ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭން ދަތުރުފުޅުގައި ދ. ރިނބުދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ ކެމްޕޭން ޓީމް)

ރާއްޖެ އަކީ މި ސަރަހައްދުގައި ތަކެތީގެ އަގު އެންމެ ހެޔޮ ގައުމު: ރައީސް

ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް އިދިކޮޅުން ފާޑުކީ ނަމަވެސް އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދިޔަކަމަށް ވިދާޅުވި

ރާއްޖެ އަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ތަކެތީގެ އަގު އެންމެ ހެޔޮ ގައުމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ މިވަގުތު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ 'އުފާވެރި އަމާން ރާއްޖެ' ކެމްޕޭން ދަތުރުފުޅުގައި އެ އަތޮޅު ރިނބުދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިދިކޮޅުގެ ފާޑުކިޔުން ވަރަށް ބޮޑަށް ކުރިމަތިވީ ނަމަވެސް، އެ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔޭގައި ވެސް އިގްތިސޯދު އެންމެ ބާރަށް ކުރި އަރައިގެން ދިޔަ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވެ އެވެ.

"މަހަކު އެއް ފަހަރު ބަނގުރޫޓުވޭ. މިދިޔަ އަހަރު ޖޫން މަހުން ފެށިގެން ކޮންމެ މަހެއް އެއީ ރާއްޖެ ބަނގުރޫޓުވެފައި އޮތް މަހެއް. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، މީހުން ބަނޑަށް ޖެހޭނެ ވާހަކަ ދައްކަމުން ދިޔައީ،" ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް، މިއަދުގެ ހާލަތަކީ މި ސަރަހައްދުގައި ތަކެތީގެ އަގު ވެސް އެންމެ އަގު ހެޔޮ ގައުމަކަށް މި ރާއްޖެ ވެއްޖެ."

ތަކެތީގެ އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން މި އަހަރުގެ ތެރޭގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައި އޮތީ %5.4ގައި ކަމަށާއި، ނަމަވެސް މިހާރު އިންފްލޭޝަން ހުރީ %3.2ގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރާއްޖޭގައި އިންފްލޭޝަން މިންކުރާ މިންގަނޑު ނުވަތަ ސީޕީއައި މައްޗަށް ނުދާ މައިގަނޑު ސަބަބަކީ ސީޕީއައި ހިސާބުކުރުމުގައި ބޮޑު ބުރަދަނެއް ދޭ ތަކެއްޗާއި ހިދުމަތްތަކުގެ ތެރެއިން ބޮޑު ބައެއް ސަބްސިޑައިޒްކޮށްފައި ހުންނާތީ ކަމަށް މާހިރުން ވިދާޅުވެ އެވެ. ސަރުކާރުން އެ ތަކެތީގެ އަގު އެކި ގޮތްގޮތަށް ހިފަހައްޓާފައި ހުންނާތީ، ބާޒާރުގައި ތަކެތީގެ އަގު އުފުލޭ މިންވަރު އިންފްލޭޝަންގެ ތަފާސްހިސާބުތަކުން އެންމެ ރަނގަަށް ދައްކައެއް ނުދެ އެވެ.

ކޮމެންޓް (1)

އައްޑާ

7 އޯގަސްޓު 2023
ތިޔައީ ބުނެލަން ފަސޭހަ އެއްޗެއް މަނިކުފާނަށް. އެކަމަކު އެއީ ސައްހަ ދޮގުކަންވެސް އެނގިވަޑައިގަންނަވާ މަނިކުފާނަށް. ކެމްޕޭނަށް ލޮލުގައި އަޅުވާ އަނދުން އަދި ކަނޑައެޅިގެން ދޮގު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް