ރ. ފައިނު: ޔާމީންގެ ސަރުކާރުގައި އެ ރަށުގައި އަޅަން ނިންމި އެއާޕޯޓު އޭނާގެ ސަރުކާރެއްގައި އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި. (ފައިލް ފޮޓޯ/ އައިލެންޑް ލެޖެންޑް
ޔާމީން އަޅަން ނިންމި ފައިނު އެއާޕޯޓު ތަރައްގީކުރާނަން: މުއިއްޒު
ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމި ނިންމުން، މި ސަރުކާރުން ބަދަލުކޮށްފައި ވިޔަސް، ޔާމީންގެ ތަަސައްވުރާ އެއްގޮތަށް އެ އެއާޕޯޓު އެ ރަށުގައި އަޅައިދޭން، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންނެވި އެވެ.
ވީ ކިހިނެއް؟ - ޔާމީންގެ ތާއީދާ އެކު ވާދަކުރައްވާ މުއިއްޒު އެހެން ވިދާޅުވީ، އަންނަ މަހުގެ 9ގައި އޮންނަ އިންތިހާބުގެ ކެމްޕެއިނަށް ރ. އިނގުރައިދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގަ އެވެ.
ބުނީ ކީކޭ؟ - "ފައިނުގައި އެއާޕޯޓް އަޅަން ހިއްކަން ޖެހެނީ ވަރަށް ކުޑަ ބިމެއް. ބިން ހިއްކުން ވަރަށް ކުޑަ، ހަރަދު ކުޑަ، ދެކޮޅު ޖެހޭ މަޝްރޫއެއް. މީދޫ، މަޑުއްވަރި ދާއިރާއަށާއި މި ސަރަހައްދުގެ ހުރިހާ ރިސޯޓްތަކާއި ހުޅުވެން އޮތް 10 ވަރަކަށް ރިސޯޓަށް ވެސް [ފައިދާ ކުރާނެ]، ދެކޮޅު ޖެހޭ ވަރަށް ރަނގަޅު އިންވެސްޓްމެންޓަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑު މި ތަނުގައި ދަންނަވާލަން، ފައިނުގައި އެއާޕޯޓް އެޅުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫއެއް."
ތަފްސީލު - ރ. އަތޮޅުގައި މިހާރު އޮންނަނީ އެ އަތޮޅު އިފުރުގައި ހަދާފައިވާ އެއާޕޯޓު އެކަންޏެވެ. އެއީ އެ އަތޮޅުގެ ދެކުނު ބިތުގައި ހުރި ރަށްތަކާ ދުރުގައި އޮތް އެއާޕޯޓެކެވެ.
އެ ރަށްތަކުގެ ރައްޔިތުންނަށް އަމާޒުކޮށް މި ސަރުކާރުން އެއާޕޯޓު އަޅަން ނިންމީ ރ. ކިނޮޅަހާ ޖެހިގެން އޮންނަ ބެރިޔަންފަރުގަ އެވެ. ނަމަވެސް، އެކަން ކުރަން އެ ފަރު ހިއްކަން ޖެހުމަކީ، މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، ފައިނުގައި އެއާޕޯޓު އެޅުމަށް ވުރެ ހަރަދު ބޮޑުވާނެ ކަމެކެވެ.
ފާހަގަކޮށްލެވޭ ކަމެއް - ފައިނުގައި އެއާޕޯޓު އެޅުމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ރަށުގެ ބައެއް އާންމުންނާއި ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުން ބޮޑު ކެޕެއިނެއް ކުރި އެވެ. 'ސޭވް ފައިނު' ކެމްޕެއިން ހިންގީ، އެއާޕޯޓު އެޅުމަށް 5،500އެއްހާ ރުއްގަސް ކަނޑަން ޖެހި، ތިމާވެއްޓަށް އެތައް ގެލުންތަކެއް ލިބޭނެތީ އެވެ.
އެހެންވެ، އައިލެންޑް އޭވިއޭޝަންއާ ހަވާލުކުރި އެ މަޝްރޫއު ކުރިއަށް ގެންދަން ޔާމީންގެ ސަރުކާރަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.