ސަރުކާރުގެ އޮފީސްތައް ހުންނަ ވެލާނާގެ އިމާރާތަށް މީހަކު ވަންނަ އިރު ދެ މީހަކު ސައިކަލްގައި: ސިވިލް ސާވިސް ގަވައިދަށް ގެނައި އިސްލާހާ އެކު ސިޔާސީ ހަރަކާތުގައި ބައިވެރިވުމުން އަޅާ ފިޔަވަޅުތައް ސާފުވާނެ ކަމަށް ކޮމިޝަނުން ބުނޭ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފެކްޓް ޗެކު: ކުރިން ވެސް އޮންނަނީ ސިވިލް ސާވެންޓުންނަށް ސިޔާސީ ކަންކަމުގައި ނޫޅެވޭ ގޮތަށް

މިހާރު ގަވައިދު އޮތްގޮތުން މުވައްޒަފުންނަށް ފިޔަވަޅު އެޅޭނެ ހާލަތްތައް ސާފުވާނެ ކަމަށް ކޮމިޝަނުން ބުނޭ

ސިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމުން ފިޔަވަޅު އެޅޭ ގޮތަށް ސިވިލް ސާވިސްގެ ގަވައިދަށް މިދިޔަ ހަފްތާގައި ގެނައި އިސްލާހަކީ އާ އިސްލާހެއް ނޫން ކަމަށާއި އަލަށް ގެނައި އިސްލާހުން ގަވައިދުގައި ކުރިން ބުނެފައިވާ ކަންތައް އިތުރަށް ފުޅާކޮށް މާނަކޮށްދިނީ ކަމަށް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ސިވިލް ސާވިސް ގާނޫނަށް 2015  ވަނަ އަހަރު ގެނައިސްފައިވާ އިސްލާހުގައި ސިވިލް ސާވިސް މުވައްޒަފުން ކޮށްގެން ނުވާނެ ކަންތަކުގެ ގޮތުގައި މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ބޭނުންކޮށްގެން އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ނުވަތަ ނުފޫޒު ފޯރުވުމަކީ މަނާކަމެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.

ވަޒީފާ އިން ވަކިކުރާ ކުރުން ލިމިޓް ކުރެވުނީ މިބަދަލުގެ ސަބަބުން. ހަގީގަތުގައި ކުރީގެ ގަވައިދަށް ވުރެ ރަނގަޅު އިސްލާހެއް މިއީ. ސިވިލް ސާވެންޓުންނަށް ވަރަށް ސާފުކޮށް އެނގޭނެ މިހާރު އޭނަ އަށް ނުކުރެވޭނެ ކަންތައް،"

ކޮމިޝަނުގެ މެންބަރު ފާތިމަތު އާމިރާ

މީގެ އިތުރުން ކޮށްގެން ނުވާނެ ކަންތަކުގެ ތެރޭގައި ދެން ގާނޫނުގައި ބުނަނީ؛

  • މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުން

  • ސިވިލް ސާވިސްގައި ދެމިހުރިހާ ހިނދަކު ސިޔާސީ ޕާޓީއެއްގެ މަގާމުތަކުގެ ތެރެއިން ގާނޫނަކުން ނުވަތަ ސިވިލް ސާވިސްގެ ގަވައިދުގައި ހުއްދަ ނުކުރާ މަގާމެއް ފުރުން

އެ ގާނޫނުގެ ދަށުން ބާރު ލިބިގެން މީގެ ކުރިން އަމަލު ކުރަމުންދިޔަ ސިވިލް ސާވިސް ގަވައިދު ބުނާ ގޮތުން ގަވައިދާ ހިލާފަށް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމާއި ސިޔާސީ ހަރަކާތް ހިންގުމަކީ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެގޮތަށް ބަޔާންކޮށްފައި އޮތުމުން ސިޔާސީ ހަރަކާތުގައި ބައިވެރިވުމުން މުވައްޒަފުންނާ މެދު ފިޔަވަޅު އެޅޭނެ އެވެ. އަދި މީގެ ކުރިން އެފަދަ ފިޔަވަޅުތައް އަޅާފައި ވެސް އެބަހުއްޓެވެ.

އަލަށް ގެނައި އިސްލާހުގެ ދަށުން ސިވިލް ސާވިސް ގާނޫނުގައި ބުނާގޮތަށް ކުށުގެ ދަރަޖަތައް ވަކިކޮށް ވަނީ ބަޔާންކޮށްފަ އެޗެ. އަދި މުވައްޒަފުން ވަޒީފާ އިން ވަކި ކުރެވޭނެ ހާލަތްތައް ވެސް އާ އިސްލާހުގައި ސާފުކޮށް ވަނީ ބަޔާންކޮށްފަ އެވެ.

ސިވިލް ސާވިސްގެ ގަވައިދަށް މިދިޔަ ބުރާސްފަތިި ދުވަހު ގެނައި އިސްލާހުގައި ބުނާގޮތުން

  • އެއްވަނަ ދަރަޖައިގެ ކުށް އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުން

ދެވަނަ ދަރަޖައިގެ ކުށް

  • އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދައްކައި ސިޔާސީ ބަހުސް ކުރުން

ވަޒީފާ އިން ވަކިކުރެވިދާނެ ހާލަތްތައް

  •  މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ވެސް، ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ ވަޒީފާގައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން

  • މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅުން

ކުށުގެ ދަރަޖައަށް ބަލައި އަޅާ ފިޔަވަޅުތައް

  • ފުރަތަމަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ، އަނގަބަހުން ނުވަތަ ލިޔުމުން ނަސޭހަތް ދިނުން

  • ދެވަނަ ދަރަޖައިގެ ކުށްތަކަށް އިންޒާރު ދޭނީ ލިޔުމުން

  • ތިންވަނަ ދަރަޖައިގެ ކުށެއް ކޮށްފި ނަމަ މަގާމު ދަށްކުރެވޭނެ

ބުނީ ކީކޭ؟ - ސިވިލް ސާވިސްގެ ގަވައިދަށް ގެނައި އިސްލާހާ ގުޅޭ ގޮތުން ކޮމިޝަނުގެ މެންބަރު ފާތިމަތު އާމިރާ މިއަދު 'ދައުރު'އަށް ވިދާޅުވީ އަލަށް ގެނައި އިސްލާހާ އެކު ގާނޫނުގައި ބުނާގޮތަށް ފިޔަވަޅު އަޅާނެ މިންގަނޑުތައް ބަޔާން ކޮށްފައިވާނެ ކަމަށެވެ.

"ވަޒީފާ އިން ވަކިކުރާ ކުރުން ލިމިޓް ކުރެވުނީ މިބަދަލުގެ ސަބަބުން. ހަގީގަތުގައި ކުރީގެ ގަވައިދަށް ވުރެ ރަނގަޅު އިސްލާހެއް މިއީ. ސިވިލް ސާވެންޓުންނަށް ވަރަށް ސާފުކޮށް އެނގޭނެ މިހާރު އޭނަ އަށް ނުކުރެވޭނެ ކަންތައް،" އާމިރާ ވިދާޅުވި އެވެ.

"ކުރީގައި މި އިންނަނީ މި ގަވައިދާ ހިލާފަށް ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން. މިހާރު އެނގޭނެ ތިންވަނަ ދަރަޖައިގެ ތެރޭ ފިޔަވަޅު އެޅޭނެ ކަންކަން،"

އާމިރާ އިތުރަށް ވިދާޅުވީ، މިހާރު ގަވައިދުގައި އޮންނާނީ "ސިޔާސީ ހަރަކާތް" ގާނޫނުގައި ބުނާ މިންވަރަށް ހަނިކޮށްފައި ކަމަށާއި ފުޅާ މާނައެއްގައި ސިޔާސީ ހަރަކާތް ބޭނުންކޮށް ފިޔަވަޅު އެޅޭ ގޮތަށް އޮތް އޮތުން މިއާ އެކު ނިމުމަކަށް އަންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް