ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫއަށް ވަޑައިގަތުމުން އެ ރަށުން އޭނާއަށް މަރުހަބާ ދަންނަވަނީ (ފޮޓޯ/ޕީޕީއެމް)
މަގޫދޫ ފަޅުގައި 3 ރިސޯޓު ހެދުމާ އެކު ފ. އަތޮޅަށް މުއިއްޒުގެ ވައުދުގެ ލިސްޓެއް
ފ. މަގޫދޫ ފަޅު ހިއްކައިގެން އެތަނުގައި ތިން ރިސޯޓު ތަރައްގީ ކުރުން ހިމެނޭ ގޮތަށް، އެ އަތޮޅަށް ގިނަ ވައުދުތަކެއް ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރޭ ވެވަޑައިގެންންފި އެވެ.
ވީ ކިހިނެއް؟ - އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މެދު ރާއްޖެތެރޭގެ ހަތަރު އަތޮޅަކަށް ފެއްޓެވި ދަތުރުގައި ފ. ނިލަންދޫގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވަނީ، ޖުމްލަކޮށް އެ އަތޮޅުގެ ހުރިހާ ރަށަކަށް އޭނާގެ ސަރުކާރެއްގައި ކޮށްދޭނެ މުހިންމު ކަންކަމާއި މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.
ތަފްސީލު - މުއިއްޒުގެ ވައުދު ލިސްޓުގައި އެންމެ ބޮޑު ކަމަކަށް އޮތީ، މަގޫދޫ ފަޅު ހިއްކައިގެން އެ ސަރަހައްދުގައި މަދުވެގެން ތިން ރިސޯޓު ތަރައްގީ ކުރުމެެވެ. އެއީ ވަރަށް ބޮޑު ފަޅެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އިގްތިސާދީ ގޮތުން އެކި ކަހަލަ މަޝްރޫއުތައް ހިންގައިގެން ރަށާއި އަތޮޅަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
ބުނީ ކީކޭ؟ - "ޓޫރިޒަމްއަކީ، އެގޮތުން ބަލާއިރު، އެންމެ މުހިންމު އެއް އިންޑަސްޓްރީ. އެންމެ ގިނަ ފައިދާ ރާއްޖެއަށް ކުރާ އިންޑަސްޓްރީ. އެހެންވީމަ، އިގްތިސާދީ ގޮތުން ބަލާއިރު، މިކަަމަކީ، މަގޫދޫ ފަޅު ތެރެއިން އަޅުގަނޑުމެންނަށް ހާސިލު ކުރެވެން އޮތް ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ، މަގޫދޫ އާއި ފ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އޭގެން ނަފާވާނެ. މަގޫދޫ ފަޅު ތެރެއިން މަދުވެގެން ތިން ރިސޯޓު ތަރައްގީ ކުރެވޭ ގޮތަށް ބިން ހިއްކައިގެން، ތިން ރިސޯޓު އިރާދަކުރެއްވިއްޔާ ގާއިމްކޮށްދޭނަން."
އެ ރިސޯޓުތަކުގެ ބިމު ކުލި ދައުލަތުގެ ހަޒާނާއަށް ދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް، ގާނޫނަށް އިސްލާހު ގެނެސް، އެ މަޝްރޫއުއިން ލިބޭ އާމްދަނީން އަތޮޅުގެ ހުރިހާ ރަށަކަށް ނަފާ ލިބޭ ގޮތް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ފ. އަތޮޅުގެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މިހާރު ނެތް ހިދުމަތްތައް ތައާރަފްކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އެ އަތޮޅުގެ ރަށްރަށަށް މުުއިއްޒު ވެވަޑައިގެންނެވި މުހިންމު ބައެއް ވައުދުތައް:
-
ފ. ފީއަލި: މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން، ބަނދަރު ބޮޑު ކުރުން، ކަނޑު ޖެޓީއެއް ތަރައްގީ ކުރުން، ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމް ކުރުން؛ އޭގެ ތެރޭގައި ފުޓުބޯޅަ ދަނޑެއް އަދި ބަށި ކޯޓެއް، ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އަދި އާ މިސްކިތެއް
-
ބިލެތްދޫ: ބަނދަރު އިތުރަށް ތަރައްގީކުރުން، ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑެއް އެޅުން، ޔޫތު ސެންޓަރެއް ގާއިމްކޮށް، އިންޑޯ ވޮލީ/ޖިމް ހެދުން، މަގު ހެދުން އަދި ފެނާއި ނަރުދަމާ ނިންމުން
-
ދަރަނބޫދޫ: ދަނޑާއި ވޮލީ ކޯޓު އެޅުން، މަލްޓި ޕާޕަސް ހޯލު
-
މަގޫދޫ: ބަނދަރު ބޮޑުކުރުން، މަލްޓި ޕާޕަސް ހޯލު
-
ނިލަންދޫ: ބަނދަރު ބޮޑުކުރުން، މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ތަރައްގީކުރުން
ކޮމެންޓް (1)
ނޯ ޓު ސަލަފު