ކެމްޕޭނުގައި ރައީސް ގއ. ދާންދޫ އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތްއިރު ބޯކޮށް ވާރޭ ވެހޭ (ފޮޓޯ/ކެމްޕޭނު ޓީމް)

ޕީޕީއެމް އަށް ނިސްބަތްވާ ދާންދޫ ކައުންސިލްގެ ރައީސަށް އިމްރާންގެ ތައުރީފް

އިމްރާން ވިދާޅުވީ ރައްޔިތަކާ ރައީސަކާ ދެމެދު އޮންނާނީ 'ހިތާ ހިތުގެ' ގުޅުން ކަން މިއަދު އެ ރަށުން ފެނުނު ކަމަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ޓީމު ގއ. ދާންދޫ އަށް އިއްޔެ ވަޑައިގަތުމުން އެ ރަށުގެ ކައުންސިލްގެ ރައީސް، އިދިކޮޅު ޕާޓީ އަށް ނިސްބަތްވާ މުހައްމަދު އާސިފް ދެއްކެވި ނަމޫނާ އަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ތައުރީފު ކުރައްވައިފި އެވެ.

ވީ ކިިހިނެއް ؟ - އިއްޔެ ހެނދުނު ރައީސް އާއި އެމަނިކުފާނުގެ ޓީމު ދާންދޫ އަށް ވަޑައިގެންނެވި އިރު ބޯކޮށް ވާރޭވެހެމުން ދިޔަ ނަމަވެސް އެ ރަށުގެ ގިނަ ރައްޔިތުންތަކެއް ރައީސް އަށް މަރުހަބާ ކިޔަން ނިކުމެ ތިއްބެވެ.

ތަފްސީލް - އެކަން ފާހަގަ ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ، ދާންދޫ އިން ފެނުނީ ރައީސްއަކާ ބައްދަލުކުރަން އެ ރަށުގެ ރައްޔިތުންގެ ހުރި ޝައުގު ކަމަށެވެ.

"އެ ރައްޔިތުންނާ ބައްދަލު ނުކުރައްވާ އެމަނިކުފާނުގެ ހިތަށް އެއްގޮތަކަށް ވެސް ކެތް ނުކުރެއްވިގެން އެ ރައްޔިތުން ދެކެ ލޯތްބާއި އޯގާވެރިކަމާ ޝައުުގުން އެ ރައްޔިތުން ތެރެއަށް ވާރެޔާ ތެމިގެން ފައިބާ ވަޑައިގެން އެ ރައްޔިތުންނާ ބައްދަލު ކުރީ،" އިމްރާން ވިދާޅުވި އެވެ.

ދާންދޫ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ އިމްރާން ވިދާޅުވީ ރައްޔިތަކާ ރައީސަކާ ދެމެދު އޮންނާނީ 'ހިތާ ހިތުގެ' ގުޅުން ކަން އެ ރަށުން ފެނުނު ކަމަށެވެ.

ދާންދޫ އިން ފެނުނު 'ހިތްފަސޭހަ' މަންޒަރެއްގެ ވާހަކަ ފާހަގަ ކުރައްވާ އިމްރާން ވިދާޅުވީ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ރައްޔިތުންނާ އެކު ނިކުންނަވާ ވާރޭގައި ރައީސަށް މަރުހަބާ ދެންނެވި ކަމަށެވެ.

"މި ރަށްރަށުން ފެންނަ އެއްވެސް މަންޒަރެއް އެއްވެސް ހަރަކާތެއް ނުފެންނަ ގޮތަށް މުޅި ރަށުގެ އިންތިޒާމުތައް ހަމަޖެއްސެވި،" ރައީސްގެ ދަތުރުފުޅާ ދިމާކޮށް ބައެއް ރަށްރަށުގެ އިދިކޮޅު ސަޕޯޓަރުން ނިކުމެ ހަމަނުޖެހުން ހިންގުމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވި އެވެ.

"ހުރިހާ ހަރަކާތެއް ނިމިގެން އަޅުގަނޑު އާސިފް ކައިރީ އަހާލިން ބައްލަވާ މަނިކުފާނު، އެމްޑީޕީ އާ ގުޅުމުގެ ޝައުގުވެރިކަމެއް ހުރީތޯ އޭ؟ ވިދާޅުވި ފަހަރެއްގައި ވެސް އެހެންނެއް ނޫނޭ. މިއީ ހަމަ ރައީސުލްޖުމްހޫރިއްޔާ އަށް ކުރާ އިހުތިރާމާއި ގަދަރޭ."

އިމްރާނު ވިދާޅުވީ، އާސިފް އަކީ ހުރިހާ ކައުންސިލަރުންނަށް ނަމޫނާ އެއް ކަމަށާއި ކޮންމެ ރައީސެއް ވިޔަސް، އެ ރަށަކަށް ވަޑައިގަތުމުން ކައުންސިލަރުން ރައީސަށް މަރުހަބާ ކިޔަންޖެހޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް