ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ މާޝާ ނައީމް)

ގެވެށި އަނިޔާ

ގެވެށި އަނިޔާ ލިބޭ މީހުންނަށް ވަކީލުންގެ އެހީ ފޯރުކޮށްދޭން ފަށަނީ

މާދަމާއިން ފެށިގެން އެފްޕީއޭ އިން މި ހިދުމަތް ލިބެން ހުންނާނެ

ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް މާދަމާއިން ފެށިގެން ދޭން ފަށާނެ ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެފްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައިވާ ގޮތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެވޭނީ:

  • އެފްޕީއޭގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ފުރައިގެން

  • އެ އިދާރާގެ ކައުންޓަރުން ވެސް ފޯމު ލިބެން ހުންނާނެ

ބުނީ ކީކޭ؟ - އެފްޕީއޭ އިން ބުނި ގޮތުގައި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދޭން ފެށުމުގެ ސަބަބުން ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމުގެ ނިޒާމު ހަރުދަނާވެ، ގެވެށި އަނިޔާ ހުއްޓުވުމަށް އިތުރު ބާރަކަށް ވެގެންދާނެ އެވެ.

އެނގުން މުހިއްމު - އެފްޕީއޭ އަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން 2012ގައި އުފައްދާފައިވާ އިދާރާއެކެވެ. އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެނީ:

  • ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމާއި އެ ކަމަށް ރައްޔިތުން ހޭލުންތެރިކުރުވުން 

  • ގެވެށި އަނިޔާގެ އަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުން 

  • ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ ފަރާތްތައް ފަދަ ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހަމަޖެއްސުން 

  • ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް، ގައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގައިދީ، އެންމެ ކުރީ ސަފުގައި ގައުމީ ފެންވަރުގައި މަސައްކަތްކުރުން

  • ގެވެށި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ދޭނެ ވަގުތީ މަރުކަޒުތައް އުފައްދައި އެ ތަންތަނުން ދެމެހެއްޓެނިވި ހިދުމަތް ދިނުން

  • ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު އެ ކަމަށް އިޖާބަދޭން ޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމަށް ތައާރަފުކުރަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް