އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ގދ. މަޑެވެއްޔަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ (ފޮޓޯ/ ޕީޕިއެމް)

މުއިއްޒު މަޑަވެއްޔަށް: ބިން އިތުރުކޮށް، ޒަމާނީ ބަނދަރެއް ގާއިމްކޮށްދޭނަން

ރައްޔިތުން ވެރިކަން ހަވާލުކޮށްފި ނަމަ، ނަތީޖާ ނެރެދޭނެ ކަމަށް މުއިއްޒު ވިދާޅުވި

ގދ. މަޑަވެއްލީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ރަށަށް ބިން އިތުރުކޮށް، ޒަމާނީ ފެންވަރުގެ ބަނދަރެއް ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މުއިއްޒު މި ގޮތަށް ވިދާޅުވީ، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަޑަވެއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ -"މަޑަވެލީގެ ތަރައްގީއަށް އެންމެ މުހިންމީ މަޑަވެލީގެ ބިން އިތުރު ކުރުން. ބިމުގެ ޖާގަ އިތުރުކޮށްގެން ނޫނީ، ރަށުގެ ތަރައްގީގެ ކަންކަމަށް ޖާގައެއް ނެތް. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދެ ކަންތައް އެއްފަހަރާ ވާން މި ޖެހެނީ. އެއީ ބަނދަރު މިހާރު އޮތް ތަނުން ބަދަލުކޮށް، ޒަމާނީ ބޮޑު ބަނދަރެއް ހެދުކާ އެކު ބިން އިތުރުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާ ބިން ބޮޑުކުރުމުގެ މަޝްރޫއާ އެކު ޒަމާނީ ބޮޑު ބަނދަރެއް ހެދުމަކީ ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ފުރުސަތު ދެއްވައިފިއްޔާ، ތިޔަ ބޭފުޅުންނަށް ޓަކައި އަޅުގަނޑުމެން ކޮށްދޭނެ ކަމެއް." މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު ގދ. މަޑެވެލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)

ތަފްސީލު - މަޑަވެލީގެ މިހާރު އޮތް ބިމުގެ ބޮޑު މިނަކީ، ގާތްގަނޑަކަށް 49 ހެކްޓަރެވެ. ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި މަޑަވެލި ފަޅުން ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން އިތުރު ކުރެވެން އެބަ އޮތެވެ. އެކަން ކުރުމަށްޓަކައި ގޮތް ނިންމުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް އޭނާ ހަނދާންކޮށްދެއްވި އެވެ.

"ނަތީޖާ ނެރެދޭނަން އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން ފުރުސަތު ދެއްވައިފިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

 މުއިއްޒު ގދ. މަޑެވެލީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)

 އަންނަަ މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަކީ މަޑަވެލި އަދި މުޅި ރާއްޖޭގެ މުސްތަގުބަލާ މެދު ގޮތެއް ނިންމައި އިންތިހާބު ކަމަށް މުއިއްޒު ވިދާޅުވި އެވެ. މިދިޔަ ފަސް އަހަރު ވަރަށް ބޮޑަށް ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ނުވެ، ފަސް އަހަރު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މި ގޮތުގައި އަނެއް ފަސް އަހަރު ހޭދަކުރާނީތޯ، ނޫނީ ތަރައްގީގެ މަގުގައި އަނެއްކާ ވެސް ކުރިއަށްދާނީތޯ." ރިޔާސީ އިންތިހާބުގެ ވޯޓަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ މަޑަވެއްޔަށް ވެވަޑައިގެންނެވި ބައެއް އެހެން ވައުދުތައް:

  • ރަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދިިނުން 

  • ސްކޫލަށް ބޭނުންވާ ޖާގަކޮށް އިތުރުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް