ދޮންފަނު ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ (ފޮޓޯ/ކެމްޕޭނު ޓީމް)

މި ސަރުކާރުން ވައުދެއް ވެއްޖެ ނަމަ ފުއްދާނެ ކަމުގެ ޔަގީންކަން އޮންނާނެ: ރައީސް

ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދޮންފަނުން އެ މަނިކުފާނަށް ބޮޑު އިތުބާރެއް ކޮށް، %75 ވޯޓު ދިން ކަމަށް

ބ. ދޮންފަނު – މި ސަރުކާރުން ވައުދެއް ވެއްޖެ ނަމަ އެ ވައުދެއް ފުއްދާނެ ކަމުގެ ޔަގީންކަން ދޮންފަނު ރައްޔިތުންނަށް އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދޮންފަނުން އެ މަނިކުފާނަށް ބޮޑު އިތުބާރެއް ކޮށް، %75 ވޯޓު ދިން ކަމަށެވެ.

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، ޖުމްލަ 361 މީހުންގެ އާބާދީއެއް އޮންނަ މި ރަށު ރައްޔިތުން އެ މަނިކުފާނަށާއި އެ މަނިކުފާނުގެ ޓީމަށް ކުރި އިތުބާރު މިއަދު ވެސް ފެންނަ ކަމަށެވެ.

"ތިޔަބޭފުޅުންނަށް ޔަގީންކަން މިއަދު ވެސް އެބައޮތް، އަޅުގަނޑުމެން ވައުދެއް ވެއްޖެއްޔާ އެ ވައުދެއް ފުއްދާނެ ކަމުގެ. އިރާދަކުރެއްވިއްޔާ މިއަދު ވެސް އަޅުގަނޑުމެން މި ރަށަށް ކަމެއް ކޮށްދޭން ވައުދު ވެއްޖެ ކަމަށް ވަންޏާ ކުރިއަށް އޮތް ދައުރު ނިމޭއިރު، ފަސް އަހަރު ތެރޭ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ކަމެއް ކޮށް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް މަރުހަބާކިޔަން ދޮންފަނު ރައްޔިތުން މިއަދު އެ ރަށު ބަނދަރު ސަރަހައްދުގައި. (ފޮޓޯ/އެމްޑީޕީ)

ރައީސް ވިދާޅުވީ މި ރަށުގެ ތަރައްގީއަށް ކޮންމެހެން އަވަހަށް ކުރަން ޖެހޭ ކަންތައްތަކާއި ޕްލޭނު ކޮށްގެން ކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. އެއާ އެކު، ކުރިއަށް އޮތް ދައުރަށް އިންތިހާބުވެވަޑައިގެންފި ނަމަ، އެންމެ ފުރަތަމަ ވެސް ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ގެނެސްދިނުމަށް ފްލެޓު ނޫނީ ރޯހައުސް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ދޮންފަނަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އިތުރު ކަންތައްތައް:

  • ސްކޫލަށް ބޭނުންވާ ފަސް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލު

  • ބަނދަރު ހަދައި ނިމުނުއިރު ހައްލު ކުރަން ހުރި ކަންކަން ހައްލު ކުރުން

  • ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް

  • ޔޫތު އެންޑް ކޮމިޔުނިޓީ ސެންޓަރެއް

  • ވޮލީ ކޯޓެއް

  • ބަޔޮސްފިއާ ރިޒާވުން ލިބޭ މާލީ މަންފާ މިހާރަށް ވުރެ ރަނގަޅަށް ލިބޭނެ ގޮތަށް އުސޫލުތައް ބަދަލުކުރުން

  • ކުޑަކުދިންގެ ޕާކެއް

ފާހަގަ ކުރެވޭ ކަމެއް - ދޮންފަނުގެ ރައްޔިތުންނަށް މި ސަރުކާރާ މެދު ޔަގީންކަމާއި އިތުބާރު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އިރު، މި ރަށު ބަނދަރު ސަރަހައްދުގައި އިދިކޮޅު އެއްވެސް ޕާޓީއެއްގެ ދިދައެއް ވެސް ފެންނާކަށް ނެތެވެ. އާންމުކޮށް ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު، ރަށުގެ ބަނދަރު ސަރަހައްދުގައި އެމްޑީޕީގެ ކޯލިޝަން ޕާޓީތަކުގެ އިތުރުން، އިދިކޮޅު ޕާޓީތަކުގެ ދިދަ ވެސް ދަމާފައި ހުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް