4 ސެޕްޓެމްބަރު 2023 - ސްރީ ލަންކާގެ 800 މީޓަރުގެ ރެކޯޑް އޮންނަ އަދި އޭޝިއާއިން ވެސް ފާހަގަކޮށްލެވޭ ދުވުންތެރިޔާ އިންދުލިން މަޑުޝަން ހިރާތު

އެތުލެޓިކްސް

ސްރީ ލަންކާގެ 800 މީޓަރުގެ ޗެމްޕިއަން ރާއްޖޭގެ ޒުވާން ދުވުންތެރިންނާ އެކު އެއް މަސް ހޭދަކުރަނީ

ނަސީރު ސްޕޯޓްސް އެކަޑަމީގެ ފަރާތުން ގެނައި އިންދުނިލް ހިރާތު އަންނަނީ އޭޝިއާގެ އެންމެ މަތީ ލެވެލްގައި ވެސް ވާދަކުރަމުން
4 ސެޕްޓެމްބަރު 2023

ސްރީ ލަންކާގެ 800 މީޓަރުގެ ޗެމްޕިއަން އަދި އޭޝިއާގައި ވެސް ފާހަގަކުރެވޭ ދުވުންތެރިއެއް ކަމަށްވާ އިންދުނިލް މަދުޝަން ހިރާތު، މަހެއްހާ ދުވަސް ވަންދެން ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ތަމްރީން ދޭން ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގެ 800 މީޓަރުގެ ގައުމީ ރެކޯޑް އޮންނަ އަދި މިހާރު ކޯޗެއްގެ ގޮތުން ހަރަކާތްތެރިވާ ނަސީރު އިސްމާއިލްގެ ނަސީރު ސްޕޯޓްސް އެކަޑަމީ (އެންއެސްއޭ)އާ ގުޅިގެން އައި 30 އަހަރުގެ ދުވުންތެރިޔާ މިހާރު ގެންދަނީ ހުޅުމާލެ އާއި މާލޭގައި، ޒުވާން އެތުލީޓުންނަށް ތަމްރީން ދެމުންނެވެ.

އޭޝިއަން ޔޫތު ގޭމްސްގައި 800 މީޓަރުން ލޯ މެޑެލް އަދި ސާފް ގޭމްސްގައި ރަން މެޑެލް ހޯދުމުގެ އިތުރުން ހިރާތު ވަނީ އޭޝިއާގެ ބޮޑެތި މުބާރާތްތަކުގެ ފައިނަލްގައި ވެސް ދުވެފަ އެވެ.

ހިރާތުގެ ކަސްރަތުތައް އެނގުމަކީ ވެސް މުހިންމު ކަމެއް ކަމަށް ނަސީރު އިސްމާއިލް ބުނި

ސްރީ ލަންކާގެ އެއްވެސް ދުވުންތެރިޔަކަށް މުގުރާނުލެވި އޮތް 800 މީޓަރުގެ ގައުމީ ރެކޯޑް، 25 އަހަރު ފަހުން، 2018ގައި އޭނަ މުގުރާލީ 1 މިނިޓް 47.13 ސިކުންތުން ދުވެގެންނެވެ.

ނަސީރު 1999ގައި 800 މީޓަރުން ހެދި ގައުމީ ރެކޯޑްގެ ވަގުތަކީ 1 މިނެޓު 53:08 ސިކުންތެވެ. މި ރެކޯޑާ އެއްވަރަށް ދުވެވުނު އެހެން ދުވުންތެރިޔަކު އަދިވެސް ނުއުފެދެ އެވެ.

ނަސީރު ބުނީ ހިރާތު ގެނައީ ދުވުމުގެ ރޮނގުން ކުރިއަށް ދާން ބޭނުން ޒުވާން ދުވުންތެރިންނަށް، އެ ފެންވަރުގެ ދުވުންތެރިންގެ ތަޖުރިބާތައް ކިޔައިދޭށާއި ތަމްރީންތައް ބުނެދިނުމުގެ ގޮތުން ކަމަށެވެ.

"ރާއްޖޭގެ ގިނަ ދުވުންތެރިންނަށް މި ފެންވަރުގެ ދުވުންތެރިންނާ ސީދާ ބައްދަލުވެ، އެމީހުންގެ ވާހަކަ އަޑުއިވިފައެއް ނޯންނާނެ. ވަރަށް މުހިންމު ކަމެއް، މި ދުވުންތެރިންގެ ގުރުބާނީ އެނގުން،" ނަސީރު ބުންޏެވެ.

"ދެން ހަމަ އެހެން އެ މީހުން އެ ތަމްރީން ހަދާ ގޮތާއި ކެއުން ބަހައްޓާ ގޮތް، ނިދުމާއި އަަރާމުކުރާ ގޮތް. މި ހުންނަނީ މޮޅެތި ދުވުންތެރިންނަށް ވާން އެނގެން ޖެހޭ ކަންކަން."

މާލޭގައި ހިރާތު ހޭދަކުރާ ދުވަސްތަކުގައި ތަމްރީނު ހެދޭނީ ހަމައެކަނި އެންއެސްއޭގެ ދުވުންތެރިންނަކަށް ނޫނެވެ. ކޮންމެ ދުވުންތެރިޔަކަށް ވެސް، އެ ސެޝަންތަކުގައި ހިލޭ ބައިވެރިވެވޭނެ ކަމަށް ނަސީރު ބުންޏެވެ.

ހިރާތުގެ ތަމްރީންތައް ކުރިއަށް ދާނެ ގޮތް

ހުޅުމާލޭ ޓްރެކް ދަނޑުގައި، ހަވީރު 4:00 އިން 6:00 އަށް

  • ހޮނިހިރު، ހޯމަ، ބުދަ

މާލޭ އެކުވެނި ދަނޑުގައި، ހަވީރު 4:00 އިން6:00 އަށް

  • އާދިއްތަ، އަންގާރަ، ބުރާސްފަތި

ރާއްޖޭގެ ޒުވާން ދުވުންތެރިންނަށް ހިރާތު، އިއްޔެ އެހީތެރިވަނީ

ހިރާތު ވަނީ ކެންޔާގައި ވެސް ތަމްރީންތައް ހަދައިފަ އެވެ. އެ ތަމްރީންތައް އޭނާ ކުރިއަށް ގެންދިޔައީ އޮލިމްޕިކްސްގެ ދެ ރަން މެޑެލް ހޯދި ކުރީގެ ދުވުންތެރިއެއްގެ އިރުޝާދުގެ ދަށުންނެވެ.

ނަސީރު ބުނީ އެ ފެންވަރުގެ ތަމްރީން ލިބިފައި ހުރި އަދި މިހާރު ވެސް ދުވުންތެރިއެއްގެ ގޮތުގައި ތަމްރީން ހަދަމުން އަންނަ ހިރާތުގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށެވެ.

"ހަމައެކަނި އޭނާގެ ވާމްއަޕް އާއި ވާމްޑައުންގެ ކަސްރަތުތައް ވެސް، އެހާ ރަނގަޅުވާނެ. ދުވަން ބޭނުން ކުދިން ހަމަ އަންނަންވީ. މިއީ ހަމަ ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެއް،" ނަސީރު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް