ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ހަސަން މޫސާ ދީދީ މިއަދު ހުޅުމާލެ ޖަލުގައި މަރުވިއިރު އުމުރުން 85 އަހަރު

ކާފަ ދަރިފުޅު ރޭޕުކުރުމުގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ މީހާ މަރުވެއްޖެ

ކަރެކްޝަނުން ބުނީ، ހަސަން މޫސާ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން
9 ސެޕްޓެމްބަރު 2023

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ، ހަސަން މޫސާ ދީދީ، އަންނާރުމާގެ، ހުޅުމާލެ ޖަލުގައި މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހަސަން މޫސާގެ މައްޗަށް މިދިޔަ އަހަރުގެ 6 ޖުލައި އިއްވި ހުކުމުގައި ބުނެފައިވަނީ، 12 ޖަނަވަރީ 2020 ވަނަ ދުވަހުގެ ކުރިން ތަފާތު އެކި ދުވަސްމަތިން، ދެ އަހަރު ނުވާ އޭނާގެ މުނިކާފަ ދަރިއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އެމައްސަލާގައި އޭނާގެ މައްޗަށް ވަނީ އުމުރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އުމުރުން 85 އަހަރުގައި، ހުޅުމާލެ ޖަލުގައި އޭނާ މިއަދު މަރުވިއިރު، އޭނާ އަކީ މުސްކުޅި ބަލީގެ ސަބަބުން އެއްގޮތަކަށްވެސް ހިނގާ ބިނގާ ނޫޅެވޭ، އެނދުމަތިވެފައިވާ މީހެކެވެ.

ބުނީ ކީކޭ؟ ކަރެކްޝަނުން ބުނީ، ހަސަން މޫސާ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން ކަމަށެވެ.

"ޑޮކްޓަރު ބެލުމަށްފަހު 9:55 ހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވޭ. އަދި އޭނާ ނިޔާވީ ހިތްހުއްޓިގެންކަމަށް ބުނެފައިވޭ" ކަރެކްޝަނުން ބުންޏެވެ.

އެނގުން މުހިންމު - ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ފެންމަތިވީ އެ ކުއްޖާ ރޭޕްކޮށްފައި ހުރިކަން އެ ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގުމުުން އެކަން ރިޕޯޓުކުރުމުން ނެވެ. މި މައްސަލާގައި އެ ކުއްޖާގެ ކާފަ އިބްރާހީމް ދީދީ ވެސް ހުރީ އުމުރު ދުވަހަށް ޖަލަށް ލާފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް