2 އޮގަސްޓް 2021ގައި ޔާމީން ފުލުހަށް ހާޒިރުކުރުމަށް ފަހު އަނބުރާ ގެއަށް ގެންދަނީ. (ދައުރު ފައިލް ފޮޓޯ)

ފުއްގިރި މައްސަލައިގެ ޝަރީއަތް އަވަހަށް ނިންމައިދޭން ސަންގެ 2 ކުންފުނިން އެދިއްޖެ

ގާޒީ އަލީ ނަދީމް ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ޝެޑިއުލްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވަނީ ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް އަވަހަށް ނިންމައިދިނުމަށް، އެ މައްސަލައިގައި ދައުވާ ލިބޭ، ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތާ ގުޅިގެން މިހާރު ކޯޓުގައި ކުރިއަށްދަނީ:

  • ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން ކޮންސްޓަރަކްޝަން - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ

  • ސަން އިންވެސްޓްމަންޓް - މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ 

މި މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށްވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވަނީ، އަޑުއެހުންތައް ނުބޭއްވި ލަސްވަމުން ދިއުމުންނެވެ. އޭގެ ފަހުން ވެސް، އަޑުއެހުންތައް ތާވަލުކުރި ދުވަސްތަކުގައި އެކި ސަބަބުތަކާ ހެދި ކެންސަލް ވަމުން ދިއުމުން، ގިނަ ދުވަސްތަކެއް ވަންދެން އަޑުއެހުމެއް ނުބާއްވާ އޮތުމަށް ފަހު މިއަދު އަލުން އަޑުއެހުންތައް ވަނީ ފަށާފަ އެވެ.

ތަފްސީލް - މިހާރު މި މައްސަލާގައި ކުރިއަށްދަނީ ދައުލަތުގެ ފަރާތުން ހެކިބަސްދޭ އެންމެ ފަހު ދެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެއީ: 

  • މުހައްމަދު ޝިފާއު - އެމްއެމްޕީއާރްސީގެ އޮފީހުގައި ފުއްގިރި މުއާމަލާތާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމަށް އިންތިޒާމުކުރުމަށް ހަރަކާތްތެރިވި އެ އޮފީހުގެ އެކްޒެކްޓިވް ޑިރެކްޓަރެއް

  • ސަން ކޮންސްޓްރަކްޝަނުގެ ފައިނޭންސް ޑިރެކްޓަރު ސްރިތަ ކުމާރު ތިއަގަ ރާޖާ - އެންމެ ފަހުން ހެކިބަސް ނެގިއިރު އޭނާ ހުރީ ބޭސްފަރުވާއަށް ސްރީ ލަންކާގައި

އެ ދެ މީހުންގެ ހެކިބަސް ނެގުން ލަސްވެފައިވަނީ އެ މީހުން ރާއްޖެއިން ބޭރުގައި ތިބުމުން، ހެކިބަސްދޭ ތަނުގެ ގޮތުން ރައްކާތެރި ނޫން ކަމަށް ފެންނާތީ އެވެ. މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގީ ސައުދީގެ ޖިއްދާގައި ދިރިއުޅޭ ޝިފާއުގެ ހެކިބަހެވެ. އޭނާ މިއަދު ހެކިބަސް ދިނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން އޮންލައިންކޮށް ބައިވެރިވެގެންނެވެ.

ޝިފާއުގެ ހެކިބަސް ނަގާ ނިމުމުން، މި މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމް ވިދާޅުވީ، ދެން ހެކިބަސް ނުނެގި އޮތް ސްރިތަ ކުމާރު ތިއަގަ ރާޖާގެ ހެކިބަސް ނަގާނީ އެހެން އަޑުއެހުމެއްގައި ކަމަށެވެ.

އެއަށް ފަހު، އަޑުއެހުން ބާއްވާނެ ތާރީހެއް އިއުލާން ނުކުރައްވައި ގާޒީ އަޑުއެހުން ނިންމާލައްވަން އުޅުއްވުމުން، ފުރުސަތަކަށް އެދިވަޑައިގެން ސަންގެ ދެ ކުންފުނީގެ ފަރާތުން ވަކާލާތު ކުރައްވާ މުހައްމަދު ނިޝާން އިބްރާހިމް ވަނީ، އަޑުއެހުންތައް އަވަހަށް ކުރިއަށް ގެންގޮސް، ޝަރީއަތް ވީހާ ވެސް އަވަހަށް ނިންމައިދިނުމަށާއި އަޑުއެހުންތަކުގެ ޝެޑިއުލެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ:

  • ކުރިއަށް ހުރި އަޑުއެހުންތަކުގެ ތާވަލް ދިނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު ހުއްދަކުރޭ

  • މިއީ 28 ޖޫން 2020ގައި ހުށަހެޅުނު މައްސަލައެއް

  • ސަންގެ ދެ ކުންފުންޏަކީ ވެސް ރާއްޖޭގެ ފުޅާ ދާއިރާގައި ވިޔަފާރީގެ މަސްލަހަތު އޮތް ކުންފުނިތަކެއް

  • ދެ ކުންފުނީގެ މައްޗަށް އޮތް ދައުވާތަކުގެ ސަބަބުން ވިޔަފާރީގެ މަސްލަހަތަށް ހުރަސްތަކެއް މެދުވެރިވޭ

"އެހެން ކަމަށް ވުމާ އެކީ މައްސަލަ އަވަސްކޮށްދިނުމާ އެކު، ޝެޑިއުޑިއުލްތަކެއް ދިނުމަށް ވަރަށް އަދަބުވެރިކަމާ އެކު އެދެން. ގާނޫނުގައި ވެސް އެ ގޮތަށް އޮތުމާ އެކީގައި. ކުރިއަށް އޮތް ޝަރީއަތްތަކުގެ ދުވަސްތައް ތާވަލުކުރުމަށް ފަހު މައްސަލަ އަވަސްކޮށްދިނުމަށް އެދޭ ކަމުގައި ދަންނަވަން،" ނިޝާން ވިދާޅުވި އެވެ.

ސަން ކޮންސްޓަރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ ވަކީލު މުހައްމަދު ނިޝާން މިއަދުގެ އަޑުއެހުމުގައި އޭނާގެ މުވައްކިލާއެކު

މި ވާހަކަތަކާ ގުޅިގެން ގާޒީ އަލީ ނަދީމް ވިދާޅުވީ، ހެކިބަސް ނުނެގި ވާ ދައުލަތުގެ ދެން ހުރި ހެކިވެރިޔާގެ ހެކިބަސް ނެގުމަށް މިއަދު މަސައްކަތް ކުރި ނަމަވެސް، މިއަދުގެ އަޑުއެހުމުގައި އޭނާގެ ހެކިބަސް ނުނެގުނީ ތަރުޖަމާނަކު ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގިއިރު ސްރިތަ ކުމާރު ތިއަގަ ރާޖާގެ ތަރުޖަމާނެއްގެ ގޮތުގައި ކޯޓުން ބައިވެރިވި ދިވެހި ތަރުޖަމާނުގެ ތަރުޖަމާގައި މައްސަލަތަކެއް އުޅޭތީ ތަރުޖަމާނު ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އަލީ ނަދީމް ވިދާޅުވި އެވެ.

މައްސަލައިގެ ޝެޑިއުލް ހަވާލުކުރުމާ ގުޅޭ ގޮތުންނާއި މައްސަލަ އަވަސްކޮށްދިނުމާ ބެހޭ ގޮތުން އަލީ ނަދީމް ވިދާޅުވީ، ޝަރީއަތުން ވެސް މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމުމަށް ކަމަށެވެ.

ގާޒީ ވިދާޅުވީ:

  • ކޯޓުގެ ޖާގަައިގެ ދަތިކަމުގެ ސަބަބުން ކުރިއާލައި ޝެޑިއުލެއް ދިނުމަކީ ދަތިކަމެއް

  • ކްރިމިނަލް ކޯޓުގައި މިހާރު ޝަރީއަތްތައް ކުރިއަށް ގެންދަނީ ކޮންމެ މަހަކަށް ވަކި ޖާގަތަކެއް ކޮންމެ ގާޒީއަކަށް ދީގެން

  • އެހެންކަމުން، ދުރާލާ ޝެޑިއުލް ދެވޭކަށް ނެތް

"އެހެން ނަމަވެސް، ޝަރީއަތުން ވީހާ ވެސް އަވަހަކަށް ދެން އޮތް ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ފަހު، ދިފާއީ ވަކީލުންގެ ހެކިބަސް ނަގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލަން މަސައްކަތްކުރާނަން،" އަލީ ނަދީމް ވިދާޅުވި އެވެ.

މައްސަލައިގެ ހުލާސާ

ފުއްގިރި މައްސަލާގައި ކޮށްފައިވާ ދައުވާތަކުގައި ދައުލަތުން ބުނެފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް 9 ސެޕްޓެމްބަރު 2015ގައި ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސް ލިމިޓެޑްއަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތެއް ހިންގާފައިވާ ކަމަށެވެ.

މި މުއާމަލާތާ ގުޅިގެން ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި:

  • 29 މޭ 2016 - ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޔާމީންގެ އެންގުމަށް، ރިޒާގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން ސަން ކޮންސްޓްރަކްޝަންއަށް ދޫކޮށްފައިވޭ

  • 31 މޭ 2016 - ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައްކައިގެން، މި ޗެކް ސަން ކޮންސްޓްރަކްޝަންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި 

  • 7 ޖޫން 2016 - އެ ފައިސާ ސަން އިންވެސްޓްމަންޓްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށް 'އިންހައުސް ފަންޑް ޓްރާންސްފާ'އެއްގެ ގޮތުގައި ޖަމާކުރި 

  • 7 ޖޫން 2016 - މި ފައިސާއަށް އިތުރު 1،000 ޑޮލަރު އެއްކުރުމަށް ފަހު، ޖުމްލަ 1.18 މިލިއަން ޑޮލަރު 'އިންޓަ ކޮމްޕެނީ ފަންޑް ޓްރާންސްފަ'އެއްގެ ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށް، ފައިސާ ފަށަލަކޮށްދީ ލޯންޑަކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް