ރިޔާސީ އިންތިހާބު އޮބްސާވްކުރި އީޔޫ ވަފްދުގެ ޗީފް އޮބްޒާވަރު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކެމްޕޭނުގެ ހަރަދުތައް އުސޫލުތަކާ އެއްގޮތަކަށް ނުބެލެހެއްޓޭ: އީޔޫގެ އޮބްޒާވަރުން

ނާޗޯ ވިދާޅުވި ގޮތުގައި، އެ ރިޕޯޓުތައް ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުގެ ގާބިލުކަމެއް ވެސް ނެތް
11 ސެޕްޓެމްބަރު 2023

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ކުރާ ހަރަދުތައް ދެ ފުށް ފެންނަ ގޮތަކަށް ނުބެލެހެއްޓޭ ކަމަށް ބުނެ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބު އޮބްޒާވްކުރުމުގައި ހަރަކާތްތެރިވި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދުން އެކަމާ މެދު މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބަށް ފަހު އީޔޫގެ ވަފްދުން ވަނީ، އެ އިންތިހާބާ ގުޅޭ ގޮތުން ފާހަގަކުރެވޭ ކަންކަމާއި ކަންބޮޑުވުންތައް، މިއަދު ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކޮށްފަ އެވެ.

ބުނީ ކީކޭ؟ - ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީޔޫގެ ވަފްދުގެ ޗީފް އޮބްޒާވަރު ނާޗޯ ސަންޗޭޒް އަމޯޯ ވަނީ، މި އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ކެމްޕޭނަށް ކުރެއްވި ހަރަދުތައް ރަނގަޅަށް ނުބެލެހެއްޓޭކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކެންޑިޑޭޓުންގެ މާލީ ރިޕޯޓު ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދާ އެއްގޮތަކަށް ނުބެލެހެއްޓެ އެވެ.

މި މައްސަލަ އޭނާ ފާހަގަކުރެއްވީ، އިންތިހާބާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުކޮށްފައިވާކަން ފާހަގަކުރައްވަމުންނެވެ.

"ކެމްޕޭނުގައި ކެންޑިޑޭޓުން ކުރާ ހަރަދުތައް ރަނގަޅަށް ރެގިއުލޭޓެއް ނުކުރެވޭ. އެކަންކަން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ކަންކަން ރަނގަޅަކަށް ނުބެލެހެއްޓޭ،" އޭނާ ވިދާޅުވި އެވެ.

ނާޗޯ ވިދާޅުވި ގޮތުގައި، އެ ރިޕޯޓުތައް ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުގެ ގާބިލުކަމެއް ވެސް ނެތެވެ.

އިންތިހާބާ ބެހޭ މާލީ ކަންކަމުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަކީ އިންތިހާބާ ބެހޭ އާއްމު ގާނޫނުން ކޮންމެ ކެންޑިޑޭޓަކަށް ވެސް ލާޒިމު ކަމެކެވެ.

މި އިންތިހާބާ ގުޅިގެން އީޔޫން ފާހަގަކުރި އަނެއް މައްސަލައަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ކުޑަވުމެވެ.

"މި ފަހަރު ވާދަކުރީ ހުސް ފިރިހެން ކެންޑިޑޭޓުން. އެހެންކަމުން އަޅުގަނޑު އިލްތިމާސްކުރަން ބޭނުންވަނީ ގައުމުގެ ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ފިޔަވަޅުތަކެއް އެޅުމަށް،" ނާޗޯ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރި ބޭރުގެ އެހެން ޖަމިއްޔާތަކާއި އެއްގޮތަށް އީޔޫން ވެސް އިންތިހާބުގެ އިންތިޒާމްތަކަށް ވަރަށް ބޮޑަށް ތައުރީފްކުރި އެވެ. އެގޮތުން:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާ އެކު ވޯޓު ލެވޭ ގޮތް އޮތުން

  • ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޓެމްޕްލޭޓެއް ތައާރަފްކުރުން

  • އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން

އޭނާ ވިދާޅުވީ މި އިންތިހާބުގެ ކަންކަން އިންތިޒާމް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

"މުއައްޒަފުން މަދު ނަމަވެސް، އީސީން މަސައްކަތް ކުރީ ދެ ފުށް ފެންނަ ގޮތަށް، ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް،" ނާޗޯ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް