ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ގދ. ހޯނޑެއްދޫގައި ވާހަކަ ދައްކަވަނީ: މުއިއްޒު އެދިވަޑައިގެންނެވީ ނުހޮވޭނެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ވޯޓު ބޭކާރުކޮށް ނުލުމަށް (ފޮޓޯ/ ޕީޕީއެމް)
ނުހޮވޭނެ ކެންޑިޑޭޓުންނަށް ވޯޓުލައިގެން ވޯޓު ބޭކާރުކޮށްނުލާ: މުއިއްޒު
އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބު، ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ، އެއީ ރައްޔިތުންގެ ފައިސާ ވަރަށް ބޮޑަށް އިސްރާފުވުން ކަމަށް ވިދާޅުވެ، ނުހޮވޭނެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން ވޯޓު ބޭކާރުކޮށްނުލުމަށް، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އެއް ބުރުން އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ، މީގެ ކުރިން ވެސް ވާހަކަ ދައްކަވާފައިވާ މުއިއްޒު އެހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނަށް މިހާރު ހުވަދޫގެ ރަަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ހަވީރު ގދ. ހޯނޑެއްދޫގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "އެނގި ހުރެ ދެ ވަނަ ބުރަށް ނުދާނެ ބަޔަކަށް ވޯޓުލައިގެން އެ ވޯޓު ބޭކާރު ކުރަން ޖެހޭ ސަބަބެއް ނޯންނާނެ. އެނގި ހުރެ، ތިމަންނަ ވޯޓުލާ ޕާޓީ އަކީީ އެއް ވަނައިގާ ނޫނީ ދެ ވަނައިގާ ވެސް ލައްވާނުލާނެ ޕާޓީއަކަށް ވަންޏާ [އެ ކެންޑިޑޭޓަކަށް] ވޯޓުލުމުގެ ބޭނުމެއް ނެތް ދެއްތޯ؟ އެ ވޯޓު ބޭކާރު ވަނީ މުޅިން،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ، މިއީ ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް. އެއަށް ވުރެ މާ ރަނގަޅުވާނެ ކުރިއަށް ބާރަށް ދެވޭނެ ގޮތެއް ނިންމަން. ރަށްޔިތުންގެ ތަރައްގީ އާއި މި ރަށާއި މި ގައުމުގެ ތަރައްގީއަށްޓަކައި ޔަގީނުން ވެސް [ހޮވޭނެ ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް] ގޮތެއް ނިންމުން."
އެނގުން މުހިންމު - ދެ މީހުންނަށް ވުރެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ، އެއް ބުރުން ވެރިކަމަށް އިންތިހާބުވުމަށް %50.01 ވޯޓު އެ ކެންޑިޑޭޓަކު ހޯދަން ޖެހެ އެވެ. އެގޮތުން:
-
އެ އަދަދަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބިއްޖެ ނަމަ، އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބާއްވާނެ
-
އެ ހާލަތުގައި ރައީސަކު އިންތިހާބު ވާނީ، ދެވަނަ ބުރެއްގައި އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް
-
ދެ ވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، 30 މިލިއަނެއްހާ ރުފިޔާ އިތުރަށް ހަރުދުުވާނެ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވޭ
މުއިއްޒު ވިދާޅުވީ، ދެ ވަނަ ބުރެއް ބާއްވައިގެން އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހަރަދު ކުރަން ޖެހޭ ނަމަ، އެ ހޭދަކުރެވެނީ ވަރަށް "ބޭކާރު ފައިސާ" ކަމަށެވެ. އެ ފައިސާއިން ހޯނޑެއްދޫ ފަދަ ރަށްތަކުގެ ބަނދަރު ނުވަތަ އެ ނޫން ވެސް ގިނަ މަޝްރޫއުތައް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްކައިރި ކޮށްލަން. ކުރިއަށް އޮތް އިންތިހާބަށް ބަލާއިރު، މާ ގިނަ ޓެސްޓް ރައުންޑްތަކެއް މުހިންމެއް ނޫން، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި. ދެ ވަނަ ބުރަކަށް ދާން ޖެހޭ ސަބަބެއް އޮވެގެން ދެ ވަނަ ބުރަކާ މެދު ވޯޓުލާންވީ. އެއް ބުރުން ނިންމެން އެބަ އޮތް،" ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާންގެ ރަށް ކަމުގައިވާ ހޯނޑެއްދޫގައި މުއިއްޒު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ހޯނޑެއްދުއަށް މުއިއްޒު ވައުދުވެވަޑައިގެންވި ބައެއް ކަންކަން:
-
ހޯނޑެއްދޫ ކައިރީގައި އޮތް ކަޑެވައްރެހާގައި ޓޫރިޒަމްގެ މަޝްރޫއުތައް ހިންގޭނެ ފުރުސަތު ހުޅުވާލުމަށް މަސައްކަތްކޮށްދިނުން
-
ރަށުގެ ސިއްހީ ކަންކަން އިތުރަށް ތަރައްގީކޮށްދިނުން
-
މިސްކިތެއް އަޅައިދިނުން
-
ސްކޫލްގެ ކްލާސްރޫމް އިތުރުކޮށް، މަލްޓިޕާޕަސްހޯލެއް ގާއިމްކޮށްދިނުން
-
މަގު ހެދުން
-
ގިރާ ސަރަހައްދު ހިމާޔަތްކުރުން
"އަޅުގަނޑު ދޭ ޔަގީން ކަމަކީ، ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖައްސައިދޭނަންކަން. ސުވާލެއް ވެސް އޮތް ކަމެއް ނޫން، ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.