މިއަދުގެ މަޖިލީހުގެ ޖަލްސާގައި ޝައުނާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ (ފޮޓޯ/މަޖިލިސް

ޝައުނާ ވިދާޅުވަނީ އީޕީއޭ މިނިވަންކޮށް، ވައުދު ފުއްދިއްޖެ ކަމަށް

ޝައުނާ ގަބޫލުކުރައްވާ ގޮތުގައި، ސަރުކާރުގެ ބާރު އެއްވެސް ވަރަކަށް ނުހިނގާ ގޮތަށް ވަކި އިދާރާއެއްގެ ގޮތުގައި އީޕީއޭ ބޭއްވުމަކީ ރާއްޖެ ކަހަލަ ގައުމަކަށް ރަނގަޅު ގޮތެއް ނޫން

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މުޅިން މިނިވަން އިދާރާއަކަށް އަދި ހަދާފައި ނުވި ނަމަވެސް، އެއީ މިހާރު މިނިވަން މޮޑެލްއަކަށް ހިންގާ ތަނެއް ކަމަށާއި އެކަމާ ގުޅޭ ރިޔާސީ ވައުދު ފުއްދިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އީޕީއޭ، އެ މިނިސްޓްރީގެ ދަށުން ވަކިކޮށް، މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތަށް ބަދަލު ކުރުމަކީ ރިޔާސީ ކެންޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ކަމެކެވެ. އޭގެ އިތުރުން، ވެރިކަމަށް ވަޑައިގަތުމަށް ފަހު، 2019ގައި ވެސް ރައީސް ސޯލިހް ވަނީ، އީޕީއޭ މިނިވަން ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް މިނިސްޓްރީގެ ދަށުން އީޕީއޭ ވަކިކޮށްފައި ނުވި ނަމަވެސް، ޝައުނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ވައުދު ވަނީ ފުއްދިފަ އެވެ.

ވީ ކިހިނެއް؟ - އެ ވައުދު ފުއްދާފައި ނުވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމަށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޝައުނާ ހާޒިރުކޮށްފައި ވަނީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހިމް ވަހީދު އެވެ.

ވަހީދުގެ ސުވާލަކީ:

  • އީޕީއޭ މިނިވަން ތަނަކަށް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދަކަށް ވާއިރު އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަމަކަށް ވީއިރު، އެ ވައުދު ނުފުއްދައި އެހާ ދިގުލައިގެންދަނީ ކީއްވެގެންތޯ

ބުނީ ކީކޭ؟ - އެ ސުވާލަށް ވަރަށް ދިގުކޮށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯ އާއި 100 ދުވަހުގެ ތެރޭގައި ކުރަން ނިންމި ކަންތައްތަކުގައި ހިމަނާފައި ވަނީ، "އީޕީއޭ ބާރުވެރިކުރުމާއި މިނިވަންކަމާ އެކު ހިންގުމަށް މަސައްކަތް ކުރާނެ" ކަމަށެވެ. 

"އީޕީއޭ އަކީ ބާރުވެރި [އަދި] މިނިވަންކަމާ އެކު ހިނގާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި. މިހާރު ވެސް މި އަންނަނީ އެ މަސައްކަތް ކުރަމުން،" ޝައުނާ ވިދާޅުވި އެވެ.

"އެ މަސައްކަތުގައި މިހާތަނަށް ކުރެވުނު ބައެއް ކަންކަން ވެސް ޝައުނާ މިއަދު ވިދާޅުވި އެވެ. އެގޮތުން:

  • ޓޫރިޒަމް ސިނާއަތުގެ މަޝްރޫއުތަކަށް ދޭ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްޕެންޓް (އިއައިއޭ) ރިޕޯޓު ފާސްކުރުމުގެ ބާރު އަލުން އީޕީއޭއަށް ދިނުމަށް ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު 20 ޑިސެމްބަރު 2018ގައި ވަނީ ފާސްކޮށްފައި

  • މި އިސްލާހުގައިވާ ގޮތުން، ރިސޯޓު ހަދާ ރަށްތައް، ބިންތައް ނުވަތަ ފަޅުތަކުގައި އެ ތަނުގެ ތިމާވެއްޓަށް ދާއިމީ ބަދަލެއް އަންނާނެ ފަދަ މަސައްކަތެއް ކުރަންވާނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ފަހު، ޓުރިޒަމް މިނިސްޓްރީއަށް އެ ލިޔުން ހުށަހަޅައިގެން އެ މިނިސްޓްރީގެ ހުއްދައާ އެކު

  • ޓޫރިޒަމް ގާނޫނަށް ގެނައި މި ބަދަލާ ގުޅިގެން، އީއައިއޭ ރިޕޯޓު ހެދުމާ ގުޅޭ ގަވައިދު އިސްލާހުކޮށް، އީއައިއޭ ފާސްކުރުމުގެ ބާރު 27 ޑިސެމްބަރު 2018ގައި އީޕީއޭއަށް އަލުން ވަނީ ދީފައި

"[އެހެންކަމުން] ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ބުނި ވައުދު ވަނީ ފުއްދައި ނިންމާފައި،" ޝައުނާ ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ޝައުނާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. (ފޮޓޯ/މަޖިލިސް)

ޝައުނާގެ ވާހަކައިގައި ތަކުރާރުކޮށް ވިދާޅުވީ، ސަރުކާރުން ވައުދުވެފައިވަނީ، "އީޕީއޭ އަކީ މިނިވަންކަމާ އެކު ހިނގައި ބާރުވެރި މުއައްސަސާއަކަށް ހެދުމަށް" ކަމަށެވެ. އެއަށް ފަހު، އޭނާ ދެން ގެންނެވީ ދުނިޔޭގެ ކުރިއަރާފައިވާ ތިން ގައުމެއްގައި ތިމާވެށި ރެގިއުލޭޓަރީ އެޖެންސީތައް ހިންގާ ގޮތެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ސިންގަޕޫރުގައި ތިމާވެށި ރެގިއުލޭޓަރީ އެޖެންސީ ހިންގާ ގޮތުގެ މިސާލު ނަންގަވަމުން ޝައުނާ ވިދާޅުވީ، އެ ތިން ގައުމުގައި ވެސް ސަރުކާރާ ވަކިން، މިނިވަން އިދާރާއެއްގެ ގޮތުގައި މިފަދަ އެޖެންސީތައް ނުހިންގާ ކަމަށެވެ. އެ އެޖެންސީތައް އުފައްދާފައިވަނީ އޭރަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް، އެ ގައުމެއްގެ ރައީސް ނުވަތަ ތިމާވެއްޓާ ބެހޭ މިނިސްޓްރީއެއްގެ ދަށުން ހިންގާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގޮތަށް މިކަން ކުރަނީ، ގައުމުގެ ތަރައްގީ އާއި ތިމާވެއްޓަކީ ވަކި ކުރެވޭނެ ދެ އެއްޗަކަށް ނުވާތީ،" ޝައުނާ ވިދާޅުވި އެވެ.

"ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް، މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމް ނޫންކަން ގަބޫލު ކުރަން ޖެހޭ."

ދުނިޔޭގެ ތިމާވެއްޓާ ބެހޭ ދުވަހާ ގުޅުވައިގެން 13 ޖޫން 2019ގައި، ރާއްޖޭގެ ތިމާވެށީގެ ވަޒީރުކަންކުރައްވާފައި ތިއްބެވި ބޭފުޅުންނާ އެކު ރައީސް ބޭއްވި މަޝްވަރާ ބައްދަލުވުން: އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އީޕީއޭ މިނިވަން ތަނަކަށް ހައްދަވާނެ ކަމަށް. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ޝައުނާގެ ވާހަކަ މާ ދިގުވެ، ދީފައިވާ ވަގުތަށް ވުރެ އިތުރަށް ވާހަކަދެއްވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އޭނާގެ ވާހަކަ ހުއްޓުވުމަށް ފަހު، މައި ސުވާލާ ގުޅިގެން ކުރާ ސުވާލަށް މެންބަރު ވަހީދަށް ފުރުސަތު ދެއްވި އެވެ.

"ވަރަށް ދިގު ވަަރަށް ބައިވަރު ވާހަކަ ދެއްކުމުގެ ބަދަލުގައި، މިނިވަން، މުސްތަގިއްލު ތަނަކަށް އީޕީއޭ ހައްދަވާތޯ ނުވަތަ ނޫންތޯ؟ އެއަަށް ޖަވާބު ދެއްވާ،" އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ނަޝީދަށް ތާއީދުކުރައްވާ ވަހީދު އެއްސެވި އެވެ.

"ދެ ވަނަ ކަމަކަށް، ރައީސުލްޖުމްހޫރިއްޔާ ވައުދު ވެވަޑައިގެންނެވިއިރު، ތިކަން ތިހެން އޮތްކަން އެނގިވަޑައިނުގަތްތޯ ވައުދުވެވަޑައިގެންވީ؟"

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ، މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ބަދަލުގައި "މުހިންމީ އެ ތަނަށް ބޭނުންވާ ވަސީލަތްތަކާއި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށެވެ. އެއީ، އެ ތަން ބާރުވެރިކޮށް، މިނިވަންކަމާ އެކު ހިންގުމަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތަކުގެ ގޮތުގައި ޝައުނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ސަރުކާރު އައި އިރު، އީޕީއޭއަށް ލިބެމުން އައީ އެވްރެޖްކޮށް ގާތްގަނޑަކަށް 9.7 މިލިއަން ރުފިޔާގެ ބަޖެޓެއް. މި ސަރުކާރުން ވަނީ އީޕީއޭގެ ބަޖެޓް 15.3 މިލިއަން ރުފިޔާއަށް އިތުރުކޮށްފައި،" ޝައުނާ ވިދާޅުވި އެވެ.

އީޕީއޭގެ ނިންމުންތައް ސައިންޓިފިކް ހަމަތަކުގެ މަތިން ނިންމާ ނިންމުންތަކަށް ހެދުމަށް ވެސް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ އެޖެންސީއަށް ދިރާސާ ކުރުމަށް ބޭނުންވާ ކަނޑު އުޅަނދުފަހަރު ހޯދައިދީ، އެ އުޅަނދު ހިންގުމަށް ބޭނުންވާ ކުރޫއިން ހަމަޖެއްސޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އީޕީއޭ މިނިވަން ތަނެއް ކަމެއް ޝައުނާ ވިދާޅުވި ނަމަވެސް، އެ ތަނުން ނިންމާ ނިންމުންތައް މިނިސްޓަރަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ނިންމުން ބަދަލުކުރުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ. 

މި ފަހުން އެ ގޮތަށް އިސްތިއުނާފްކުރި އެއް މައްސަލައަކީ، ތިލަމާލެ ބުރިޖު އަޅާ އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތަކާ ވިދިގެން އެ ކުންފުނި 69.4 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން މިދިޔަ ނޮވެމްބަރު މަހު އީޕިއޭއިން ނިންމި ނިންމުމެވެެ. އެ މައްސަލައިގައި އަދިވެސް ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް (1)

އިއްސެ

25 އޭޕްރީލު 2023
ޝައުނާމެން ކަހަލަ ޒުވާން ގަދަ މިނިސްޓަރުން ބޭނުމީ! މަރުހަބާ މިނިސްޓަރ
1 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް