އައްޑޫ ގުޅިފައިވާ ސަރަހައްދުތަކުގެ ބިން ހިއްކުން ނިމުން ފާހަގަކުރުމަށް މިއަދު އެ އަތޮޅު މަރަދޫގައި ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ހައުސިން މިނިސްޓްރީ)

އައްޑޫ

އައްޑޫގެ ގުޅިފައިވާ ސަރަހައްދުގެ ބިން ހިއްކައި ނިމުން ފާހަގަކޮށްފި

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ތަށުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ހަންކެޑެގެ އިތުރުން ރިސޯޓު ހަދަން އާ ތިން ރަށެއް ހިއްކާފައިވޭ
7 ސެޕްޓެމްބަރު 2023

އައްޑޫގައި ކުރިއަށް ގެންދާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ ދަށުން، އެ އަތޮޅުގެ ގުޅިފައިވާ ރަށްރަށުން ބިން ހިއްކުމުގެ މަސައްކަތުގެ ނިމުން މިއަދު ފާހަގަކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ނުވަތަ ލޯނެއްގެ ދަށުން ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހަންކެޑެއިން އިތުރު ބިން އަދި ފަތުރުވެރިކަމަށް ހާއްސަކޮށް ތިން ރަށެއް ވަނީ ހިއްކައި ނިންމާފަ އެވެ.

އެ ސަރަހައްދުތަކުން ބިން ހިއްކައި ނިމުން ފާހަގަކޮށްދެއްވީ މަރަދޫގެ ހިއްކި ސަރަހައްދުގައި މިއަދު މެންދުރު ފަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އައްޑޫ ގުޅިފައިވާ ސަރަހައްދުތަކުގެ ބިން ހިއްކުން ނިމުން ފާހަގަކުރުމަށް މިއަދު އެ އަތޮޅު މަރަދޫގައި ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ހައުސިން މިނިސްޓްރީ)

ތަފްސީލު - ނެދަލެންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން އައްޑުއަށް ޖުމްލަ 190 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ހިތަދޫއިން - 80 ހެކްޓަރު

  • 2-

    މަރަދޫ އަދި މަރަދޫ ފޭދޫއިން - 76 ހެކްޓަރު

  • 3-

    ރިސޯޓު ތަރައްގީކުރަން ހިއްކި ރަށްތައް - 8.3 ހެކްޓަރު

ހަންކެޑެ ވެސް ހިއްކައި ނިންމާފައި ވާއިރު، އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގައި ހިމެނޭ ހުޅުދޫ އާއި މީދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ވެން އޫޑުން ހިއްކާފައިވާ 190 ހެކްޓަރުގެ އިތުރުން، އެމްޓީސީސީން ހިއްކާ ބިމާ އެކު، މި މަޝްރޫއުގެ ދަށުން ޖުމްލަ 228 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

އެނގުން މުހިންމު - މި މަޝްރޫއުގެ ސަބަބުން، ކުރިއަށް އޮތް 50 އަހަރަށް އައްޑޫގައި ބިމުގެ މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވަމުން މިދިޔަ ޖޫން މަހު ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުން، އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން އައްޑޫގައި ހިންގާ މަޝްރޫއުތައް ނިމޭއިރު، ޖުމްލަ 7،000 ޓޫރިސްޓް އެނދު އެ އަތޮޅުގައި ހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް