އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ހްެންވޭރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށްފަހު، ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

މުއިއްޒުގެ އިލްތިމާސް: ވޯޓު ގަޑުބަޑު ކުރަން ފުރުސަތު ނުދީ، އަވަހަށް ގޮސް ވޯޓުލައި ނިންމާލާތި

ވަރަށް ރަނގަޅަށް ވޯޓު ފޮށިތަކަށް ފާރަވެރިވުމަށް ވެސް މުއިއްޒު އެދިވަޑައިނެވި

ވޯޓުގެ ގަޑި އިތުރުކޮށްގެން ސަރުކާރުން 'ޖަހަން އުޅޭ ސަކަރާތެއް' ޖެހުމަށް ފުރުސަތު ނުދީ ވީހާ ވެސް އަވަހަކަށް ހުރިހާ ރައްޔިތުން ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލައި ނިންމާލުމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ކިބައިން އެދިވަޑައިފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މި ގޮތަށް އެދިވަޑައިގެންނެވީ، ރޭ ހެންވޭރުގައި ހުޅުވި ޕީޕީއެމް-ޕީއެންސީގެ ކެމްޕެއިން ޖަގަހައިގައި ދެއްކި ވާހަކައިގަ އެވެ.

ބުނީ ކީކޭ؟ - "އާންމުކޮށް މި ހަދާ ގޮތަކީ، ހަވީރު 4 ޖަހާ އިރު މިދަނީ ގަޑި އިތުރު ކުރަން. ދެން ކޮންމެވެސް ގޮތަކުން ގަޑި އިތުރު ކުރަނީ. [އެގޮތަށް ގަޑި] އިތުރުކޮށްގެން ދެން އެ ކުރަން އުޅޭ ކަމެއް ކުރެވޭތޯ ބަލަނީ. މި ފަހަރު އެހެންވިޔަ ނުދެއްވައި، ހުރިހާ ރައްޔިތުން މެންދުރު ފަސް ވާން ވާ އިރަށް ގޮސް ވޯޓުލައި ނިންމާލަދެއްވާ،" އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްދޭ މެސެޖެއްކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ހްެންވޭރުގެ ކެމްޕެއިން ޖަގަހަ ހުޅުވުން (ފޮޓޯ/ޕީޕީއެމް)

ތަފްސީލު - މުއިއްޒު ވިދާޅުވީ އެއްވެސް ބޭފުޅަކު ފަހު ވަގުތަށް ވޯޓުލާން މަޑުނުކުރައްވައި، ވޯޓު ލުމުގެ ހައްގު ލިބިގެންވާ ހުރިހާ ބޭފުޅުން ވެސް މެންދުރު 2ގެ ކުރިން ވޯޓުލައި ނިންމާ ލުމަށް އެދޭ ކަމަށެވެ. އަދި ރައްޔިތުން ވަރަށް ރަނގަޅަށް ފާރަވެރިވެ، ވަގު ހެދުމަށް ފުރުސަތު ނުދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"[މެންދުރު] 2ގެ ފަހުން ވޯޓުލާނެ މީހަކު ބަހައްޓަވާނެ ކަމެއް ނެތް. މުޅި ރާއްޖޭގެ ރައްޔިތުންނަށްދޭ މެސެޖެއް މިއީ. ހެނދުނު ފަށާ ގަޑީގައި ވަޑައިގެން މެންދުރު ފަސް ވާންވާ އިރަށް ވޯޓުލާ ނިންމާލަންވީ. 4 ޖެހީމާ ގަޑި އިތުރު ކޮށްގެން ޖަހަން އުޅޭ ސަކަރާތެއް ޖެހުމަށް މި ފަހަރު ފުރުސަތު ދެއްވާނެ ކަމެއް ނެތް." މުއިއްޒު ވިދާޅުވި އެވެ.

"ނިކަން ބޮޑަށް ބައްލަވަން ވާނެ، ފޮށިތައް ކައިރީ ކަންތައް ކުރާ ގޮތް. އަޅުގަނޑުމެންގެ އޮބްޒާވަރުންނާއި މޮނީޓަރުން ވެސް ތިއްބަވާނެ. އެހެން ނަމަވެސް މިފަހަރުގެ ވޯޓުގައި މި ސަރުކާރަށް އެކަން ކުރުމުގައި އޮޅުވާލުމުގެ ފުރުސަތު ދީގެން ނުވާނެ،"

ރޭގެ ބައްދަލުވުމުގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ހްެންވޭރުގެ ކެމްޕެއިން ޖަގަހަ ހުޅުވުން (ފޮޓޯ/ޕީޕީއެމް)
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ހްެންވޭރުގެ ކެމްޕެއިން ޖަގަހަ ހުޅުވުން (ފޮޓޯ/ޕީޕީއެމް)

ރޭގެ ބައްދަލުވުމުގައި ވެސް މުއިއްޒު ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވުދާޅުވެ، ރާއްޖޭގެ މިނިވަންކަން މިހާރު ގެއްލޭ ހިސާބުގައި އޮތް ކަމަށް ވިދާޅުވެފަ އެވެ. ގައުމުގެ އެތެރޭގެ ކަންކަން އަމިއްލައަށް ނިންމުމުގައި ބޭރުގެ ނުފޫޒު އޮތްކަން ފާހަގަކޮށް، މިފަހަރު ލާ ވޯޓަކީ، މިނިވަން ކަމަށް ޓަކައިދޭ ވޯޓަކަށް ހެއްދެވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"މިއީ ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ނޫން. ގައުމުގެ ހާލަތު ހަގީގަތުގައި ވެސް މިއޮތީ މި ހިސާބުގައި. ލޯ ހުޅުވައިގެން ބަލަން އެބަ ޖެހޭ. ލޯ މަރާފިއްޔާ ތާ އަބަދަށް ލޯ މެރިގެންދާނެ. އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެންނަށް މައާފު ނުކުރާނެ ކަމެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް