5 އޮގަސްޓް 2023، މާލެއާއި ހައިވޭއަށް އުދަ އެރުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މިއީ ޒިންމާދާރުކަން ކުޑަ ތަރައްގީގެ ނަތީޖާ: ނައީމް

ކޮންމެ ސަރުކާރަކުން ވެސް ހިންގަން ބޭނުންވީމަ، އީޕީއޭގެ ލަފައާ ހިލާފަށް މަޝްރޫއުތައް ހިންގާ ކަމަށް އޭނާ ވިދާޅުވި
6 އޯގަސްޓު 2023

މާލެ ސަރަހައްދަށް އިއްޔެ އާއި މިއަދު އަރަމުންދާ އާދަޔާހިލާފު އުދަ އަކީ ޒިންމާދާރުކަން ކުޑަ ތަރައްގީގެ ނަތީޖާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ ހުޅުމާލެ ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދަށް ބިންދާލި ރާޅާ އެކު ބްރިޖު މަތިން ދުއްވާފައި ދިޔަ ބަޔަކު ސައިކަލުތަކާ އެކު ކެހިގެންދާ، ވައިރަލް ވީޑިއޯ ޕޯސްޓު ކުރައްވައި، ނައީމް ވިދާޅުވީ، މިއީ ގުދުރަތުގެ ބާރާއި ކްލައިމެޓް އެމާޖެންސީއަށް ބެލުމެއް ނެތި އިންތިހާއަށް ބިން ހިއްކުމުގެ ނަތީޖާ ކަމަށެވެ.

ބުނީ ކީކޭ؟ - "[މޫސުމީ ބަދަލުތަކަށް ހޭނުމުގެ ގޮތުން] އެޑެޕްޓޭޝަންގެ ފިޔަވަޅުތައް އަޅާފައެއް ނެތް. ފަރު ބޭރާ ޖެހެންދެން ހިއްކާފައިވާ ތަންތަނުގައި މިފަދަ ހާދިސާތައް ގިނަގިނައިން ދިމާވާނެ ކަމަށް ބެލެވޭ،" ނައީމް ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި ހުރެގެން އެފަދަ ޓްވީޓެއް ކުރެއްވުމުން، ތިމާވެއްޓަށް ގެއްލުންލިބޭ ގޮތަށް ހިންގާ ޕްރޮޖެކްޓުތައް ހުއްޓުވުމަކީ އީޕީއޭގެ ވެސް ޒިންމާއެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

އެކަމާ ގުޅޭގޮތުން 'ދައުރު'އިން ސުވާލު ކުރުމުން ނައީމް ވިދާޅުވީ އޭނާ ފާޅު ކުރެއްވި ހިޔާލަކީ އީޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ ހައިސިއްޔަތުން ފާޅުކުރެއްވި ހިޔާލެއް ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިޔާލު ކަމަށެވެ.

"މި ސަރުކާރު ނޫނަސް ކޮންމެ ސަރުކާރަކުން ވެސް އީޕީއޭގެ ލަފަޔާ ހިލާފަށް ވެސް ޕްރޮޖެކްޓުތައް ހިންގަން ބޭނުންވީމަ ހިންގަނީ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އީޕީއޭ، އެ މިނިސްޓްރީގެ ދަށުން ވަކިކޮށް، މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތަށް ބަދަލު ކުރުމަކީ ރިޔާސީ ކެންޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ކަމެކެވެ. އޭގެ އިތުރުން، ވެރިކަމަށް ވަޑައިގަތުމަށް ފަހު، 2019ގައި ވެސް ރައީސް ސޯލިހް ވަނީ، އީޕީއޭ މިނިވަން ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް، މިހާތަނަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށުން އީޕީއޭ ވަކިކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން މިދިޔަ އޭޕްރިލް މަހު އެންވަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވެފައިވަނީ އީޕީއޭ މުޅިން މިނިވަން އިދާރާއަކަށް އަދި ހަދާފައި ނުވި ނަމަވެސް، އެއީ މިހާރު މިނިވަން މޮޑެލްއަކަށް ހިންގާ ތަނެއް ކަމަށާއި އެކަމާ ގުޅޭ ރިޔާސީ ވައުދު ފުއްދިފައިވާ ކަމަށެވެ.

އީޕީއޭގެ މިނިވަންކަމާ މެދު 'ދައުރު'އިން ސުވާލު ކުރުމުން ނައީމް ވަނީ އެ ސުވާލަށް ޖަވާބުދޭން އުޒުރުވެރި ވެފަ އެވެ.

އީޕީއޭ މިނިވަން ތަނެއް ކަމެއް ޝައުނާ ވިދާޅުވި ނަމަވެސް، އެ ތަނުން ނިންމާ ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ނިންމުން ބަދަލުކުރުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ. 

މި ފަހުން އެ ގޮތަށް އިސްތިއުނާފްކުރި އެއް މައްސަލައަކީ، ތިލަމާލެ ބުރިޖު އަޅާ އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކާ ވިދިގެން އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން މިދިޔަ ނޮވެމްބަރު މަހު އީޕިއޭއިން ނިންމި ނިންމުމެވެ. އެ މައްސަލައިގައި އަދިވެސް ގޮތެއް ނުނިންމަ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް އީޕީއޭއިން ހުއްދަ ދޭން ދެކޮޅު ހަދާފައި ވަނިކޮށް، މިނިސްޓްރީން ހުއްދަ ދީގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް