ރައްކާތެރި ގޮތުގައި ތިލަފުއްޓަށް ކުނި ގެންދިޔުމަށް މާލޭގައި ގާއިމް ކުރި ސެންޓަރު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މަސައްކަތް ނުފެނިދާނެ، އެކަމަކު ތިލަފުށީގައި އެ ކުރަނީ ތިމާވެއްޓަށް ސަރުކާރަކުން ކުރާ އެންމެ ބޮޑު މަސައްކަތް: ޝައުނާ

އޭނާ ވިދާޅުވި ގޮތުގައި، ތިލަފުށީގައި ކުރިއަށް ގެންދާ ބިޔަ މަޝްރޫއުން ކުރިއެރުންތަކެއް މިހާރު ވެސް އަންނަނީ ފެންނަމުން

ކުނި މެނޭޖްކުރުމަށް ތިލަފުށީގައި ކުރަމުން އަންނަ މަސައްކަތް، މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސީދާ ނުފެނުނު ނަމަވެސް އެއީ، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ސަރުކާރަކުން މިހާތަނަށް ކުރަމުން އަންނަ އެންމެ ބޮޑު އަދި އެންމެ މުހިއްމު މަސައްކަތް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެއިން ތިލަފުއްޓަށް ގެންދާ ކުނި، ވެހިކަލްތަކަށް ބަރުކޮށްގެން ބާޖަށް އަރުވައިގެން ގެންދިއުން ނިމުމަކަށް ގެނެސް، ރައްކާތެރި ގޮތުގައި ކުނި އުފުލުމަށް އާ ހިދުމަތެއް ސަރުކާރުން ރޭ ވަނީ ތައާރަފްކޮށްފަ އެވެ. ދެން ކުނި ގެންދާނީ، މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ރޭ ހުޅުވި 'ވޭސްޓް ޓްރާންސްފާ ސެންޓަރު'ން ކުނި ވަކިކޮށް، ހާއްސަ ކޮންޓޭނަރުތަކެއްގައި ރައްކާތެރި ގޮތުގަ އެވެ.

މި ސެންޓަރު ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވަނީ މާލެ ސަރަހައްދުގައި ކުނި ނައްތާލުމަށް ހުރި ގޮންޖެހުންތަކާއި އެކަމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - އޭނާ އެންމެ ބޮޑަށް ފާހަގަކުރެއްވީ، މާލެ ސަރަހައްދުން އުކާލާ ކުނި ނައްތާލައި އެއިން ހަކަތަ އުފެއްދުމަށް، 2021 ވަނަ އަހަރު ސަރުކާރުން ފެށި ބިޔަ މަޝްރޫއެވެ. މި މަޝްރޫއު ނިމޭއިރު، ތިލަފުށީގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ރައްކާތެރި ގޮތުގައި ތިލަފުއްޓަށް ކުނި ގެންދިޔުމަށް މާލޭގައި ގާއިމް ކުރި ސެންޓަރުގައި ކޮންޓޭނަރުތަކަށް ކުނި އަޅާ ގޮތް ދައްކާލަނީ (ފޮޓޯ/ރައީސް އޮފީސް)

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖުމްލަ 500 ޓަނު ކުނި ނައްތާލުމުގެ ކެޕޭސިޓީއާ އެކު ފެށި މި މަޝްރޫއުގެ ދަށުން ކުރިއެރުންތަކެއް މިހާރު ވެސް އަންނަނީ ފެންނަމުންނެވެ.

ޝައުނާ ވިދާޅުވީ:

  • ތިލަފުށީގައި އުފެދިފައިވާ ކުނި ފަރުބަދައިގެ އަލިފާންގަނޑު ނިއްވާލައި އެ ތަނުގެ ވިހަ ދުމުން މާލެ އާއި ކައިރި ރިސޯޓުތައް ސަލާމަތްކުރެވިފައިވަނީ ވަރަށް ގިނަ މަސައްކަތްތަކަށް ފަހުގައި

  • އެ ތަނުން އަރަމުން ދިޔަ ދުންތައް، ފެންކޮޅެއް ޖަހާލައިގެން ހުއްޓުވާލެވިދާނެ ކަމަށް ހީވިޔަސް އެއީ ވަރަށް ގިނަ ދިރާސާތައްކޮށް، ފަންނީ ލަފައާ އެކުގައި ކޮށްފައިވާ މަސައްކަތެއް

މިނިސްޓަރު ވަނީ، އެ މަސައްކަތް އެހާ އަވަހަށް ނިންމާލެވުނީ، ކޮވިޑް-19ގެ ދަތިކަމާ އެކުގައި ވެސް އެ މަޝްރޫއު ހުއްޓާނުލައި ކުރިއަށް ގެންދިއުމުން ކަން ފާހަގަކުރައްވާފަ އެވެ.

"ތިލަފުށީގައި ކުރަމުންދާ މަސައްކަތަކީ މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސީދާ ނުފެނުނު މަންޒަރެއް ނަމަވެސް އެއީ މާލެ ސަރަހައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ސަރުކާރަކުން މިހާތަނަށް ކުރަމުންދާ އެންމެ މުހިއްމު މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

މާލޭގެ އާބާދީ އާއި ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާ އެކު، ކުނި މެނޭޖްކުރުމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި ކަމަށް ޝައުނާ ވިދާޅުވި އެވެ. އެގޮތުން، ރައްކާތެރިގޮތުގައި ކުނި ނައްތާލައި ކުނި މަދު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • މާލޭގައި ކުނި އެޅުމަށް އެންމެ ފުރަތަމަ ގާއިމު ކުރީ، އަވަށު ކުނިކޮށިތައް. އެކަމަކު އެތަނަށް އެޅޭ ކުނީގެ އަދަދު ގިނަވެ، ބަންދު ކުރަން ޖެހުނު.

  • އޭގެ ބަދަލުގައި ކުނި އެޅުމަށް، މާލޭގެ ކުޅިވަރު އެކުވެނި ސަރަހައްދުގައި ކުނި ކޮއްޓެއް ގާއިމް ކުރި ނަމަވެސް، އެ ތަނުގެ ކައިރީގައި ހުންނަ ސްކޫލުތަކާއި އާއްމުންނަށް އުނދަގޫތައް ކުރިމަތިވި

  • މާލޭގެ ކުނި މެނޭޖްކުރަމުން ދިޔަ ތިލަފުށީގެ ހާލަތު އޭރު ދިޔައީ ގޯހުން ކަމަށް މިނިސްޓަރު ވިދާޅުވި؛ ނަމަވެސް، އެކަން ހައްލުކުރުމަށް މިހާރު ފަށާފައިވާ ބޮޑު މަޝްރޫއުގެ ސަބަބުން ހައްލުތަކެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި

ޝައުނާ ވިދާޅުވީ ރޭ އިފްތިތާހުކުރި ސެންޓަރުގެ މައިގަނޑު މަގްސަދަކީ، މާލެ ސަރަހައްދުގައި އުފެދޭ ކުނި ކޮންމެ ދުވަހަކު މެނޭޖްކޮށް ބެލެހެއްޓުމާއި ތިލަފުށީގައި ހުރި ކުނި ފަރުބަދަ އިތުރަށް ރީހިބިލިޓޭޓް ކުރުން ކަމަށެވެ.

ކޮމެންޓް (1)

ލޮލޮލޮލޮލޮލް

29 އޯގަސްޓު 2023
އަމައްޔާތް ޝައުނާ! އެއްފައި ކުރިމައްޗަށް އަނެއް ފައި އެޅީމަ ހިނގޭކަން އެނގޭބާ؟ އެކަމާ އަޖައިބު ނުވޭބާ؟ މިއީ ވެމްކޯ ވުޖޫދަށް ގެނައި އިރު އެމީހުން ކުރަން ޖެހޭ ކަމެއް. ފިރުކޭތާ 7 އަހަރުން ދުއްވައިގަނެވުނޭ ބުނީމަ މަ ވީ އަޖައިބުވާން؟؟؟ ވާސަރިވާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް