މާލޭގައި ހިންގި 'ޑްރަގު ކެފޭ'އެއް ހޯދައި އެ ތަން ނައްތާލުމަށް ފުލުހުން ސެޕްޓެމްބަރު 2021ގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

އެމްޑީޕީ

އެމްޑީޕީގެ މެނިފެސްޓޯ: މަސްތުން ސަލާމަތްކުރަން ވަށާޖެހޭ ފަރުވާ ދޭން 3 ސަރަހައްދެއްގައި 'ރިކަވަރީ ވިލެޖު'

އަނބުރާ މުޖުތަމައުއަށް ގެނައުމަށް ބޭނުންވާނެ ހުރިހާ ހިދުމަތަކާއި ފަރުވާއެއްގެ އިތުރުން، ދިރިއުޅުމުގެ ހުނަރާއި ތަމްރީނު ރިކަވަރީ ވިލެޖުތަކުން ލިބޭނެ
1 ސެޕްޓެމްބަރު 2023

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ބޭނުންވާނެ ހުރިހާ ހިދުމަތަކާއި ފަރުވާއެއް ލިބޭ ގޮތަށް، 'ރިކަވަރީ ވިލެޖު'ތަކެއް ގާއިމްކުރަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް ހުށަހަޅުއްވާ މެނިފެސްޓޯގައި ހިމަނުއްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ ހަފްތާގެ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން މާލެ ސަރަހައްދަށް ހުށަހަޅާ 'އުފާވެރި މާލެ' މެނިފެސްޓޯ، މާލޭ ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބޮޑު ޖަލްސާގައި ވަނީ އާންމުކޮށްފަ އެވެ. 'ރިކަވަރީ ވިލެޖު' ގާއިމްކުރުން ހިމަނާފައި ވަނީ އެ މެނިފެސްޓޯގަ އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

ތަފްސީލް - މެނިފެސްޓޯގައިވާ ގޮތުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ބޭނުންވާނެ ހުރިހާ ހިދުމަތަކާއި ފަރުވާއެއްގެ އިތުރުން، ދިރިއުޅުމުގެ ހުނަރާއި ތަމްރީނު ރިކަވަރީ ވިލެޖުތަކުން ލިބޭނެ އެވެ.

ރިކަވަރީ ވިލެޖުން ފޯރުކޮށްދޭނެ ހިދުމަތްތަކަކީ:

  • ދިގު މުއްދަތުގެ ރިކަވަރީ ލަނޑުދަނޑިތައް ކަނޑައަޅައި ފަރުވާ ދިނުން

  • ފަރުވާ ފުރިހަމަ ކުރުމަށް ފަހު ދެން އަމަލުކުރާނެ ގޮތުގެ ފުރިހަމަ އާފްޓަ ކެއާ ޕްލޭނެއް އެކުލަވާލަން އެހީތެރިވުން

  • ސިއްހީ ރަނގަޅު އާދަތައް އަށަގަންނުވައި ތެރަޕީ ސެޝަންތަކާއި މަސައްކަތްތެރި ކަންތައްތައް މެދުވެރިކޮށް، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުވުން

  • ތެރަޕީ ފަދަ އުކުޅުތައް ބޭނުންކޮށްގެން، އާއިލީ ގުޅުންތައް ވަރުގަދަކޮށް، އަނބުރާ މުޖުތަމައުއަށް ނުކުންނައިރު، ގޭތެރެއިން ބޭނުންވާ އެހީތެރިކަން ލިބޭނެ މާހައުލެއް ގާއިމްކޮށްދިނުން

މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މި ވިލެޖުތަކުގައި ހުންނާނެ ވަސީލަތްތަކަކީ:

  • ރިހެބިލިޓޭޝަން ސެންޓަރު

  • ދިރިއުޅޭނެ ތަންތަން

  • ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް

  • އާއިލީ ބައްދަލުވުންތައް ހާއްސަ ތަންތަން

  • ހިތްފަސޭހަކޮށްލަން ހުސް ތަންތަން

  • އަމިއްލަ ބޭނުންތަކަށް ވިޔަފާރިކުރެވޭނެ ފިހާރަތައް

  • މަލްޓި ޕާޕަސް ހޯލް

  • ރެސްޓޯރަންޓާއި ކެފޭ

އެނގުން މުހިންމު - މެނިފެސްޓޯގައިވާ ގޮތުން، މިފަދަ ރިކަވަރީ ވިލެޖުތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރާނެ އެވެ. ނަމަވެސް، އެއީ ސީދާ ކޮން ތަންތަނެއް ކަމެއް އަދި ނޭނގެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް