އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި (ފޮޓޯ/ ޕީޕީއެމް)

ރޯދައިގެ ފަހު 10ގައި ސަރުކާރު ބަންދު ކުރާނަން: މުއިއްޒު

8އިން ދަށް ގްރޭޑް ތަކުގެ ދަރިވަރުންނަށް ވެސް ރޯދައިގެ ފަހު 10 ބަންދު ވާނެ

އޭނާގެ ވެރިކަމެއްގައި ރޯދަ މަހުގެ ފަހު 10ގައި އަޅުކަމަށް ހާއްސަކުރުމުގެ ގޮތުން އެއީ، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްްސާނޭ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މިގޮތަށް ވިދާޅުވީ މީގެ ހަފްތާއެއްހާ ދުވަސް ފަހުން ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިރޭ ބ. އޭދަފުށިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑު ގަސްތުކުރަނީ، ރަމަޟާން މަހުގެ ފަހު 10 އެއީ އެއްކޮށް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އޭދަފުށީގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

ތަފްސީލު - މުއިއްޒު ވިދާޅުވީ، އެ ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރެވޭނެ ކަމަށެވެ. އަދި އުމްރާއަށް ދާ ސަރުކާރު މުވައްޒަފުންނަށް ވެސް ބައިވަރު ޗުއްޓީތަކެއް ނުނަގައި، އެ އަޅުކަމަށް ދިޔުމަށް ވެސް ފަސޭހަ ވެގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން، ފަހު 10ގައި ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ލުއިތަކެއް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން:

  • ގްރޭޑް އަށަކުން ދަށް ގްރޭޑްތައް ބަންދު ވާނެ

  • އަށަކުން މަތީ ގްރޭޑްތަކަށް އިމްތިހާންތައް ހުންނަ ގޮތުން އެ ކަނޑައަޅާ ގޮތެއްގެ މަތިން ފަހު 10ގައި ސްކޫލަށް ދާން ޖެހޭނެ

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުށިގައި ބޭއްވި ޖަލްސާގެ ތެރެއިން

މާލޭގެ މޭޔަރުކަން ވެސް ކުރައްވަމުން ގެންވާ މުއިއްޒުގެ ވާހަކައިގައި އޭނާ ވަނީ، މިދިޔަ އީދު ބަންދު ތެރޭ މާލޭގައި ގިނޑިގެ ފަދަ ތަކެތި ހަދާ ކައުންސިލުން މަގުތައް ޒީނަތްތެރި ކުރި ވާހަކަ ވެސް ފާހަގަކުރައްވައިފަ އެވެ. އަދި މަގުމަތީގައި ހަރުކޮށްފައިވާ ޑިޖިޓަލް ލައިޓުތަކުން ތަކުބީރުގެ އަޑު އިވޭގޮތަށް ހެދުމުން އެކަން ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެއީ، ކީއްވެގެންތޯ؟ އެއީ، އަޅުގަނޑުމެންގެ ހިތުގައި އޮތީ، އިސްލާމް ދީނުގެ އަލިގަދަ ނޫރު. އެހެންވީމާ، އެކަން އިހުސާސްވާ ބަޔަކު ވެރިކަމުގައި ތިބެން ޖެހޭނީ،" މުއިއްޒު ވިދާޅުވި އެވެ.

"ދީނާ ދުރު މީހުން ވެރިކަމުގަ ތިބީމާ، ދީނީ ކަންކަން ކުރުމުން އެމީހުންގެ ހިތައް އުދަނގޫވާނެ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް