ސްކައުޓު ޖަމްބަރީގައި ރާއްޖޭގެ ބައިވެރިން ތިބޭ ސަރަހައްދެއްގައި ދިވެހި ދިދަ ނަގާފައި (ފޮޓޯ/ދިވެހި ކޮންޓިންޖެންޓު)

ސްކައުޓް

ގިނަ ދިވެހިން ބައިވެރިވާ ސްކައުޓް ޖަމްބަރީއަށް ބާރުގަދަ ތޫފާނެއް ކުރިމަތިވެ ރައްކާތެރި ހިސާބުތަކަށް

މިއަހަރުގެ ޖަމްބަރީގައި ރާއްޖޭގެ ސްކައުޓުންނާއި ގައިޑުން އަދި ލީޑަރުން ހިމެނޭހެން 421 މީހުން ބައިވެރިވޭ

ރާއްޖޭގެ 421 ކުދިން ބައިވެރިވަމުން އަންނަ ވޯލްޑް ސްކައުޓް ޖަމްބަރީ ބާއްވަމުން އަންނަ ދެކުނު ކޮރެއާގެ ސައިމެންގަމް ސަރަހައްދަށް ބާރުގަދަ ތޫފާނެއް އަރާތީ އެ ކުދިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ނިންމައިފި އެވެ. 

އެނގުން މުހިންމު - ދެކުނު ކޮރެއާގެ ސައިމެންގަމްގައި ސްކައުންޓް ޖަމްބަރީ ކުރިއަށް ދަނީ މި މަހުގެ 1 އިން 13 އަށެވެ. 

ވީ ކިހިނެއް؟ - 170 އަށް ވުރެ ގިނަ ގައުމުން 43،000 އަށް ވުރެ ގިނަ ސްކައުޓުންނާއި ގައިޑުން ބައިވެރިވާ މި ހަރަކާތުގައި ރާއްޖޭގެ ސްކައުޓުންނާއި ގައިޑުން އަދި ލީޑަރުން ހިމެނޭހެން 421 މީހުން ބައިވެރިވެ އެވެ.

މި ފަހަރުގެ ޖަމްބަރީގައި ރާއްޖޭން ބައިވެރިވަމުންދާ ކޮންޓިންޖެންޓަކީ މިހާތަނަށް ޖަމްބަރީއަކު ރާއްޖޭން ބައިވެރިވާ އެންމެ ބޮޑު ކޮންޓިންޖެންޓެވެ.

ތަފްސީލް - ރާއްޖޭގެ ފަރާތުން ބައިވެރިވާ ސްކައުންޓުންގެ ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނީ، ޖަމްބަރީ ކުރިއަށްދާ ސަރަހައްދަށް ތޫފާން 'ކަނަން' ގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވާ ކަމަށާއި ބައިވެރިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރާނެ ކަމަށެވެ.

"ޖަމްބަރީ ކުރިއަށްދާ ސަރަހައްދަށް ސީދާ އަސަރު ކުރާނެ ކަމަށް ކޮރެއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ބުނެފައި. މި ސަރަހައްދަށް ތޫފާން އަރާނެ ކަމަށް ލަފާކުރެވެނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ،" ބެލެނިވެރިންނަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

އެ މެސެޖުގައި އިތުރަށް ބުނީ:

  • ޖަމްބަރީގެ ބައިވެރިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކޮރެއާ ސަރުކާރާއި ޖަމްބަރީ އިންތިޒާމުކުރާ ފަރާތުން ކުރަމުންދާ ކަމަށް

  • ތޫފާންގެ އަސަރު ނުކުރާނެ، ކޮރެއާގެ އެކި ސަރަހައްދުތަކަށް ބައިވެރިން ބަދަލުކުރާނެ

  • ކުދިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް ނިމޭނީ މާދަމާ

ބެލެނިވެރިންނަށް ފޮނުވި މެސެޖުގައި ބުނީ، ކޮރެއާ ސަރުކާރުގެ އިސް ވެރިން ޖަމްބަރީގައި ބައިވެރިވާ ހުރިހާ ކޮންޓިންޖެންޓަކާ ބައްދަލުކޮށްފައިވާ ކަމަށާއި، ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް އެ ފަރާތުން ޔަގީންކަން ދީފައިވާ ކަމަށެވެ.

ކޮރެއާގެ އިސްވެރިން، ޖަމްބަރީގެ ބައިވެރިންގެ ހާލަތު ގާތުން ބަލާނެ ކަމަށް ވެސް ބުންޏެވެ.

  • ޖަމްބަރީ ނިންމުމުގެ ރަސްމިއްޔާތު މިހާރު ބާއްވަން ނިންމާފައިވަނީ އޮގަސްޓު 11 ގައި ކޮރެއާގެ ވެރިރަށް ސޯލްގައި

  • ޖަމްބަރީ ނިމުމަށް ފަހު ވެސް ރާއްޖޭން ދިޔަ ބައިވެރިން އެނބުރި އަންނަންދެން އެ ބައިވެރިންގެ ކަންތައް ގާތުން ބަލާނެ

ޖަމްބަރީ ކުރިއަށްގެންދަން ނިންމާފައިވާ ސަރަހައްދުން ބައިވެރިން އެހެން ތަންތަނަށް ބަދަލުކުރި ނަމަވެސް، ޖަމްބަރީ އާ ގުޅުންހުރި އެކި ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ނިންމައިފަ އެވެ.

  • ރާއްޖޭގެ ބައިވެރިންގެ ކަންތައް ކޮރެއާ އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ނަން ރެޒިޑެންޝަލް ސަފީރު ހަސަން ސޯބިރު ވެސް ގާތުން ބައްލަވަމުންދާ ކޮންޓިންޖެންޓުގެ ލީޑަރުން ބެލެނިވެރިންނަށް ފޮނުވި މެސެޖުގައި ބުނި

  • ޖަމްބަރީ ނިންމާލުމަށް ފަހު ރާއްޖޭގެ ކޮންޓިންޖެންޓުގެ ބައިވެރިން މި މަހުގެ 15 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް ރާއްޖެ އަންނާނެ

ޖަމްބަރީގެ ބައިވެރިއަކު ބުނީ ހަރަކާތްތަކާމެދު ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް މި ހުސްވި ހަފްތާ އެ ތަނުގެ ހޫނު ގަދަކަން ފާހަގަ ކުރި އެވެ. 

ފާހަގަކުރެވޭ ކަމެއް - ޖަމްބަރީ ކުރިއަށްދާ ސަރަހައްދުގެ ހޫނުުމިން މަތިވެގެން އެމެރިކާ އަދި އިނގިރޭސިވިލާތުގެ ސްކައުޓުން ވަނީ މި ހުސްވި ހަފްތާ ޖަމްބަރީ އިން ވަކިވެފަ އެވެ.

ތޫފާންގެ އަސަރު ކުރާނެ ކަމަށް ލަފާކުރުމާއެކު އޮސްޓްރޭލިއާ އިން ވެސް ވަނީ ޖަމްބަރީ އިން ވަކިވެފަ އެވެ.

ރައްކާތެރިކަމާ ބެހޭ ކަންބޮޑުވުންތަކާ ގުޅިގެން މި އިވެންޓު ރޭވިފައި އޮތް މުއްދަތުގެ ކުރިން ނިންމާލުމަށް ދުނިޔޭގެ ސްކައުޓާ ބެހޭ ޖަމިއްޔާއިން ވަނީ ޖަމްބަރީ އިންތިޒާމު ކުރާ ފަރާތްތަކަށް ލަފާދީފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް