ގައުމީ ދުވަހު މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ގައުމީ ދުވަސް

ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް: ރައީސް

ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ނަން އޮތީ އެންމެ ފުރިހަމަ މާނައިގައި މިނިވަން ގައުމެއްގެ ގޮތުގައި ކަމަށް
16 ސެޕްޓެމްބަރު 2023
4

ރާއްޖޭގެ ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އެހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ ހިތޯބުގަ އެވެ.

ބުނީ ކީކޭ؟ - ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވިދާޅުވީ:

  • ދިވެހި ގައުމިއްޔަތުގެ ބިންގަލަކީ، ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އިސްލާމް ދީނުގެ ހިދާޔަތް

  • ގައުމީ ވަހުދަތަކީ، ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީހާއި ސަގާފަތުގެ އެއްގޮތްކަން

  • ގައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން

"އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާ އެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އަޒުމަކީ، ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަ ވެސް ގުޑުމެއް އެރިޔަނުދީ ހިމާޔަތްކޮށް، ރައްކާތެރިކުރުމެވެ،" ރައީސް ވިދާޅުވި އެވެ. 

ގައުމީ ދުވަހު މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ ރާއްޖެއަށް ގައުމެއްގެ ސިފަ ޖެހި، އަދި އޭގެ ފަހުން މިއަދާ ހަމައަށް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ ސިއްރަކީ އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި އަޒުމް ކަމަށެވެ. އެ އަޒުމުގެ މަތީގައި ދެމިތިބުމަށް ދިވެހިން ކުރި މަސައްކަތާއި ވީ ގުރުބާނީ އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ:

  • ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް ނެތް 

  • ދިވެހިންގެ މިނިވަންކަމުގެ މައްޗަށް ބަސް ކިޔޭނެ އެހެން ބަޔަކު ނެތް

"ބައިނަލްއަގްވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ނަން މިއަދު ވެސް ލިޔެވިފައި ވަނީ، އެންމެ ފުރިހަމަ މާނައިގައި މިނިވަން ގައުމެއްގެ ގޮތުގަ އެވެ. ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން ފުރިހަމައަށް ލިބޭ ގޮތަށް، ދާހިލީ އަދި ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތެވެ،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އަަބަދުވެސް އިސްކުރާނީ ދިވެހިންގެ މަސްލަހަތު ކަމަށާއި، ރާއްޖޭގެ މިނިވަންކަމަށް ބަސް ބުނެވޭނެ އެހެން ބަޔަކު ނެތް ކަމަށް ރައީސް ވިދާޅުވިއިރު، އިދިކޮޅު ކޯލިޝަނުން ދަނީ، އަވަށްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް 'އިންޑިއާާ އައުޓް'ގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. އިދިކޮޅުން ބުނާ ގޮތުގައި، އެއީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅު ހަރަކާތެކެވެ.

ރިޔާސީ އިންތިހާބުގައި ވެސް އިދިކޮޅުން އެންމެ ބޮޑަށް ނަގަނީ އެ މައްސަލަ އެވެ.

ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން އަބަދުވެސް ދޮގުކުރެ އެވެ.

ކޮމެންޓް (4)

ދިވެއްސެއް ކަމަށް ޝައްކުކުރެވޭ ފަރާތެއް

16 ސެޕްޓެމްބަރު 2023
މިހާރު އަހަންނަކަށް ޔަޤީނެއްނުވޭ މަމީ ދިވެއްސެއް ކަމެއްވެސް. މި ފަސްގަނޑުން ބިންކޮޅެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ މި އިންނަނީ ރާއްޖެއިން ބޭރު މީހުންނަށް އެކި ސްކީމް ތަކުން ބިމާ ފްލެޓާ ދީފަ ހުރިވާހަކަ އަޑުއަހަން
1 0

މަހާތީރުލް އައްޒުވީ

16 ސެޕްޓެމްބަރު 2023
އެމީހުންގެ ނުފޫޒް ކުރީން ދިވެހީންނަށް އެނގިފައިވާ ވަރަށް ވުރެން ބޮޑުކަން މި އެނގުނީ ފުރަމަ ބުރުގަ ވޯޓްލީ ފަހުން. އެފަހުން ސަރުކާރު ހިންގަނީ އިންޑިއަން ހ. ކަމިޝަނަރ އަންގާ ގޮތަކަށް. ރައީސްގެ ގެ ކޮޅުން ، އެއް އޮފީހން އަނެއް އޮފީހަށް ވަންނަމުން އެތަންތާ ތިބޭ މީހުންނަށް ބިރު ދައްކަމުން ކޮންފާޑަކަށް މިއުޅެނީ. ބަލަގަ އެހެން ގައުމު ތަކުގެ ހ. ކަމިޝަނަރުންނާ ޚިލާފަށް މީނާ މިތާ ބުމަރެއްހެން އެނބުރެނީ ކީއްވެގެންހެއްޔެވެ.
1 0

ހަކީމް އަގުދާސް

16 ސެޕްޓެމްބަރު 2023
ހުސްދޮގު. އެއްވެސް އޮޕަރޭޝަނެއްގައި އުޅޭ އިންޑިއާ ސިފައިން ދިވެހި ސިފައިންގެ ބަހެއް ނާހާ. އެހެންވެ މިހާރު ދިވެހި ސިފައިން އެމީހުންނަށް އެއްވެސް އަމުރެއް ނުކުރޭ. ވަކި ކަމެއް ވަކި ގޮތަކަށް ހަދާކަށް ނައަންގާ. އެމީހުން ކުރާ ކަމެއް ކުރަންވީ. އެކަމަކު ދިވެހި ސިފައިން ކުރާ ބައެއް ކަންކަމާ އެމީހުން ބެހޭ. އަދި ބައެއް ކަންކަން ވަކި ގޮތަކަށް ކުރަން އަމުރުކުރޭ. ވަރަށް ހިތާމަހުރި ކަމެއް ރައީސް މީހާ ދިވެހީންނަށް އޮޅުން އިތުުރުފުޅު ހައްދަވާތީ.
4 0

އިހުމާ

16 ސެޕްޓެމްބަރު 2023
މަ ގަބޫލެއް ނުކުރަން ތިދައްކާވާ ވަހަކައެއް. ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބުންޔަސް ހަމަ ކޮންމެސް ނުބައެއް އުޅޭކަން އެންމެންނަށް ވެސް އިނގޭ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް