ޕީޕީއެމް-ޕީއެންސީގެ 'ދިވެހިންގެ ރާއްޖެ' މެނިފެސްޓޯ މިދިޔަ ހަފްތާގައި ލޯންޗު ކުރުމުގެ ރަސްމިއްޔާތު ތެރެއިން (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

މުއިއްޒުގެ މެނިފެސްޓޯ: ނުހައްގު ހައްޔަރީންނަށް ބަދަލު ދިނުމާއި ކަފާލާތަށް ގާނޫނެއް ހެދުން

ވާނުވާ ބަންދު ނިމުމަކަށް ގެންނަން މަދުވެގެން 48 ގަޑިއިރު ތެރޭ ދައުވާ ކުރެވޭ ވަރަށް ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވޭ

ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލުމަށް ހާއްސަ ގާނޫނަކާއި ނުހައްގު ހައްޔަރީންނަށް ބަދަލު ދެވޭނެ ހާއްސަ ގާނޫނެއް އެކުލަވާލުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުގެ 19 ޗެޕްޓަރުގެ މައްޗަށް އެކުލެވިގެންވާ 'ދިވެހީންގެ ރާއްޖެ' މެނިފެސްޓޯ ބައިބަޔަށް ބަހާލައިގެެން އާންމު ކުރުމަށް މީގެ ކުރިން ނިންމި ނަމަވެސް މިއަދު އެ ކޯލިޝަން އިން ވަނީ މުޅި މެނިފެސްޓޯ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.

ތަފްސީލު - މެނިފެސްޓޯގެ އެންމެ ފަހު ބާބެއްގެ ގޮތުގައި އޮތީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ގުޅޭ ވައުދުތަކެވެ. ޖުމްލަ 11 ވައުދެއް އެ ޗެޕްޓަރުގައި އޮތްއިރު، ބޮޑު ކަމަކަށް އޮތީ ކަފާލާތު އަދި ނުހައްގު ހައްޔަރީނަށް ބަދަލު ދިނުމުގެ ނިޒާމް ގާއިމް ކުރާ ދެ ގާނޫނެއް އެކުލަވާލުމެެެވެ.

ކަފާލާތާ ގުޅޭ ގޮތުން ހިމަނާނެ ކަމަށް މެނިފެސްޓޯގައި ބުނެފައި ވަނީ:

  • ކަފާލާތުގެ ފުރިހަމަ ގާނޫނެއް އެކުލަވާލުން

  •  ކޮންމެ މީހަކަށް ވެސް ކުށުގެ ތުހުމަތުކުރެވޭ މަރުހަލާގަ އާއި ހުކުމް އިސްތިއުނާފުކުރާ މަރުހަލާތަކުގައި ބެއިލް ނުވަތަ ކަފާލާތް ލިބޭނެ ގޮތް ހެދުން

  • ކަފާލާތުގެ ދަށުން އަގު ބަހައްޓާނެ ފަރާތާއި ކަފާލާތުގެ މިންވަރު ލިބޭނެގޮތް ހަމަޖެއްސުން

 މެނިފެސްޓޯ އިފްތިތާހު ކުރުމަް ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ދެވަނަ ވައުދެއްގެ ގޮތުގައި އޮތީ، ދައުލަތުން ހައްގު ނޫން ގޮތުގައި ހައްޔަރުކޮށް އަދަބުދޭ ފަރާތްތަކަށް ބަދަލު ލިބޭނެ ގޮތްތަކާއި އުސޫލުތައް ކަނޑައެޅުމަށްޓަކައި ކްރިމިނަލް ކޮމްޕެންސޭޝަން ގާނޫނެއް ތައާރަފުކުރުމެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް މެނިފެސްޓޯގައި ނެތެވެ.

އެގޮތަށް ބަދަލު ދިނުމަކީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވާ ކަމެކެވެ. އަދި ކަފާލާތުގެ ގާނޫނެއް ރާއްޖޭގައި ނެތުމުން އެކަމާ ވެސް އެމަނިކުފާނު ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

'ވާނުވާ ބަންދު' ނިމުމަކަށް ގެނައުމުގެ ވައުދު

މެނިފެސްޓޯގައި ދެން ބޮޑު ކަމަކަށް އޮތީ، ޝަރީއަތްތައް އަވަސް ކުރުމަށް ކުދި ކުށްތަކުގެ ޝަރީއަތްތައް ހިންގުމަށް ހާއްސަ ކޯޓެއް ގާއިމް ކުރުމެވެ. އޭގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ނުވަތަ ވާނުވާ ބަންދުގައި ތިބޭ މީހުން މަދު ކުރުމަށް ހާއްސަ ކަންތައްތަކެއް ކުރުމަށް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ލަސްވެގެން 48 އިރުގެ ތެރޭގައި ދައުވާ ކުރެވޭނެގޮތަށް ފުލުހުންގެ މަސައްކަތް އިންތިޒާމުކުރުން

އޭގެ ސަބަބުން 'ވާނުވާ ބަންދުގައި' ތިބެން ޖެހޭ ތިބުން ނިމުމަކަށް ގެނެވޭ ކަމަށް މެނިފެސްޓޯގައި ބުނެފައިވެ އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާއާ ގުޅޭ ގޮތުން މެނިފެސްޓޯގައި ދެން ހިމެނޭ ބައެއް ކަންކަން:

  • އެއްވެއުޅުމުގެ ހައްގަކީ އަސާސީ ހައްގެއްގެ ގޮތުގައި ބެލުމާއި، ކުރިއަރާފައިވާ ގައުމުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކުރުމާއެކު އިސްލާމީ ޝަރީއަތާ ހިލާފުނުވާގޮތަށް، އެއްވެއުޅުމަށް އޮތް ހައްގު ފުޅާކުރުން

  • ރައްޔިތުންގެ މަޖިލީހުގެ އަދަދު ގާނޫނޫއަސާސީގައި ކަނޑައެޅުން

  • ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކޮށް، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ދޮރު ބަންދުކުރުން

  • ގައުމަށް ގައްދާރުވުމުގެ ކުށާއި އޭގެ އަދަބު ބަޔާން ކުރާ ގާނޫނެއް ތައާރަފް ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް