ފުއްގިރި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ހެކިވެރިޔާ މުހައްމަދު ޝިފާއު މެލޭޝިއާގައި ހުންނަ ހައި ކޮމިޝަނުގައި ހެކިބަސް ދިނުމަށް އޮންލައިންކޮށް ބައިވެރިވަނީ.

އަދީބުއާ ދަބަސް ހަވާލުކުރި މީހާއާ މެދު ދައުލަތުގެ 2 ހެކިވެރިންގެ ބަސް ތަފާތު

މީގެ ކުރިން ހެކިބަސްދިން ދައުލަތުގެ ހެކިވެރިޔާ ބުނީ އޭނާ ދަބަސް ހަވާލުކުރީ ސީދާ އަދީބާ ކަމަށް؛ މިއަދު ހެކިބަސް ދިން ހެކިވެރިޔާ ބުނީ އެ ދަބަހާ ހަވާލުވީ އޭނާ ކަމަށް

އެމްއެމްޕީއާރުސީގެ ވައްކަމުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މުއާމަލާތް ހިންގި ކަމަށް ބުނާ ދުވަސްވަރު، އެމްއެމްޕީއާރްސީގެ އޮފީހުގައި އޮތް ބައްދަލުވުމަކަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ އެދިވަޑައިގަތުމަކަށް، އޭނާގެ ކާރުގައި އޮތް ދަަބަހެއް ގެންގޮސް އަދީބު އަތަށް ދިން މީހަކާ މެދު ދައުލަތުގެ ދެ ހެކިވެރިއެއްގެ ހެކިބަސް ތަފާތު ވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން ހެކިބަސް ދިން ދައުލަތުގެ ހެކިވެރިޔާ، އަދީބުގެ އޭރުގެ ބޮޑީގާޑުގެ އަހްމަދު އާމިރުގެ ހެކިބަހުގައި ބުނެފައިވަނީ، ޖޫން 2015ގައި އެމްއެމްޕީއާރްސީ އޮފީހުގައި އޮތް ބައްދަލުވުމަކަށް އަދީބު ވަދެވަޑައިގަތުމަށް ފަހު، އޭނާ ގުޅުއްވައި ކާރު ތެރޭ އޮތް ދަބަހެއް ގެނެސްދިނުމަށް އެދިވަޑައިގެންނެވި ކަމަށާއި، އެ ދަބަސް އަދީބުއާ ހަވާލުކުރީ ސީދާ އޭނާ ކަމަށެވެ.

މި ތަފްސީލުތައް ދީފައިވަނީ، އެ ބައްދަލުވުމުގައި ތިބި މީހުން ފެނުނު ކަމަށް ބުނެ އޭނާގެ ބަޔާނުގައި އެ މީހުންގެ ނަންތައް ފާހަގަކޮށްފައިވާތީ އެވެ. ކޯޓުގައި ހެކިބަސް ދެމުން ވެސް އެ މީހުންގެ ނަންތައް ކިޔައިދީ، ބޮޑީގާޑު ބުނެފައިވަނީ، އެހާ ސާފުކޮށް އެ މީހުން ބުނެދޭން އެނގެނީ އެ ބައްދަލުވުމަށް ވަނުމުން ކަމަށެވެ.

އެކަމަކު، މިއަދުގެ އަޑުއެހުމުގައި، ހަމަ އެކަން ސާބިތުކޮށްދޭން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔާ މުހައްމަދު ޝިފާއު ބުނީ، އެ ބައްދަލުވުމަށް ދަބަސް ވެއްދީ އޭނާ ކަމަށާއި، އެ ތަނަށް އަދީބުގެ ބޮޑީގާޑު ނުވަންނަ ކަމަށެވެ.

ތަފްސީލް - ޝިފާއު އަކީ، އެމްއެމްޕީއާރްސީގައި ބޭއްވި ކަމަށް ބުނާ އެ ބައްދަލުވުން އިންތިޒާމުކުރުމުގެ އިތުރުން، އެ ތަނުގައި ބަދަލުކުރެވުނު ކަމަށް ބުނާ އެއްބަސްވުމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރި މީހެކެވެ.

ޝިފާއު ބުނި ގޮތުގައި، އޭނާ އެމްއެމްޕީއާރްސީގައި މަސައްކަތް ކުރީ 2014 އިން 2015އަށް، އެކްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އަދި އޭރު، ރަށްތަށް ދޫކުރުމަށް ބަދަލުކުރެވޭ އެއްބަސްވުންތަކުގައި އެމްއެމްޕީއާރްސީގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރައްވަނީ އޭނާ ކަމަށް ވެސް ޝިފާއު ބުންޏެވެ.

ޝިފާއު ބުނީ:

  • އެ ދުވަހު ބައްދަލުވުމެއް ބާއްވަން އިންތިޒާމުތައް ހަމަޖައްސައިދޭން އެދުމުން އެކަން ކުރި ކަމަށް

  • އެ ދުވަހުގެ ބައްދަލުވުމަށް އަދީބުގެ ކާރުގައި އޮތް ދަބަހެއް ގެނެސްދިނުމަށް އަދީބު އެދިވަޑައިގަތުމުން، އެ ދަބަސް ހިފައިގެން އައީ އަދީބުގެ ބޮޑީގާޑު

  • ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވައި އެ ދަބަސް ބައްދަލުވުމަށް ވެއްދީ އޭނާ

އެ ދަަބަސް ބައްދަލުވުމަށް ވެއްދީ ޝިފާއު ކަމަށް އޭނާ ބުނާތީ، ސަން ކުންފުނީގެ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް އާއި މި މައްސަލައިގައި ދައުވާ ލިބޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ސުވާލު ކުރިމަތިި ކުރުވި އެވެ. 

އާމިރު ކިޔާ މީހަކު އަންނާނެ ކަމާއި، އޭނާ އެއްޗެއް ގެންނާނެ ކަމަށް އެ ބައްދަލުވުމުގައި ބުނެފައިވޭތޯ ޔާމީން ސުވާލުކުރެއްވި އެވެ. އެ ސުވާލުގެ ޖަވާބުގައި ޝިފާއު ބުނީ، ދަބަހެއް ގެންނާނެ ކަމަށް ބުނި ކަމަށެވެ.

އާމިރު ވަދެގެން އައުމުން އެ ދަބަހާ ހަވާލުވީ ކާކުތޯ ސުވާލުކުރުމުން ޝިފާއު ބުނީ، އޭނާ ހަނދާން ހުންނަނީ ދަބަސް އާމިރު ދިނީ އޭނާގެ އަތަށް ކަމަށެވެ. އެހެންވެއްޖެ ނަމަ، އަދީބުގެ ބޮޑީގާޑު އާމިރު އެ ބައްދަލުވުން ހިނގަމުން ދިޔަ ތަނަށް ވަންނަން ޖެހޭނެ ސަބަބެއް އޮންނާނެތޯ ވެސް ޔާމީން މިއަދު ސުވާލުކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ޝިފާއު ބުނީ، އާމިރު އެ ބައްދަލުވުމަށް ނުވަންނަ ކަމަށާއި، އޭނާ ދޮރުގައި ޓަކި ދިނުމުން ދަބަހާ ހަވާލުވީ ޝިފާއު ކަމަށެވެ. ނަމަވެސް، ދޮރު ހުޅުވި ގަޑީގައި ބައްދަލުވުން ހިނގަމުން ދިޔަ ތަން ފެނުމުގެ ފުރުސަތު އޮވެދާނެ ކަމަށް ވެސް ޝިފާއު ބުންޏެވެ.

ގުޅުން ހުރި ކަމެއް - ފުއްގިރި މުއާމަލާތާ ގުޅޭ ގޮތުން އަދީބު ކޯޓުގައި ހެކިބަސް ދެއްވަމުން ކުރިން ވިދާޅުވެފައި ވަނީ:

  • އެ ކަމުގައި ފުރަތަމަ އޭނާއާ ވާހަކަދެއްކެވީ ޔާމީން

  • އެ ރަށް ކުއްޔަށް ހިފަން ބޭނުންވާ އިންޑިއާގެ ވަރަށް ވަރުގަދަ ވިޔަފާރިވެރިންތަކެއް އަންނާނެ ކަމަށާއި 2.5 މިލިއަން ޑޮލަރަށް އެ ރަށް އެ މީހުންނަށް ދިނުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޔާމީން އެންގެވި

  • 2.5 މިލިއަން ޑޮލަރަށް އެ ރަށް ދޫކުރަން ކްލެސިކް ސިޓީ ކުންފުންޏާ މަޝްވަރާކޮށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ވެސް ހުށަހެޅި

  • އިންޑިއާގެ އެ މީހުންނާ އެކު ބޭއްވި އެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި

  • އިބްރާހިމް ރަޝީދު އެ ބައްދަލުވުމުގައި އިންނެވީ އިންޑިއާ މީހުންގެ މަންދޫބެއްގެ ގޮތުން

އޭގެ ފަހުން، އެ ރަށާ ގުޅޭ ގޮތުން ހިނގައިދިޔަ މުއާމަލާތްތަކުގެ ގޮތުގައި އަދީބު ފާހަގަކުރެއްވި ކަންކަމަކީ:

  • އެ ބައްދަލުވުމަށް ފަހު ފުއްގިރި މުއާމަލާތުގައި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި އަދީބާ މުއާމަލާތް ކުރަމުން ދިޔައީ އެ މައްސަލާގައި ދެން ދައުވާ ލިބޭ އަހްމަދު ކްރިކް ރިޒާ

  • 2.5 މިލިއަން ޑޮލަރަށް އަނގަބަހުން އިންޑިއާ މީހުންނާ އެކު އެއްބަސްވެފައި ވަނިކޮށް، ރަށުގެ އަގު 400،000 ޑޮލަރަށް ކުޑަކޮށް، އެޑްވާންސްއަށް 150،000 ޑޮލަރު ނެގުމަށް ޔާމީން ވިދާޅުވި ކަމަށް ރިޒާ ޒިޔަތު ކައިރީ ބުނި

  • ފުއްގިރި މުއާމަލާތުގެ ތެރޭގައި، މި މައްސަލައިގައި ދައުވާ ލިބޭ ސަން ކުންފުނިތަކުގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްއާ ބައްދަލުވެ، ވާހަކަދެކެވުނު

  • ސިޔާމްގެ އެމްޑީއޭގެ ނައިބު ލީޑަރު މައުރޫފާއި ސިޔާމްގެ ކޮއްކޮ ސާލިމްއާ ވެސް ބައްދަލުކުރެއްވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް