ރަސްމާދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
ހުކުރު ދުވަހު ކަރަންޓު ކެނޑޭ ކަމުގެ ޝަކުވާ ނިމުމަކަށް އަތުވެއްޖެ: ރައީސް
ރ. ރަސްމާދޫ - ވެރިކަމަށް ވަޑައިގެންނެވި އިރު އެންމެ ގިނައިން ރައްޔިތުންގެ ފަރާތުން އިވުނު އެއް ޝަކުވާ އަކީ ކަރަންޓު ކެނޑުމުގެ ޝަކުވާ ކަމަށާއި، ނަަމަވެސް މި ސަރުކާރުން ކުރި މަސައްކަތްތަކުން ހުކުރު ދުވަހު ކަރަންޓު ކެނޑޭ ކަމުގެ ޝަކުވާއަށް ނިމުން ގެނެސްދެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރ. ރަސްމާދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ، ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރެއްވީ ވަކި ސިޔާސީ ފިކުރަކަށް ނުބައްލަވައި ވަކި ރަށެއް ތަފާތު ކުރެއްވުމެއް ނެތި ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައި އިރު އެންމެ ގިނަ ފޯނު ކޯލު އަޅުގަނޑަށް އަންނަ އެއް ކަމަކީ ކަރަންޓުގެ ދަތިކަމުގެ ވާހަކަ. ހާއްސަކޮށް، ކޮންމެ ހުކުރު ދުވަހެއްގައި އަޅުގަނޑުގެ ފޯނު ވަރަށް ބިޒީވޭ. އެކި ރަށްރަށުން ގުޅަމުން ގެންދޭ،" މިސްކިތުން ކަރަންޓު ދިއުމާއި ކަރަންޓު ކެނޑިގެން ގޭގެ ފްރިޖާއި އެހެނިހެން ކަރަންޓު ސާމާނު ހަލާކުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދިޔަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
"އެހެން އެ ވަނީ ހުކުރު ދުވަހަކީ ހުރިހާ ރައްޔިތުން ރަށުގައި ތިބޭ ދުވަހަކަށް ވާތީ ގިނަ ބަޔަކު ރަށުގައި ކަރަންޓު ބޭނުން ކުރާ ވަރު އިތުރުވާތީ."
އެކަމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދުއާ މަޝްވަރާކުރައްވައި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދަން ބޮޑު މަޝްރޫއެއް ހިންގަން އެދިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖެއަށް ދިމާވެފައި އޮތް ކަރަންޓުގެ މައްސަލައަށް އަޅުގަނޑުމެންގެ މި ދައުރުގައި ހައްލެއް ހޯދައިދޭން ވާނެއޭ. އިރާދަކުރެއްވިއްޔާ، މިއަދު މި ވަނީ ގާތްގަނޑަކަށް ހުރިހާ ރަށެއްގައި މި ދެންނެވިހެން ކަރަންޓުގެ ހިދުމަތް އެންމެ ޒަމާނީކޮށް ލިބޭނެ ގޮތް ހަދައިދެވިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ކެމްޕޭނު ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ރައީސް ގެންދަވަނީ ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެ ރަށަކަށް ކޮށްދެއްވާނެ ކަންތައްތައް ވިދާޅުވެދެއްވަމުންނެވެ. އެގޮތުން، ރަސްމާދުއަށް ވެސް ރައީސް ވަނީ ވައުދުތަކެއް ވެވަޑައިގެންފަ އެވެ.
ރައީސް ފާހަގަކުރެއްވި ކަންކަމަކީ:
-
ޒުވާނުން ހަދަން ފަށާފައި ހުރި ޔޫތު ސެންޓަރު ސަރުކާރުގެ ބަޖެޓުން ހަދައިދޭނެ
-
ރަށުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައި ތާރު އަޅައިދޭނެ
-
ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އަދި ރަށު ކައުންސިލުގެ އާ އިމާރާތެއް އަޅައިދޭނެ
-
ޒުވާނުން ބޭނުންވާ ގޮތަށް ފުޓްބޯޅަ ދަނޑުގައި ތާރު އަޅައި އައުޓްޑޯ ޖިމެއް ގާއިމްކޮށްދޭނެ
-
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރޯ ހައުސް އަޅައިދޭނެ