ގައްދޫ ސިއްހީ މަރުކަޒުގައި ކުޑަކުއްޖާގެ ގަޔަށް އައިވީ ގުޅާފައި.

މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލައިގައި ގައްދޫ ސިއްހީ މަރުކަޒުގެ 4 މުވައްޒަފަކު ސަސްޕެންޑުކޮށްފި

މުއްދަތު ހަމަވެފައިވާ ހަތަރު އައިވީއެއް ގުޅަން މަސައްކަތް ކުރިޔަސް ގުޅީ އެއް އައިވީ ކަމަށް، މިހާތަނަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަމަށް މިނިސްޓްރީން ބުނޭ
23 އޯގަސްޓު 2023

ގދ. ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިން ކުޑަކުދިންތަކަކަށް، މުއްދަތު ހަމަވެފައިވާ އައިވީ ދިން ކަމަށް ބުނާ މައްސަލައިގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުޑަކުއްޖަކަށް އައިވީ ދޭ ތަނާއި އާއްމުން ރުޅިގަދަވެގެން މުޒާހަރާ ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ރޭ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އޭގެ ތެރެއިން އެއް ވީޑިއޯއެއްގައި:

  • މީހަކު ތުއްތު ކުއްޖަކު އުރާލައިގެން ހުންނައިރު، ފަޔަށް އައިވީ ގުޅާފައި ހުންނަ ތަން ފެނޭ

  • އެ އައިވީގެ މުއްދަތު، މިދިޔަ މަހުގެ 23އަށް ހަމަވެފައިވާ ތަން ވެސް ވީޑިއޯއިން ފެނޭ

  • އެ ވީޑިއޯ ނެގި މީހާ ބުނި ގޮތުގައި އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް މުއްދަތު ހަމަވެފައިވާ އައިވީ ގުޅި

  • މި މައްސަލައިގައި ގިނަ ބަޔަކު ސިއްހީ މަރުކަޒުގެ ތެރެއަށް ވަދެ ހަޅޭއްލެވި އިރު، ފުލުހުން އެ މީހުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި

ގައްދޫ ސިއްހީ މަރުކަޒު: އެ ތަނުން މުއްދަތު ހަމަވެފައިވާ އައިވީ ތަކެއް ކުދިންތަކަކަށް ދިން މައްސަލަ ވަނީ ފެންމަތިވެފައި

ބުނީ ކީކޭ؟- މިކަމާ ގުޅިގެން 'ދައުރު'ން މިއަދު ސުވާލުކުރުމުން ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ ވިދާޅުވީ މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ ސޯޝަލް މީޑިއާގައި އެ ވީޑިއޯ ދައުރުވާން ފެށި ފަހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު، އެ މިނިސްޓްރީން ތަހުގީގު ވެސް ފަށާފައިވާ ކަމަށެވެ.

ޝަތުފާ ވިދާޅުވީ ތަހުގީގަށް މިހާތަނަށް އެނގުނު ގޮތުގައި:

  • މުއްދަތު ހަމަވެފައިވާ ހަތަރު އައިވީއެއް ގުޅަން މަސައްކަތް ކުރި 

  • މި މައްސަލަ ސަމާލުކަމަށް އައިއިރު ގުޅާފައިވަނީ އޭގެ ތެރެއިން އެއް އައިވީ

"އެ އައިވީ ގުޅި މީހާގެ ހާލު ރަނގަޅު،" ޝަތުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި މިހާރު ހަތަރު މުވައްޒަފަކު ފާހަގަކޮށް، އެ މީހުން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އެކަމަކު ތަހުގީގު ކުރިއަށްދާ ވަރަކަށް ތުހުމަތު ކުރެވޭ އިތުރު މުވައްޒަފުން ފާހަގަކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ [ގދ. ތިނަދޫގައި ހުންނަ] އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ދަށުން ހިންގި ސެންޓަރެއް ނަމަވެސް، ނެގްލިޖެންސް މައްސަލަތަކާއި ރެގިއުލޭޓްރީ މައްސަލަތައް ބަލާނީ މިނިސްޓްރީން،" ޝަތުފާ ވިދާޅުވި އެވެ.

މި މައްސަލައިގައި ގައްދޫ ހެލްތު ސެންޓަރުގެ ބަހެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް