ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދ. ކުޑަހުވަދޫ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

އިދިކޮޅުން ބުނީ އެއްވެސް ކަމެއް ނުކުރެވޭނޭ؛ ރައީސް ވިދާޅުވެދެއްވީ ކޮށްފައި ހުރި ކަންކަން

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުގެ ސަބަބުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކާ އެކު ވެސް، މި ސަރުކާރުން ވީ ވައުދުތަކުގެ %90 ތަންފީޒުކޮށް ނިމިފައިވާ ކަމަށް
7 އޯގަސްޓު 2023

މި ސަރުކާރުން ވައުދުވި ކަންތައްތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ނުވާނެ ކަމަށް ބުނި އެތައް ކަމެއް ކޮށް ނިމިފައިވާ ކަމަށާއި، އިތުރު ދައުރަކަށް ކުރިމަތިލައްވާއިރު ރައްޔިތުންނަށް މި ސަރުކާރު ޓެސްޓު ކުރެވިފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހު ރިޔާސީ ކެމްޕޭނަށް މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ވަޑައިގަތީ އެ އަތޮޅު ކުޑަހުވަދުއަށެވެ.

ބުނީ ކީކޭ؟ - ކުޑަހުވަދޫގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގެ ބޮޑު ބައެއްގައި ވިދާޅުވެދެއްވީ ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލައި އެ ކަމަށް ބޮޑު ހަރަދެއް ކުރަމުން ވެސް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކޮށްފައި އަދި ކުރަމުން އަންނަ ކަންތައްތަކެވެ. ވަކިން ހާއްސަކޮށް، އިދިކޮޅުން ނުވާނެ ކަމަށް ބުނި، އެހެން ނަމަވެސް ކޮށް ނިމިފައި ހުރި ކަންތައްތަކުގެ ލިސްޓެއް އެ މަނިކުފާނު ވިދާޅުވެދެއްވި އެވެ.

"މި ދަތިތަކާ އެކުގައި، 'ޖަޒީރާ ރާއްޖެ'ގެ މެނިފެސްޓޯ އަޅުގަނޑުމެން އިމްޕްލިމެންޓު ކުރަމުން އައީ. އެ ދުވަހު އަޅުގަނޑުމެން ބުނި ކަންތައްތައް ހާމަކުރުމުން އިދިކޮޅު ފަރާތްތަކުން ބުނީ ކީކޭތޯ؟ ބުނީ ނުވާނޭ، ތިއިން އެއްވެސް ކަމެއް ނުވާނޭ،" ރައީސް ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ކަނޑައަޅާ ވާހަކަ ދެއްކީ. އެންމެ ކުޑަކޮށް ދެވޭ މުސާރަ. ކީކޭތޯ ބުނީ؟ ތިކަމެއް ނުވާނޭ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން މި ހިސާބަށް އައިސް މި ތިބީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ނިންމައިގެން. ސަރުކާރުގެ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރަ ބޮޑުކޮށްދޭނަމޭ ބުނީމަ ކީކޭތޯ ބުނީ؟ ބުނީ ނުވާނޭ އެކަން ވެސް. މިއަދު ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އެ ވަނީ ބޮޑުކޮށްދެވިފައި."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދ. ކުޑަހުވަދޫ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

ތަފްސީލު - އިދިކޮޅުން ނުވާނެ ކަމަށް ބުނި ކަންތައްތަކުގެ ތެރެއިން، ރައީސް ސޯލިހު ވިދާޅުވެދެއްވި މި ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކަކީ:

  • ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް - ހަމަޖައްސައިދީފައި

  • ހިލޭ ޑިގްރީ - 18،000 ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިވެ، 7،000 ކުދިން ޑިގްރީ ހާސިލުކޮށްފި

  • ސްޓޫޑެންޓް ލޯނުގެ އިދާރީ ފީ ކުޑަކުރުން - މިހާރު އެ ލޯނުގެ އިދާރީ ފީ އަކީ %1

  • ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުން - މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅައި ނިމެނީ

  • ލަފާފުރުމުގެ ދަތިކަން - 152 ރަށެއްގައި އޭރު އޮތް ދަތި މިހާރު އަންނަނީ ހައްލު ކުރަމުން

  • ސިއްހީ ހިދުމަތްތައް އަތޮޅުތެރެއިން ލިބޭނެ ގޮތް ހަމަޖެއްސުން - ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ޓާޝަރީ ހޮސްޕިޓަލް ތަރައްގީކޮށްފި؛ އުތުރާއި ދެކުނުގައި އެމްއާރުއައިގެ ހިދުމަތް ދޭން ފަށައިފި

"ތިޔަ ބޭފުޅުންނަށް ހަމަ ގައިމު ވެސް މިއަދު މި ސަރުކާރު ޓެސްޓު ކުރެވޭނެ. އަޅުގަނޑުމެން ވީ ވައުދުގެ %90 މިއަދާ ހަމައަށް އައިއިރު މި ވަނީ ތަންފީޒުކޮށް ނިމިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ 'އުފާވެރި ދިރިއުޅުން' ސިޔާސަތުު މިރޭ އިފްތިތާހުކޮށްދެއްވަނީ. (ފޮޓޯ/އެމްޑީޕީ)

ރައީސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމުން ވެސް އިދިކޮޅު ފަރާތްތަކުން ބުނަމުންދި ޔައީ އެކަން ވެސް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.

"ބުނީ ނުވާނޭ. ވެކްސިނެއް ވެސް ނުހޯދޭނޭ، ބޯޑަރެއް ވެސް ނުހުޅުވޭނޭ، ރިސޯޓުތަކެއް ވެސް ނުހުޅުވޭނޭ. އެހެން ނަމަވެސް، އެންމެ ފުރަތަމަ ދުނިޔޭގައި ވެކްސިން ޖެހި މީހުންގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ވާނެ. ބޯޑަރު ހުޅުވިއްޖެ، ރިސޯޓުތައް ހުޅުވިއްޖެ. އިގްތިސާދު މިހާރު ވަނީ 2019އާ އަރާ ހަމަކޮށްފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް