މުއިއްޒަށް މަރުހަބާ ކިޔަން މަޑަވެލީގެ ރައްޔިތުން މިއަދު ބަނދަރު ސަރަހައްދަށް ޖަމާވެ: ސަރުކާރުގެ ވަޒީފައި ތިބި ބައެއް މީހުން ވެސް ގޮސް ތިބި. (ފޮޓޯ/ ޕީޕީއެމް)

މަޑަވެލިން ވަޒީފާގެ ބިރަށް ނުބަލައި މުއިއްޒަށް ދެއްކީ 'ހަލުވި ތަރައްގީ' ބޭނުންވާކަން

ސަރުކާރުގެ ވަޒީފާތަކުގައި ތިބި ބައެއް މީހުން މަޑަވެލިން މިއަދު މުއިއްޒަށް މަރުހަބާ ކިޔަން ގޮސް ތިބި

ގދ. މަޑަވެލި - ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018ގައި ކެމްޕެއިން ކުރެއްވި އިރު، ވަޒީފާގެ ބިރު ދައްކައިގެން ކެމްޕެއިން ކުރައްވަމުން ގެންދެވި ކަމަށް އޭރުގެ އިދިކޮޅުން ވަރަށް ބޮޑަށް ތުހުމަތުކުރި އެވެ. ރަށްރަށަށް ވަޑައިގަންނަވާއިރު، މަޖުބޫރުން މީހުން ގެންދާ ކަމަށް ވެސް، މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ބުންޏެވެ. ހާޒިރީ ބަލައިގެން، ޖަލްސާއަށް ދާ މީހުންގެ ޗެކްލިސްޓު ހަދަމުން ދިޔަ ކަމަށް ބުނެ، ވާހަކަ ދެއްކި އެވެ. އިދިކޮޅު ހަރަކާތެއްގައި ބައިވެރިވާން ސަރުކާރުން މުވައްޒަފުން ތިބީ ބިރުންނެވެ.

މިއީ އޭގެ ފަސް އަހަރު ފަހެވެ؛ ޔާމީންގެ ސަރުކާރު ގޯސްވެގެން ގެނައި އަދި ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރާ މެދު ވެސް، ބައެއް މީހުންގެ އެ ޝަކުވާތައް އެބަ އޮތެވެެ. ދެ ސަރުކާރުން ވެސް މިކަން ދޮގުކުރި ނަމަވެސް، ނޫސްވެރިން އޭރު ވެސް އަދި މިހާރު ވެސް ރަށްރަށަށް ދިޔުމުން އިވޭ މި ޝަކުވާތަކުގެ އަޑު މަޑެއް ނުވެ އެވެ. 

އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު މި ރަށަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަން ގޮސް ތިބި އިދިކޮޅު ސަޕޯޓަރުން ވެސް ދެއްކީ ހަމަ އެ ވާހަކަ އެވެ. ގާތްގަނޑަކަށް 500 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގެ ގިނަ ބަޔަކު ބަނދަރަށް ޖަމާވެ، ސަރަހައްދު ފުރާލާފައި އޮތެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނި ގޮތުގައި، އެ މީހުން އެ ތަނަށް ގޮސް އެ ތިބީ ވަޒީފާއިން ކަނޑާލިޔަސް ހެޔޮ ކަމަށް ބަލައިގެންނެވެ. މުއިއްޒަށް އޮތް ތާއީދާއި ލޯބި ދެއްކުމަށް، "ހިތާއި ރޫހުން"ނެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގދ. މަޑެވެލީގައި. (ފޮޓޯ/ ޕީޕިއެމް)

އޭގެ އެއް މިސާލަކީ، މަޑަވެލި ސްކޫލްގެ އެސިސްޓެންޓް އެޑްމިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ އެވެ. ރަސްމީ ހެދުމުގައި ބެގީކޮށްލައިގެން، މުއިއްޒަށް މަރުހަބާ ދަންނަވަން އެ ތަނުގައި ހުންނެވި ހުސައިންއާ ސުވާލު ކުރުމުން އޭނާ ބުނީ، ވަޒީފާ އިން ކަނޑާލިޔަސް މައްސަލައެއް ނެތް ކަމަށެވެ. މި ރަށާއި ގައުމަށް ހަލުވި ތަރައްގީއެއް ގެނެވެން އޮތީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، މި ސަރުކާރު ބަދަލުކޮށް، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއް ގެނެސްގެންނެވެ.

"މިހާރު އަހަރެންގެ އުމުރުން 55 އަހަރު. ރިޓަޔާ ކުރާ ހިސާބުގަ މި ހުރީ. ކަނޑާލިޔަސް ވަރިހަމަ، މި ހުރީ މުއިއްޒު ހޮވަން ނުކުމެ،" ހުސައިން ވިދާޅުވި އެވެ.

ހުސައިންގެ އިތުރުން ބައެއް އެހެން ސަރުކާރުގެ މުވައްޒަފުން ވެސް މުއިއްޒަށް މަރުހަބާ ކިޔަން ރަށުގެ ބަނދަރު މައްޗަށް އެއްވެ ތިއްބެވެ. ބައެއް މީހުން ލައިނުގަ އެވެ. އަނެއް ބަޔަކު ތަންކޮޅެއް ދުރުގައި ވެސް ތިއްބެވެ. ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފެނަކައިގެ ޔުނީފޯމުގައި ވެސް ބައެއް މުވައްޒަފުން ތިބި ތަން ފެނުނެވެ.

"ބިރު ފަހަނައަޅައި ގޮސް ނުކުމެ މި ތިބީ. މާދަން ވެސް ކަނޑާލަންވީ. ކިތަންމެ އިންޒާރެއް ދޭ. އެކަމަކު މިހާރު ބިރެއް ނުގަނޭ ކަނޑާލާފާނެތީ. މި ތިބީ ހިތާއި ރޫހުން ފާޅުގައި ނުކުމެ މުއިއްޒު ހޮވަން،" މުއިއްޒަށް މަރުހަބާ ކިޔުމަށް ފަހު، ކެމްޕެއިން ޖަލްސާއަށް ހާޒިރުވެ އިން ދެބައި އުމުރުގެ އަންހެނަކު ބުންޏެވެ.

މުއިއްޒު މަޑަވެލީގައި: 500އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑަވެލިން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔަން ނުކުތް. (ފޮޓޯ/ ޕީޕިއެމް)

އޭނާ ވެސް ވަޒީފާ އަދާ ކުރަނީ ސަރުކާރުގެ އޮފީހެއްގަ އެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި، މި ސަރުކާރުން ރަށުގެ ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް ހައްލެއް ގެނެސްދީފައެއް ނުވެ އެވެ.

"މި ރަށަށް ކޮށްދިން ކަމެއް ވެސް ނެތް. ވީ އިތުރަށް ނިކަމެތި. ނަރުދަމާއެއް ނެތް، ފެންވަރަން މި ޖެހެނީ ނަޖިސް ފެނުން. ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައި ތިބި އެތައް ބަޔަކު އެބަތިބި،" ހުރި ކަންބޮޑުވުންތައް ފަތިފައްޗަށް އަމުނާލަމުން އޭނާ ބުންޏެވެ.

"ބިރު ފަހަނައަޅައި ގޮސް ތިބި ކަމަށް" ބުނި ނަމަވެސް، ބައެއް މީހުން ވާހަކަ ދެއްކީ، ނަން ނުޖެހުމަށް ޝަރުތުކޮށެވެެ. އެއީ މަސްލަހަތަށް ވެސް ބަލާފަ އެވެ.

ކުރިން ވާހަކަ ދެއްކި ހުސައިން ވެސް ވިދާޅުވި ގޮތުގައި، ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިން ނެތުމުގެ މައްސަލަ އެވެ. ހަމަ އެއާ އެކު، ބޯހިޔާވާހިކަން ނެތުމެވެ. އެކަން ކަމަށް ހައްލެއް ގެނެސްދެވޭނީ މުއިއްޒުގެ ސަރުކާރުން ކަމަށް ރަށުގެ ރައްޔިތުން ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަނދަރު ވެސް ބޮޑު ކުރަން ޖެހޭ. ސްކޫލުގައި ކްލާސް ރޫމް ވެސް މަދު. ސްކޫލްގެ ޖާގަ ވެސް އިތުރުކޮށްދޭން ޖެހޭ. މި ކަންކަން ހާސިލްވާނީ މުއިއްޒު ވެރިކަމަށް ގެެނެސްގެން،" ހުސައިން ވިދާޅުވި އެވެ.

ރައްޔިތުން ކުރާ އެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވަން، މުއިއްޒު ވަނީ މިއަދު މި ރަށުގައި ބޭއްވި ޖަލްސާގައި ވައުދުވެވަޑައިގެންފަ އެވެ. ރަށުގެ ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނަށް އޮތް ޔަގީން ކަމަކީ، މުއިއްޒު އެކަން ފުރިހަމަކޮށްދެއްވާނެ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް