ގާސިމް އަދި ނާޒިމް: އެ ދެ ބޭފުޅުންނަށް އިންތިހާބުގައި އަމިއްލަ ޕާޓީގެ މެންބަރުންގެ އަދާ ގާތް ކުރާ އަދަދަށް ވެސް ވޯޓު ލިބިވަޑައިގެންފައެއް ނުވޭ. (ދައުރު ފައިލް ފޮޓޯ)
ގާސިމާއި ނާޒިމަށް އަމިއްލަ ޕާޓީގެ މެންބަރުންގެ އަދަދާ ގާތްކުރާ ވަރަށް ވެސް ވޯޓު ނުލިބުނު
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމްއަށް، އަމިއްލަ ޕާޓީގެ މެންބަރުންގެ އަދަދާ ގާތް ކުރާ އަދަދަށް ވެސް ވޯޓު ލިބިވަޑައިގެންފައިވާ ނުވާކަން ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - 'ދައުރު'ން ގެނެސްދިން، އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން:
-
ގާސިމް - 5،545 ވޯޓު (%2.52)
-
ނާޒިމް - 1،896 ވޯޓު (%0.86)
ތަފްސީލު - ތިން ވަނަ ފަހަރަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމްގެ ޖުމްހޫރީ ޕާޓީގައި 22،600އަށް ވުރެ ގިނަ މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން، 17،000 ޖޭޕީގެ މެންބަރުންގެ ވޯޓު ގާސިމްއަށް ނުލިބޭކަން ވަގުތީ ނަތީިޖާ އިން ދައްކަ އެވެ.
ގާސިމްގެ ޖުމްހޫރީ ޕާޓީ އަކީ، 10،000 މެންބަރުންނަށް ވުރެ ގިނަ މެންބަރުން ހަމަވާތީ ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ފަސް ޕާޓީ ތެރޭގައި ހިމެނޭ ޕާޓީ އެކެވެ. މީގެ ކުރިން ބޭއްވި ދެ ރިޔާސީ އިންތިހާބުގައި ވެސް ތިން ވަނަ ހޯއްދަވާ ގާސިމްއަށް މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 5،000އެއްހާ ވޯޓާ އެކު ލިބިޑައިގެންފައި ވަނީ ފަސް ވަނަ އެވެ. އެއީ، އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަަރު ނަސީރަށް ވުރެ ވެސް ދަށް ނަތީޖާ އެކެވެ.
ގާސިމްއަށް ކުރީގެ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ވޯޓު:
-
ރިޔާސީ އިންތިހާބު 2008: 27،056 ވޯޓު (%15.32)
-
ރިޔާސީ އިންތިހާބު 2013: 50،422 ވޯޓު (%24.07)
ރިޔާސީ އިންތިހާބަށް، 2021 ވަނަ އަހަރުގެ މެދު ތެރޭ އުފައްދައި ފައްކާކުރި ނާޒިމްގެ އެމްއެންޕީގެ މެންބަރުންގެ އަދަދަކީ، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން، 9،800އެއްހާ މީހުންނެވެ. އެހެންކަމުން، އެމްއެންޕީގެ 8،000 މެންބަރުންގެ ވޯޓު ނާޒިމަށް ނުލިބެ އެވެ.
ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިހާބުގައި ނާޒިމް ހޯއްދެވީ ހަތް ވަނަ އެވެ. އެމްއެންޕީ އުފެއްދުމުގެ ކުރިން ނާޒިމް އަކީ ގާސިމްގެ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ނާޒިމް ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް އިންތިހާބުވެވަޑައިގަތީ ވެސް ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.
🔴 We've counted all 574 boxes! Here are the preliminary results:
— Dhauru (@Dhaurunews) September 9, 2023
Dr Mohamed Muizzu: 46.06% | 101100 Votes
Ibrahim M Solih: 39.09% | 85809 Votes
Illyas Labeeb: 7.04% | 15453 Votes
Umar Naseer: 2.89% | 6348 Votes
Qasim Ibrahim: 2.52% | 5535 Votes
A Faris Maumoon: 1.37% | 3004… pic.twitter.com/NTCiZQ07NX
ފާހަގަކޮށްލެވޭ ކަމެއް - ގާސިމް އާއި ނާޒިމަށް އަމިއްލަ ޕާޓީގެ މެންބަރުންގެ އަދަދާ ގާތް ކުރާ އަދަދަށް ވެސް ވޯޓު ނުލިބުނު އިރު، 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫނަށް 3،000އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވެ އެވެ. މައުމޫންގެ ދަރިކަލުން ފާރިސް އިންތިހާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.