
26 ޖެނުއަރީ 2019ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ހޮސްޕިޓަލުގެ ނަރުހުންނާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
ސިއްހީ އަދި ތައުލީމީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވެ، އިނާޔަތް ލިބޭނެ ބަދަލުތަކެއް
ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ބައެއް މުވައްޒަފުންނަށް އިތުރު މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ބޮޑެތި ބައެއް ބަދަލުތައް ގެންނަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
ވީ ކިހިނެއް؟- ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިރޭ ވިދާޅުވީ ރައީސް ބަދަލު ގެންނެވީ، މުސާރައިގެ އޮނިގަނޑަށް ކުރިއަށް ގެނައި ބަދަލުތަކާ އެކު އެ ދާއިރާތަކުގެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ހައްލެއް ހޯދައިދޭން އެދި ރައީސް އޮފީހަށް ހުށަހެޅި ކަންކަމަށް ކަމަށެވެ. އެގޮތުން:
-
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާ ގުޅިގެން ނަރުހުންނާއި މެޑިކަލް އޮފިސަރުންގެ ފަރާތުން ލިބުނު ޝަކުވާތައް
-
ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން، ދައުލަތުގެ ވަޒީފާއިން ވަކިވާއިރު އިނާޔަތް ދޭނެ މިންގަނޑާ ގުޅޭ ގޮތުން އެ މުވައްޒަފުން ހުށަހެޅި މައްސަލަ
-
މިދިޔަ އަހަރު އަމަލު ކުރަން ފެށި، 'ދައުލަތުގެ ވަޒީފާއިން ވަކިވާ އިރު އިނާޔަތް ދެވޭނެ މިންގަނޑު'އާ ގުޅޭ ގޮތުން ތައުލީ ދާއިރާގެ ފަންނީ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 862 މީހަކު ސޮއިކޮށް ޕެޓިޝަނެއް ހުށައެޅި
ރައީސް ބަދަލު ގެންނެވި ކަންކަން:
-
1-
ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނާއި ނަރުހުންނަށް 'އެޓެންޑަންސް އެލަވަންސް' ލިބޭ ގޮތަށް ހަމަޖެއްސުން.
-
2-
މިއީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައިއިރު، އެ އެލަވަންސް ނުލިބޭތީ ޑޮކްޓަރުންނާއި ނަރުހުން ޝަކުވާ ހުށަހެޅުމުން ގެނައި ބަދަލެއް
-
3-
ސިއްހީ ފަރުވާ ދޭ ތަންތަނުގައި މަސައްކަތް ކުރާ 'ނަން-ކްލިނިކަލް' ނަރުހުން، 'ކްލިނިކަލ'ް ނަރުހުންނަށް ބަދަލު ކުރުން
-
4-
މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އާ އޮނިގަނޑުގެ ދަށުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން، މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަގާމު ދަށްނުކޮށް ކުރިން ތިބި މަގާމުގައި ބޭތިއްބުން. ޕޭ ކޮމިޝަނުން މި ބަދަލު ގެނައުމުން އެ ނަރުހުން އިތުރަށް ކިޔަވަން ޝަރުތު ކުރާނެ
-
5-
އޭގެ އިތުރުން، 2018ގައި ކިޔަވަން ގްރޭސް ޕީރިއަޑް ދީފައިވާ ނަރުހުންގެ ގްރޭސް ޕީރިއަޑް 2026އަށް އިތުރުކުރުން.
-
6-
އާ އޮނިގަނޑަށް ހިޖުރަކުރުމުގައި މައްސަލަ ދިމާވި 9 ނަރުހުންގެ މައްސަލަ ހައްލުކުރުން
-
7-
އެއްވެސް މުވައްޒަފެއް ދައުލަތުގެ 'ޕޭ ފްރޭމްވޯކް'އަށް ހިޖުރަކުރާ ތާރީހުން ފެށިގެން ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވާއިރު އިނާޔަތް ދޭން ޖެހޭ ނަމަ، އެ އިނާޔަތް އިހްތިޔާރު ކުރުމުގެ ފުރުސަތު، ޖެނުއަރީ 2024ގެ ނިޔަލަށް އިތުރުކުރުން
މިއުވާން ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެންނަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް، ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ރައީސް އޮފީހުން މިއަދު ވަނީ އަންގާފަ އެވެ. އަދި މި ނިންމުންތަކާ އެކު ނަރުހުންނާއި ޑަކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
މަނިކުބެ