ޕީޕީއެމް-ޕީއެންސީގެ އޮފީސް ކުރިމަތީގައި ރޭ ބޭއްވި މަގުމަތީ ހަރަކާތުގައި ވާހަކަ ދެއްކެވި ބޭފުޅުން (ކ-ވ): ތޯރިގް، ޝިޔާމް، އާދަމް ޝަރީފް، ޝުޖާއު އަދި ސައީދު.

ލީޑާޝިޕް މީހުން މުއިއްޒަށް ތާއީދުނުކޮށް، ދެއްކީ ޔާމީންގެ 'އިމްތިހާނުން ފެއިލްވި' ވާހަކަ

ޕީޕީއެމް-ޕީއެންސީގެ ބައެއް އިސް ފަރާތްތަކުން 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ލީޑާޝިޕްގެ ގިނަ ބޭފުޅުން އަދި ތިއްބެވީ މުއިއްޒުއަށް ތާއީދު ކުރައްވާ ގޮތަކަށް ނޫން

ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން އަދި ތިއްބެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަހަތަށް އަރާ ގޮތަށް ނޫންކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީޕީއެމް-ޕީއެންސީ އޮފީސް ބޭރުގައި ރޭ ބޭއްވި ޖަލްސާއެއްގައި، ދެ ޕާޓީގެ ލީޑާޝީޕްގެ ގިނަ ބޭފުޅުން ދެއްކެވި ވާހަކަތަކުން ހާމަވީ އެ ބޭފުޅުން އަދި ތިއްބެވީ މުއިއްޒުގެ ފަހަތަށް އަރާ ގޮތަށް ނޫން ކަމެވެ.

އޭގެ އިތުރުން، މުއިއްޒުގެ ކެންޑިޑެސީ ހުށަހެޅުމަށް ފަހު، ދެ ޕާޓީގެ އިސް ފަރާތްތަކާއި ކެމްޕެއިން ޓީމުތަކާ އެކު މުއިއްޒު ޕީޕީއެމް-ޕީއެންސީގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުންތަކުގައި ވެސް ލީޑާޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެ ތަނުގައި ލީޑާޝިޕްގެ ބޭފުޅަކަށް ހުންނެވީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކަންޏެވެ.

އެނގުން މުހިންމު - ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމާ އެކު ވަނީ ބަންދުވެފަ އެވެ. އެއާ އެކު، އިންތިހާބު ބޮއިކޮޓް ކުރުމަށް އެ މަނިކުފާނު އެންގެވި އެންގެވުމާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ފާސްވީ، އިންތިހާބުގައި ވާދަ ކުރުމަށެވެ. އެގޮތުން:

  • ޔާމީން ސެނެޓްގެ ނިންމުމާ ވެސް އެންމެ ފުރަތަމަ ދެކޮޅު ހެއްދެވި؛ އޭރު ވެސް މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މަސައްކަތް ދިޔައީ ކުރަމުން

  • ޔާމީން ގޮތް ދޫކުރައްވައި މުއިއްޒުއަށް ތާއީދު އޮތްކަން ހާމަކުރެއްވީ، މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިއްޔެ އިންތިހާބާ ބެހޭ މަރުކަޒުގައި ތިއްބަވަނިކޮށް

ތަފްސީލު - ރޭ ޕީޕީއެމް-ޕީއެންސީގެ އޮފީސް ކުރިމަތީ ބޭއްވި ޖަލްސާގައި ލީޑާޝިޕްގެ ހުރިހާ ބޭފުޅުން ވެސް ވާހަކަ ދެއްކެވީ، މުއިއްޒުގެ ނަން ނުގެންނަވައި ހަމައެކަނި ޔާމީންއާ ގުޅޭ ގޮތުންނެވެ. އަދި ޔާމީންގެ އެންގެވުމާ ދެކޮޅަށް އިންތިހާބުގައި ވާދަކުރުމަށް ސެނެޓުން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ވެސް ބައެއް ބޭފުޅުން ވާހަކަދެއްކެވި އެވެ.

މުއިއްޒު އިންތިހާބު ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރޭގެ ހަަރަކާތުގައި އޭނާއަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި ހަމައެކަނި ބޭފުޅަކީ، ސެނެޓް މެންބަރު އަދި އައްޑޫ މޭޔަރު ކަމަށް ވާދަކުރެއްވި މުހައްމަދު ލަތީފް އެވެ. އެގޮތުން:

  • އޭނާ ވާހަކަ ދައްކަވަން ފެއްޓެވުމާ އެކު، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕިއެމްގެ މަގުމަތީ ހަރަކާތްތައް އިންތިޒާމް ކުރާ ކޮމިޓީގެ މުގައްރިރު މުހައްމަދު އިސްމާއިލް ޕޯޑިއަމް ކައިރިއަށް ވަޑައިގެން ވަކި ގޮތަކަށް ވާހަކަ ދެއްކެވުމަށް އިރުޝާދު ދެއްވި

"ރައީސް ޔާމީންގެ ވާހަކަ ދައްކަވާނީ. މުއިއްޒުގެ ވާހަކަ އެ ވަރަށް ނުދައްކާތި،" މުހައްމަދު ހުސައިން، ލަތީފްގެ ކަންފަތް ކައިރީ ސިއްރުން އެހެން ވިދާޅުވި އަޑު 'ޗެނަލް13'ގެ މައިކަށް އެރި އެވެ.

މުހައްމަދު އިސްމާއިލް، ލަތީފް ކަންފަތް ކައިރީ ސިއްރު ވާހަކައެއް ދައްކަވަނީ: އެ ވާހަކައިގެ އަޑު ޗެނަލް13ގެ ފީޑަށް އަރާފައިވޭ.

އެ ހަރަކާތުގެ ލައިވް ފީޑް ޗެނަލް13ގެ ފޭސްބުކު ޕޭޖުން މިހާރު ފެންނާކަށް ނެތެވެ. ނަމަަވެސް، މީޑިއާނެޓުގެ އެޕުން ޗެނަލް13ގެ ފީޑު އޮޅައިގެން އެ ބައި އަދިވެސް ބެލެ އެވެ.

ލަތީފަށް ފަހު، އެ ހަރަކާތުގައި ވާހަކަ ދެއްކެވީ:

  • 1-

    މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް

  • 2-

    ޕީޕީއެމްގެ ނައިބު ރައިސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް

  • 3-

    ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

  • 4-

    ޕީއެންސީގެ ނައިބު ރައީސް އަދި ޕީއެންސީގެ ޓިކެޓަށް މުއިއްޒުއާ ވާދަކުރެއްވި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

  • 5-

    ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ޝުޖާއު

އެ ފަސް ބޭފުޅުންގެ ވާހަކައިގައި ވެސް މުއިއްޒުގެ ނަމެއް ނުގެންނަވަ އެވެ. މުޅިން ވެސް ދެއްކެވީ ޔާމީންގެ އިންތިހާބީ ހައްގު ނިގުޅައިގަތީ، ސަރުކާރުން ކަމަށާއި އެ މަނިކުފާނަށް އިންސާފު ލިބެން ޖެހޭ ކަމާ ގުޅޭ ގޮތުންނެވެ. އަދި ކުރިއަށް ދާނީ ވެސް ޔާމީންގެ އިރުޝާދުގެ މަތިން ކަމަށް ހުރިހާ ބޭފުޅުންގެ ވާހަކައިގައި ފާހަގަކުރަވަމުން ގެންދެވި އެވެ.

"މި ރާއްޖޭގެ ސިޔާސީ އެޖެންޑާ ސެޓް ކުރާނީ ރައީސް ޔާމީން. މީގެ ކުރިން ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ސިޔާސީ އެޖެންޑާ ސެޓް ކުރާނީ ރައީސް ޔާމީން،" ޝިޔާމް ދެއްކެވި ވާހަކައިގައި ވިދާޅުވި އެވެ.

ޝިޔާމްގެ އެ ވާހަކައަށް ސައީދު ވެސް ތާއީދު ކުރެއްވި އެވެ.

"ޕީޕީއެމް އަކީ ރައީސް ޔާމީން. ޕީޕީއެމް-ޕީއެންސީ އަކީ އެ މަނިކުފާނުގެ ފިކުރު... މިހާރުން މިހާރަށް އެ މަނިކުފާނު ދޫކޮށްލުމަށް ގޮވާލަން،" ސައީދު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ، ޔާމީނަށް "އަނިޔާވެރިވަމުންދަނީ" ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.

"ނަސީބުކަން ނޭނގެ އަޅުގަނޑު ޕްރައިމަރީން ބަލިވީ. އަޅުގަނޑު ޔަގީނުން ވެސް ހޮވުނު ނަމަ، އިބްރާހިމް މުހައްމަދު ސޯލިހް ޖަލަށް ލާނަން، ޖަލަށް ލާނަން. އެއަށް ވުރެ މާ ނުލަފާކޮށް ކަންތައްތައް އެ ކުރަނީ،" ޕީއެންސީގެ ޓިކެޓް ހޯއްދެވުމަށް މުއިއްޒުއާ ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އާދަމް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިސްރާބު ހުރީ ރަނގަޅަށް. މި ޕާޓީ ރޫޅިގެން ނުދާނެ. އަޅުގަނޑުމެންގެ ސިޔާސީ ގިބުލައަކަށް ވާނީ އަބަދުވެސް ރައީސް ޔާމީން. ސާބިތުކަމާ އެކު ތިބޭނީ ރައީސް ޔާމީންގެ އިރުޝާދާ އެކު."

ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ހޮވުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ނެގި ސިއްރު ވޯޓަށް ފަހު، އާދަމް ޝަރީފް އާއި މުއިއްޒު ސަލާމް ކުރައްވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ތޯރިގް އާއި ޝުޖާއުގެ ވާހަަކަގައި، ސެނެޓުން ޔާމީންގެ އެންގެވުމާ ހިލާފަށް ވޯޓު ނަގައި އިންތިހާބުގައި ބައިވެރިވާން ފާސްކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އެ ބޭފުޅުން ސިފަކުރެއްވި ގޮތުގައި، އެއީ ވަރަށް ހިތާމަވެރިކޮށް ހިނގާފައިވާ ކަމެކެވެ.

"ރައީސް ޔާމީންގެ އިރުޝާދާ އެކު މެނުވީ، އެއްވެސް ކަމެއް ނުކުރާނެކަން ޔަގީން ކުރައްވާ. އެހެން ނަމަވެސް، ހިތާމައަކީ ރައީސް ޔާމީން ދެއްވާ ބައެއް އިމްތިހާންތަކުން އަޅުގަނޑުމެން ފެއިލްވަމުންދާ ކަމީ، މިއަދު ވަރަށް ހިތާމައާ އެކު ދަންނަވަން ޖެހޭ ކަމެއް،" ސެނެޓްގައި ނެގި ވޯޓަށް އިޝާރާތްކުރައްވައި ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް ދެރަ ގޮތެއް ނުހައްދަވާނެ ކަމަށް ޔާމީން އޮތީ ވިދާޅުވެފައި ކަމަށެވެ. އަދި "ޕްލޭން އޭ އާއި ބީ އަދި ސީ"ވެސް ޔާމީން ގެންނެވީ އެ ނިޔަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ޝުޖާއު ވިދާޅުވި ގޮތުގައި، ރައްޔިތުންނާއި ސެނެޓަރުން "މަގުމަތި ނުކުރުމަށެ"ވެ.

"އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދު ހިތާމަކުރާ ކަމަކީ، އެއްލާ ކުޑަކުޑަ އިމްތިހާން ޕޭޕަރަކުން އަޅުގަނޑުމެން ފެއިލްވުމަކީ އެ މަނިކުފާނު މިއަދު ހިތާމަކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ބޭލޭނެ ހަމައެކަނި ލީޑަރަކީ ވެސް ޔާމީން ކަމަށެވެ. އަދި ޔާމީން މިނިވަން ކުރުމަށް އާންމު މެންބަރުން މި ދަނޑިވަޅުގައި އަތާއި އަތް ގުޅާލުމަށް އޭނާ ގޮވާލެއްވި އެވެ.

ގުޅުން ހުރި ކަމެއް - ޕީޕިއެމް-ޕީއެންސީގެ އިސް ބައެއް ބޭފުޅުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ލީޑާޝިޕް ބައެއް ބޭފުޅުން މުއިއްޒުއަށް ތާއީދުކުރައްވަން ބޭނުމެއް ނުވެ އެވެ. 

"އަދިވެސް އެއް ގަލަކަށް ނޭރިގެން އެ އުޅެނީ. އެކަން ރޭގެ ޖަލްސާއިން އެ ފެނުނީ،" މަސްލަހަތަށްޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އިސް ބޭފުޅަކު ވިދާޅުވި އެވެ.

މުއިއްޒުގެ ކެންޑިޑެސީ އިއްޔެ ހުށަހެޅުއްވުމަށް ފަހު، ލީޑާޝިޕްއާ އެކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް، އެ ބައްދަލުވުން ވެސް އިއްޔެ ނުބާއްވަ އެވެ. އެނގިފައިވާ ގޮތުގައި، އެ ނޫސްވެރިންގެ ބައްދަލުވުން ވެސް ނުބޭއްވުނީ، މުއިއްޒުއަށް ތާއީދުކުރައްވަން ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނަށް އެއްބަސްނުވެވޭތީ އެވެ.

ކޮމެންޓް (10)

ޫޔާމިނުބޭ

9 އޯގަސްޓު 2023
އަދުރޭގެ ބަޣާވާތް
0 0

ބިސް

8 އޯގަސްޓު 2023
މަގޭ ސަޕޯޓު މުއިއްޒަށް. އިންޝާ ﷲ ތި މަކަރުވެރި ހިޔަޅުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް މުއިއްޒު ވެރިކަން ހޯދާނެ. އަދި އެއަށްފަހު ރައީސް ޔާމީން މިނިވަންކުރާނެ.
3 1

މިނިސްޓާ ޖުހާ

8 އޯގަސްޓު 2023
މީގެ ދުވަސް ތަކެއް ކުރިން ޖުމްހޫރީ މައިދާނުގައި މި 5 މީހުން އިށީނދެގެން ތިބެ ދެއްކި ވާހަކަ މަގޭ ހަދާނަށް އަންނަނީ…. “އަޅުގަޑުމެން އެދޭ ވެރިކަމެއްގައި ޝުޖާ އަކީ ހޯމް މިނިސްޓާ” އަދި ޓޮމްއަކީ ޔޫތު މިނިސްޓަރު ކަމުގައި ބުނި ވާހަކަ އަޑު އެހިން…😂 އެ މަގާމު މުއިއްޒުގެ ވެރިކަމެއްގަ ނުލިބީނެތީހެން ވަރަށް ހީވޭ މި އުޅެނީ. ގަބޫލު ނުކުރެވެންޏާ އެ ދުވަހުގެ ވީޑިއޯތައް ބަލާލަބަލަ
2 1

އަޙްމަދު

8 އޯގަސްޓު 2023
މި ފަހަރު ރައީސް ޔާމީން އެ ދެއްވި އިމްތިޙާނުން ފެއިލްވާ ވުމަކީ ދީނާއި ޤައުމަށްޓަކާ ކުރިމަތީގައި އޮތް އިމްތިހާނުން ފާސް ވުން ކަމުގައި ވަނީނަމަ އަޅުގަނޑަކަށް މައްސަލައެއް ނެތެވެ.
6 0

ހަރާން ހުކުމް

8 އޯގަސްޓު 2023
ތިގޮތަށް މަގުމަތީގައި ހަޅޭލަވައިގެން ރައިސް މިނިވަން ވެއްޖެ ތޯ؟ ނުވަތަ ކޯޓުތަކަށް ގޮސްގެން ހަމަނުޖެހުން ހިންގައިގެން އެއްވެސް ކަމެއް ވެއްޖެ ތޯ؟ ރައީސްއަށް މާ ހެޔޮ އެދޭ ބަޔަކަށް ވެގެން ހަޅޭ ލަވަނީ ރައްޔަތުންގެ ލޮލުގައި އަނދުން އަޅުވަން. ރައީސް މިނިވަން ވާނީ ޕޕމ ޕނސ ވެރިކަމެއް ގެނެސްގެން. ހަމަ ބުއްދިން ވިސްނާލީމާ އެނގޭނެ މި ބޭފުޅުން މި އުޅެނީ ކޮންމެހެން ރައީސް މިނިވަން ކުރާކަށް ނޫންކަން. އަމިއްލަ މަންފާއަށް.
10 1

ފަހުބަސއ

8 އޯގަސްޓު 2023
އަޅުގަނޑު ރައިސް ޔާމިނަށް ފުރިހަމަ އަށް ތާއިދު ކުރަން. ދެބަސްވާ ބައެއް ކަންތައް ހުރުމަކީ އެއީ މައްސަލައެއް ނޫން. ވަކި ފަރާތަކަށް ސަޕޯޓު ކުރުމަކީ އެމީހަކު ދައްކާ ވާހަކަ އަކީ އެންމެ ފަހުބަސް ކަމުގައި ދެކިގެން ނުވާނެ. މީގެ 1400 އަހަރު ކުރިން އަޅުގަނޑުމެންނަށް ވަނީ ފަހުބަސް ލިބިފައި. ފުރިހަމަ މުސްލިމެއްނަމަ ވަކި ޝަޚުސިއްޔަތަކަށް ވުރެ ބޮޑަށް ދީން އިސް ކުރަންޖެހޭ. އަދި އެއަށްފަހު ޤައުމު. މި ގޮތަށް ވިސްނައިގެން ބޯއިކޮޓު ކުރުމުގެ ބަދަލުގައި އިންޝާ الله މި ފަހަރު މުއިއްޒުއަށް އަޅުގަނޑުގެ ވޯޓު. އަދި މިގޮތަށް ރައިސް ފަހުން ނިންމެވީތީ އުފާ ކުރަން. ޝުކުރިއްޔާ ރައިސް ޔާމިން.
10 1

ސުވާލު

8 އޯގަސްޓު 2023
ތިމާ ހިތް އެދޭ މީހާއަށް ޕނސ ޓިކެޓު ލިބުނު ނަމަ ތިމީހުން ތި ވައްތަރު ޖައްސާނެ ތޯ؟
8 0

ވާނުވާ.

8 އޯގަސްޓު 2023
ތީގެ ތެރެއިން އެއްބަޔަކީ މާކުރިންވެސް އަންނިގެ އަރިސްމީހުން. އެމީހުން އުޅޭނީއެހެން. އެހެންނޫނަސް ޔާމީނުގެ އިމްތިހާނަށްވުރެ މިހުންމުވާނީ ދީނާއި ޤައުމާމެދު ވާޖިބުއަދާކުރިގޮތާމެދު ﷲގެ ހަޒުރަތުގައި އެއިމްތިހާން. ޔަމީންވެސް ތިމީހުންގެ ޕްރެޝަރުގައި ކުރިން އެވާހަކަ ދެއްކެވިޔަސް މިހާރު އެވަނީ މިހާރި ހަދަންވީގޮތް ވިދާޅުވެފައި. ދެން ކޮން އިމްތިހާނެކޭބާ މިމީހުން މިކިޔަނީ؟ ތީގައި ލާދީނިއްޔަތަށް ބާރުދިނުން ނޫން ކަމެއް ނެތް.
9 0

މޫރުދ

8 އޯގަސްޓު 2023
ޝިޔާމުއައީ ޕީޕީއެމްތެރެއިން ނަޝީދު އެންގެވިގޮތަށް ހިމޭން ބަގާވާތެއް ފައްކާކޮއް ދިރުވަމުންނެވެ. މުއިއްޒުއަށް ޓިކެޓުލިބުން ވެގެންދިޔައީ ނަޝީދު އަދި ޝިޔާމް ކަރުގައި ފުދޭވަރަކަށް ހިތިރަހަލީކަަމަކަށެވެ.
12 0

ލޮލއ

8 އޯގަސްޓު 2023
ޝިޔާމް މެން ތިހެން ހަސަދަވެރިވެގެން އުޅުނީމަ މުއިއްޒުއަށް ސަޕޯޓު އިތުރު ވާނީ. ޝުކުރިއްޔާ
19 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް