ކުރީގެ ބަންޑާރަ ނައިބު މުނައްވަރު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މުނައްވަރު އިންތިހާބުގައި ވާދަނުކުރަން ނިންމައިފި

މުނައްވަރު ވަނީ، ވަކި ސަބަބެއް ވިދާޅުވުމެއް ނެތި އިންތިހާބުގައި ވާދަނުކުރައްވާނެކަން އިއުލާނުކުރައްވައި އޭނާއަށް ތާއީދުކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން ކުރިން ވިދާޅުވެފައިވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވައި އެކަން މިއަދު އިއުލާންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަން މުނައްވަރު ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ބުނީ ކީކޭ؟ - އެ ޓުވީޓުގައި މުނައްވަރު ވަނީ، ވަކި ސަބަބެއް ވިދާޅުވުމެއް ނެތި އިންތިހާބުގައި ވާދަނުކުރައްވާނެކަން އިއުލާނުކުރައްވައި އޭނާއަށް ތާއީދުކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ތަފްސީލު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާންކުރެއްވި އެއް ބޭފުޅަކީ ކުރީގެ ބަންޑާރަ ނައިބު މުނައްވަރެވެ. އެގޮތުން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި މުނައްވަރު:

  • އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ 13 މާޗުގައި

  • އިންތިހާބުގައި ވާދަކުރައްވަން ސޮއި ހޯއްދަވަން ފެއްޓެވީ 24 ޖުލައިގައި

މުނައްވަރު ވަނީ މި ފަހުން ރާއްޖެ އާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް އަޑުއުފުއްލަވައި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެނގުން މުހިންމު - އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު ފަހު 2އަށް ހަމަވާއިރު، އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ގިނަ ބޭފުޅުން މިހާރު ވަނީ ފޯމު ހުށަހަޅުއްވާފަ އެވެ. ބައެއް ބޭފުޅުން މިއަދު ވެސް ފޯމު ހުށަހަޅުއްވަމުން އެބަގެންދަވަ އެވެ.

ކޮމެންޓް (1)

ސަލީނާ

7 އޯގަސްޓު 2023
ޗާގޯސްގެ ރައީސްކަމަށް ކުރިމަތިލާން ވެގެން މިކޮޅު ދޫކޮށްލީ. އޯކޭ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް