ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ނިމިފައި: މިއީ އެތައް ސަތޭކަ ދަރިވަރުންގެ ބޮޑު އުއްމީދެއް (ދައުރު ފޮޓޯ/ ހުސއިން ސުނޭން)

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އެންމެ ފަހުން ނިމި، އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށަނީ

100 މިލިއަން ރުފިޔާގެ އާ އިމާރާތަކީ އެ ސްކޫލުގެ ހަތް އަހަރު ވީ ހުވަފެނެއް ހަގީގަތަކަށް ވުން
30 ޖުލައި 2023
1

އާ ދިރާސީ އަހަރު މާލެއިން ފެންނާނެ އެންމެ ބޮޑު ބަދަލަކަށް ވާނީ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގައި ކިޔަވައިދޭން ފަށައި، އެއް ދަންފަޅީގައި އެތަން ހިންގުމެވެ. އެ ސްކޫލްގެ އާ އިމާރާތަށް 6 އޮގަސްޓްގައި ދަރިވަރުން ހާޒިރުވާނީ، އެތައް އަހަރެއް ވަންދެން، ކުޑަ އަދި ވަގުތީ ތަނެއްގައި ތަހައްމަލްކުރި އުނދަގޫތަކުން ސަލާމަތްވުމުގެ އުފަލާ ވެސް އެކުގަ އެވެ.

ދަރުމަވަންތަ ސްކޫލްގެ ކިޔެވުން އޮންނާނީ ހެނދުނު 7:45 އިން މެންދުރުފަހު 2:30 އަށެވެ. 

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް: މިއީ ގިނަ ދުވަސްވީ އިންތިޒާރެއްގެ ނިމުން (ދައުރު ފޮޓޯ/ ހުސއިން ސުނޭން)

މަޖީދިއްޔާ ސްކޫލް ދެ ބައިކޮށް 2002ގައި އުފެއްދި މި ސްކޫލްގައި މިހާރު ތިބި ދަރިވަރުންގެ އަދަދަކީ 800 އެވެ. މަޖީދިއްޔާގެ ގޯތި ތެރޭގައި ހުރި ވަކި އިމާރާތެއްގައި ދަރުމަވަންތަ ސްކޫލްގެ ކިޔެވުން އޭރު ފެށި ނަމަވެސް އިމާރާތް ބާވުމުގެ ސަބަބުން ސަރުކާރަށް ޖެހުނީ އެތަނުން ކުދިން ނެރޭށެވެ. އެގޮތުން 2016އިން ފެށިގެން ދަރުމަވަންތަ ސްކޫލް ހިންގަމުން އައީ މެދު ޒިޔާރަތް ކައިރީގައި ހުރި ވަގުތީ ބިމެއްގައި، ވަގުތީ އިމާރާތެއްގަ އެވެ. 

އޭރު ފުރަތަމަ އުޅުނީ ކުރިން ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތް ހުރި ތަނުގައި އާ އިމާރާތް ހަދާށެވެ. ނަމަވެސް މި މަޝްރޫއު އޭރުގެ ސަރުކާރުގައި ލަސްވަމުން ގޮސް، މިސަރުކާރު އައިސް ނިންމީ މިހާރު ވިލާ ކޮލެޖް ހުރި ބިމުގެ ކުރިމަތީގައި އޮތް ކޮށީގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ހަދާށެވެ. ކޮވިޑް-19 ލައްވާލުމުގެ ދުވަސްކޮޅެއް ކުރިން އެސްޖޭ ކޮންސްޓްރަކްޝްއާ މަޝްރޫއު ހަވާލުކުރީ 2021 ގައި ތަން ނިންމައި، ކިޔައިވައިދޭން ފެށޭނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ އާ ސްކޫލް ހުޅުވޭ ހިސާބަށް މި އާދެވުނީ މި އަހަރު އެވެ.

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގައި 25 ކުދިންގެ ޖާގައިގެ 41 ކްލާސްރޫމް އެބަ ހުއްޓެވެ. 

ފުރަތަމަ ކަނޑައެޅި 79 މިލިއަން ރުފިޔާއިން ސްކޫލް ނިންމާލެވޭ ގޮތް ނުވުމުން ސަރުކާރުން ވަނީ އިތުރު 20 މިލިއަން ރުފިޔާގެ ދެވަނަ އެއްބަސްވުމެއް ވެސް އެސްޖޭއާ އެކު ހަދައިފަ އެވެ. 

ދަރުމަވަންތަ ސްކޫލަށް ސަރުކާރުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހޭދަކުރި (ދައުރު ފޮޓޯ/ ހުސއިން ސުނޭން)

"ދައުރު"ން ވާހަކަ ދެއްކި ދަރުމަވަންތަ ސްކޫލްގެ ބެލެނިވެރިޔަކު ބުނީ އާ އިމާރާތުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

ދަރުމަވަންތަ ސްކޫލަށް އާ އިމާރާތެއް ހަދަން ބާ ސްކޫލުން ދަރިވަރުން ނުކުތީ 2016ގައި (ދައުރު ފޮޓޯ/ ހުސއިން ސުނޭން)

"އިހްސާސްތައް ބުނެދޭކަށް ވެސް ނޭނގެ. އަށް އަހަރު ވަނީ ނޫންތޯ އަޅުގަނޑުމެންގެ ދަރިން މަގުމަތިކޮށްލައިގެން އުޅޭތާ،" އޭނާ ބުންޏެވެ.

އަންނަ ހަފުތާގައި ނިމުމަކަށް މި އަންނަނީ ދަރުމަވަންތަ ސްކޫލުގެ ހަތް އަހަރު ވީ އިންތިޒާރެކެވެ. އާ އިމާރާތް ހެދޭނެކަމުގެ ހުވަފެނުގައި ތިބެ އެތައް ސަތޭކަ ކުދިން މިހާރު ވަނީ ކިޔަވައި ވެސް ނިންމައިފި އެވެ. އެކަމަކު މިހާރު ތިބި ދަރިވަރުންނަށް ރީތި، އާ އިމާރާތް ވާނީ، ތައުލީމީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، ވަރަށް ބޮޑު ފަސޭހައަކަށެވެ.

އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ ސިޔާސަތަށް އަމަލްކުރަން ބޭނުންވި ނަމަވެސް މާލޭގެ ސަރުކާރު ސްކޫލްތަކުގައި އެ ޖާގައެއް ނެތެވެ. އެއަށް ވުރެ މާލެ ސަރަހައްދުގައި އުޅޭ ދަރިވަރުންގެ އަދަދު ގިނަ އެވެ.

ކޮމެންޓް (1)

ހުސެއިން

30 ޖުލައި 2023
ކޮބާބާ 4 އަހަރުން އެޅިސުކޫލުގެ ހޯލު އިމާރާތް . އަދިވެސް ބެލެނިވެރިން އަތްޖެހުމުގައި ..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް