އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ފުއާދުގެ ރައްދު މާރިޔާއަށް: ފުރަތަމަ ތިން ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ބާތިލް ވޯޓަށް ވުރެ މާ ބޮޑު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ތިން ކެންޑިޑޭޓުންގެ މެދުގައި ހުރި ފަރަގު ބާތިލް ވޯޓަށް ވުރެ ބޮޑު ކަމަށް ވިދާޅުވެ، މާރިޔާ އަހުމަދު ދީދީއަށް އިލެކްޝަންސް ކޮމިޝަނަރު ފުވާދު ތައުފީގު މިރޭ ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟- އިންތިހާބުގެ ނަތީޖާއަށް ފަހު އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް އަލުން ފަށަން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ ވަނީ، އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުވިކަން ފާހަގަކުރައްވައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި 'އިންތިހާބު ބާތިލުކުރާ ވަރަށް ބާތިލު ވޯޓު އެބަ ހުއްޓެ'ވެ.
މާރިޔާގެ އެ ވާހަކައަށް ރައްދު ދެއްވައި އެކްސްގައި ފުއާދު ވިދާޅުވީ އެއް ވަނަ އާއި ދެވަނަ ހޯއްދެވި ދެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަގު، ބާތިލް ވޯޓަށް ވުރެ ބޮޑު ކަމަށެވެ. އަދި ހަމައެހެން ދެ ވަނަ އާއި ތިން ވަނަ ކެންޑިޑޭޓްގެ މެދުގައި އޮތް ފަރަގު ވެސް، ބާތިލް ވޯޓަށް ވުރެ ބޮޑު ކަމަށް ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީއެންސީ-ޕީީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކުރި ހޯއްދެވީ، ދެ ވަނަ ހޯއްދެވި ރައީސް ސޯލިހަށް ވުރެ 15،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.
ރައީސް ސޯލިހާއި ތިން ވަނައަށް ދިޔަ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުއާ ދެމެދު 70،322 ވޯޓުގެ ތަފާތު އެބަ ހުއްޓެވެ.
"އެހެންވީމައި، އެ ވާހަކަ މާ ބާރަށް ދައްކަން ޖެހޭ ސަބަބެއް ނުވިސްނެ އެވެ،' އިނގިރޭސި ބަހުން ފުއާދު ލިއުއްވި އެވެ.
ފުރަތަމަ ބުރުގައި، އެކި ސަބަބުތަކާ ހުރެ 4،000 އަށް ވުރެ ގިނަ ވޯޓު ވަނީ ބާތިލު ކަމަށް ކަނޑައަޅައިފަ އެވެ.
ފުއާދުގެ ޓްވީޓަށް މާރިޔާ ވެސް ވަނީ ރައްދު ދެއްވައިފަ އެވެ އޭނާ ވިދާޅުވީ ވޯޓަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ފަރުދީ ހައްގެއް ކަމަށެވެ. އެހެންކަމުން އެއީ ނަތީޖާއިން ކަނޑައެޅިދާނެ ޖުމްލަ ހައްގެއް ނޫން ކަމަށް ލިއުއްވި އެވެ.
"މަނިކުފާނުގެ ތިޔަ ވާހަކައާ އަޅުގަނޑު ދެކޮޅެވެ،" އިނގިރޭސި ބަހުން ލިއުއްވި ޓްވީޓްގައި މާރިޔާ ވިދާޅުވި އެވެ.
With all due respect, it’s a citizen’s fundamental right to have a say by his/ her Vote. It’s an individual right, not a collective right, to be determined by the result. I totally disagree with you Sir! https://t.co/IAIlBS1BxJ
— Mariya Didi 🎈 (@MariyaDidi) September 13, 2023
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވި ގޮތުގައި 'މުސްކުޅިއަކު ވޯޓު ފާހަގަ ޖެހުނުކަން ލޮލަށް ނޭނގޭތީ ޔަގީންކޮށްލުމަށް އޭގެ މަތީގައި [ފާހަގަ ޖެހުމުން] ވެސް، ގަވައިދު ތަންނުދެއޭ ކިޔާފައި ވޯޓު ބާތިލުކުރި' އެވެ.
އެއީ ސީދާ ހެޔޮ ފާހަގައެއްކަން އެނގޭއިރު ވެސް ބާތިލުކޮށްފައިވާކަން، ވަރަށް ނުރުހުންވެ ވަޑައިގެން ހުންނަވައި މާރިޔާ ވިދާޅުވި އެވެ.
"އެހެންވިއްޔާ އެތަނުގައި އީސީގެ މެމްބަރު އިންނަވަންވީތޯ މޮޅު ފާހަގަ ޖަހަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަށް އެ ކަހަލަ ފާހަގަ ޖަހާކަށް ނޭނގެއޭ،" އޭނާ ވިދާޅުވި އެވެ.
ވޯޓުލުމުގެ އިންތިޒާމްތަކާ ގުޅޭ ގޮތުން ވެސް މާރިޔާ ވަނީ އީސީއަށް ވަރަށް ބޮޑަށް ފާޑުވިިދާޅުވެފަ އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ، ވޯޓުލާ މަރުކަޒުގައި އުމުރުން ދުވަސްވީ މީހުންނަށް ފުރޮޅުލީގޮނޑި ފަދަ ވަސީލަތެއް ލިބެން ނެތުމެވެ.
އެ ވާހަކައަށް ވެސް ފުއާދު ރައްދުދެއްވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް އެއްވެސް އިންތިހާބެއްގައި އިލެކްޝަންސް ކޮމިޝަނުން، ފުރޮޅުލީ ގޮނޑި ފޯރުކޮށް ދީފައި ނުވާ ކަމަށެވެ.
ކޮމެންޓް (1)
ނަން