ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމު)
ސިޔާސީ ބޭނުމަކު ދެން ވެސް މީހަކު ޖަލަކަށް ނުލާނަން: ރައީސް
ބ. ގޮއިދޫ – އެ މަނިކުފާނު ވެރިކަމުގެ ދައުރެއް ނިންމާލައްވަނީ ސިޔާސީ ބޭނުމަކު އެއްވެސް މީހަކު ހައްޔަރުކޮށް ޖަލަށް ނުލާ ކަމަށާއި އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންނެވިޔަސް އަމަލު ކުރައްވާނީ އެ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. ގޮއިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އިތުރު ދައުރަކަށް ވެރިކަން ލިބިވަޑައިގަތަސް، ސަރުކާރު ހިންގަވާނީ ހިޔާލު ފާޅުކުރުމަށާއި ސިޔާސީ މަސައްކަތްތަކަށް ޖާގަ ދެއްވައިގެން ކަމަށެވެ.
ބުނީ ކީކޭ؟ - "އެއްވެސް ނޫސްވެރިއަކަށް ބިރުދެއްކުމެއް ނެތި، މި ދަންނަވާހެން ޖަލުގެ ކުޑަގޮޅި ނުފެނި،" މި ސަރުކާރުގައި މީޑިއާގެ މިނިވަންކަން އެބައޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
'އެކަހެރި ދިރިއުޅުމަށް ދާން ގޮއިދޫން ބޭނުމެއް ނުވާނެ'
މީގެ އިތުރުން، ގޮއިދު އަކީ މީގެ ކުރިން އެކަހެރިކޮށްފައި އޮތް ރަށެއް ކަމަށް ވިޔަސް، މި ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުގައި ކޮށްދެވިފައިވާ ކަމަށާއި ކުރީގެ އެކަހެރިކަމަށް ދާން މި ރަށުގެ އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް މަސައްކަތްތަކެއް ކޮށްދެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް، ވައުދު ފުއްދަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމުން ކަމަށެވެ.
"އެހެން ނޫން ނަމަ، އެ މަސައްކަތެއް ނުކުރެވުނީސް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގައި ނިމެމުން އެ ދާ މަސައްކަތްތަކުގެ ނަތީޖާ އަކީ، އަޅުގަނޑުމެންނަށް ކުންފުނިތަކާ އެކު ކުރެވުނީ އެ ސަބަބާ ހުރެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި މި ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދީ، ގޮއިފުޅަ ފެހެންދޫގެ ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އޭގެ އިތުރުން، ދެން އަންނަ ދައުރެއްގައި މި ރަށަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަންކަމަކީ:
-
ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޒަމާނީ އިންޖީނުގެއެއް ގާއިމްކުރުން
-
ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުން
-
ބަނދަރު ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުން
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރައްޔިތުންނާއި ކައުންސިލް އަދި ދާއިރާގެ މެންބަރާ މަޝްވަރާކޮށް ރައްޔިތުން އިތުރަށް ބޭނުންވާ ކަންތައްތައް ހޯދައި އެ ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ.