރޫއުގެ މަޝްވަރާތައްކޮށް، އެ ކަމާ ގުޅޭ އެމްއޯޔޫތަކުގައި އެންމެ ފުރަތަމަ ސޮއިކޮށްފައި ވަނީ ޔާމީންގެ ސަރުކާރުގައި

"އެކަމަކު މި ސަރުކާރުން އައިސް އެ ކަންތައް [އެއްބަސްވުންތަކުގެ މައްސަލަ] ކުރިއަށް ގެންގޮސްފައި އޮތީ ކުރީގެ ސަރުކާރުން ވެސް ކުރިއަށް ގެންދިޔަ ފޯމެޓަށް. އެހެންވީމަ، އޭގެން އަޅުގަނޑަށް ފެނުނީ ރާއްޖެއަށް ގާނޫނީ ގޮތުން ހުރި ނުރައްކާތައް. އޭގެ ތަފްސީލް ދޭކަށް ބޭނުމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު ވެސް ތަކުރާރު ކުރެއްވީ، އިންޑިއާ އިން ރާއްޖެއާ އެކު އެއްބަސްވުންތައް ހަދާފައި ވަނީ، އެ ގައުމުން ރާއްޖޭގެ ވެރިންގެ "އަތް ގަދަކަމުން އަނބުރާލައިގެން ނޫން" ކަމަށެވެ. އެއީ އެކި ދުވަސްވަރު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން ގަސްދުގައި ކުރެއްވި ކަންކަމުގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ގުޅުންހުރި ކަމެއް - ގާސިމް މިއަދު ވިދާޅުވީ، މި މަހުގެ 9ގައި ބޭއްވި އިންތިހާބުގައި އޭނާއަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާއަށް ފަހު ސިޔާސީ މައިދާނުގައި އޭނާ އަކީ "މާ ބޭނުންތެރި" ބޭފުޅެއް ކަމަށް ވެސް މިހާރު ގަބޫލުނުކުރައްވާ ކަމަށާއި، އެކަން އެހެން ވެގެން ދިޔައީ ވެސް، " ވިޔާނުދާ ސަރުކާރުތައް" ގެނައުމަށް ކޯލިޝަންތަކުގެ ތެރެއިން މަސައްކަތްކުރެއްވުނީތީ ކަމަށެވެ. އެހެންވެ، މިފަހަރު އެއްވެސް ސަރުކާރަކުން ކުރާ ގޯސް ކަމެއްގެ "ބްލޭމް" ނަންގަވަން ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ޢަލީ

17 ސެޕްޓެމްބަރު 2023
މިކަމުންވެސް އެނގިގެން ދިޔައީ އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ވަރަުގެ އެއްބަސްވުންތައް ހެދިފައި ހުރިކަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް