އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކ. ގުރައިދޫގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް
ބިން ހިއްކުމާ އެކު ގުރައިދޫ ދާއިރާއަށް މުއިއްޒުގެ ވައުދުގެ ލިސްޓެއް
ކ. ގުރައިދޫ ދާއިރާގައި ހިމެނޭ ގުރައިދޫ، މާފުށި އަދި ގުޅީގެ ބިން ހިއްކައި އެ ތިން ރަށަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މުއިއްޒު އެ ވައުދުތައް ހާމަކުރެއްވީ، އަންނަ މަހު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް މިރޭ ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - ތިން ރަށުގައި ވެސް އެންމެ ބޮޑު ކަމަކަށް ކުރައްވާނެ ކަމެއްގެ ގޮތުގައި މުއިއްޒު އިއުލާން ކުރެއްވީ ބިން ހިއްކުމެވެ.
ތިން ދާއިރާއަށް މި ސަރުކާރުން ފެށި މަޝްރޫއުތައް ހިންގަމުންދަނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެންނެއް ނޫނެވެ. އެގޮތުން މާފުށި އަދި ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއު އޮތީ އެހެން ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުނަށްޓަކައި ސަރުކާރު ގެންނަނީ. އެކަމަކު ރައްޔިތުން ބޭނުންވަނީ، ކޮން ގޮތަކަށްތޯ ބަލައިލާކަށް ބޭނުމެއް ނުވޭ. ސެޕްޓެމްބަރު ނުވައެއްގައި ރައްޔިތުން އެބަ ޖެހޭ ގޮތެއް ނިންމަން. އެއީ، ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ އަޑު އަހައިގެން، ރައްޔިތުންގެ ގާތުން މަސައްކަތް ކުރާނެ ސަރުކާރެއް ގެންނާނީތޯ ނޫންތޯ ނިންމަން އެބަ ޖެހޭ،" އިދިކޮޅު ކެންޑިޑޭޓު ވިދާޅުވި އެވެ.
އެއާ އެކު މުއިއްޒު ވައުދުވެވަޑައިގެންނެވީ، މިހާރު ގުރައިދޫގައި ހިއްކާފައިވާ ބިމަށް، ބިން އިތުރުކޮށް، މާފުށި ވެސް އިތުރަށް ހިއްކުމަށެވެ. އެކަން ކުރާނީ، އޭނާގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ގުޅީގެ ބިން ހިއްކުން އެންމެ އަވަހަށް ކުރެވޭނީ. ދެން ގުރައިދޫ އަދި މާފުއްޓަށް ބިން އިތުރު ކުރުން މިއޮތީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިއްކާފައިވާ ބިންތައް މިދިޔަ ފަސް އަހަރު ބޭނުންނުކޮށް ފެނާއި ކަރަންޓު ނުލާ، 'ކަނު އަދިރީގައި' އޮތް ކަމަށް ވިދާޅުވެ، އެކަމަށް ފާޑުވިދާޅުވި އެވެ.
"އެތަން މިލިއަން ހަރަދުކޮށްގެން ހިއްކާފައިވާ ބިން އެއީ. އެކަމަކު އެއިން ފައިދާވާ ގޮތަށް ފަސް އަހަރު ވީއިރު، ނޭނގުނު،" މުއިއްޒު ވިދާޅުވި އެވެ.
ތިން ރަށަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެހެން ކަންކަން:
-
ގުރައިދޫ: ބަނދަރު އިތުރަށް ތަރައްގީކުރުން. އެއް ދަންފަޅިއަށް ކިޔައިދެވޭ ގޮތަށް ޒަމާނީ ސްކޫލެއް އެޅުން
-
މާފުށި: މާލެއިން ބޭރުން ބަހައްޓާ ފުރަތަމަ ޑޮލަރު އޭޓީއެމް ގާއިމް ކުރުން، މަގު ހެދުން، ފެރީ ޓާމިނަލެއް ގާއިމް ކުުރުން
-
ގުޅި: ބަނދަރު ބޮޑުކުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމް ކުރުން އަދި ރަށް ގިރުގެ މައްސަލަ ހައްލުކުރުން
އޭގެ އިތުރުން، މާފުށީގެ ބިމު ކުލިީގެ ފައިދާ ރަށު ކައުންސިލަށް ނުލިބޭ ގޮތަށް މައި ސަރުކާރަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ވެސް މުއިއްޒު މިރޭ ފާޅުކުރެއްވި އެވެ. އެއީ ލާމަރުކަޒީ ނިޒާމާ ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ ސަރުކާރެއްގައި ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ އެއްވެސް ކަމެއް ކައުންސިލަށް ފައިދާ ނުވާ ގޮތަށް ނުބާއްވާނެ ކަމަށެވެ.
'މިދިޔަ ފަސް އަހަރު ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކުރީ'
މުއިއްޒު ވިދާޅުވީ އޭނާ ވައުދުވެވަޑައިގަންނަވަނީ ކުރެވޭނެ ކަންކަމަށް ކަމަށާއި ދައްކަވާ ވާހަކަތަކާއި އަމަލާ ދިމާވާނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އޭނާއަށް ދަސްވީ ރައްޔިތުންނަށް ވާ ވައުދު ފުއްދުން ކަމަށް ވެސް ވިދާޅުވި އެވެ.
"ރަށްރަށުގައި މިގޮތަށް ކަންކަން ކޮށްދޭނެ ކަމަށް ބުނުމުން ބައެއް މީހުން ބުނޭ ހާދަ ގިނަ ވައުދެކޭ ތިވަނީ. ނޫން އެއްގޮތަކަށް ވެސް ގިނައެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
"އެކަންކަން ނުކޮށް، ގިނަ ދުވަސް ވީމަ، ގިނަ ކަންކަން ކަމަށް ހީވަނީ. އެހެން ނަމަވެސް އެކަންކަން ކުރެވޭ ވަރަށް ދައުލަތަށް ފައިސާ ވަދޭ. އާމްދަނީ ލިބޭ."
"އެ އާމްދަނީ އިސްރާފު ކުރާތީ ހީވަނީ ލިބޭ ފައިސާއިން ނުވާނެ ކަމަށް. މި ސަރުކާރުން ދައުލަތުގެ ފައިސާ މިދިޔަ ފަސް އަހަރު އިސްރާފްކުރީ، ހިޔާނާތްތެރިވީ."
އޭނާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައިވެ ސް 'އެތައް ބިލިއަން ރުފިޔާ ގެއްލުވާލާފައިވާ' ކަމަށެވެ. އެ ފައިސާއަށް ވީ ގޮތް އަދިވެސް މި ސަރުކާރަށް ކިޔައިނުދެވޭ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ލިބޭ ފައިސާ ރަނގަޅު ގޮތުގައި ހަރަދުކުރާ ނަމަ، [މި ހުންނަނީ] މާ ގިނަ ކަންކަމެއް ނޫން ކުރާކަށް،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ހައްދަން ބޭކާރު ވާހަކަ ނުދައްކަވާނެ ކަމަށެވެ.
"އަޅުގަނޑު މިތަނަށް އަރާފައި ނުދަންނަވާނަން، ނުކުރެވެން ހުރި ކަންކަމުގެ ވާހަކައެއް. އަދި އެކަން ކުރާނެ ގޮތް ނޭނގި އެ ވާހަކައެއް ނުދައްކާނަން،" މުއިއްޒު ވިދާޅުވި އެވެ.
"ރައްޔިތުން ހައްދަން މިތަނަށް އަރައި، ބޭކާރު ވާހަކަ ނުދައްކާނަން. ކުރެވޭނެ ވަރުގެ ކަންކަމުގެ ވާހަކަ ދައްކާނީ. [ރައްޔިތުން] އެ އިތުބާރު ކުރައްވަން ވާނެ."