ވ. ކެޔޮދޫގައި ހަދާފައިވާ ކެއުމެއް: އެ ރަށުގެ ކެއުންތަކަށް އެ ރަށަށް އަންނަ މެހެމާނުންގެ ތައުރީފް އަބަދުވެސް އޮވޭ

ވ. އަތޮޅު

ކެޔޮދޫން ލޯތްބާ އެކު ބެލެނިވެރިންގެ މި މީރު ކެއުން

ވ. ކެޔޮދޫ - "މިވަރުގެ މީރު ކެއުމެއް ނުކަން. ހާދަހާވާ މީރޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ދަތުރުގެ މީޑިއާ ކަވަރޭޖްގައި މި ރަށަށް އައިސް، މެހެމާނުންނަށް ތައްޔާރުކޮށްފައި އޮތް  މެންދުރުގެ ކެއުމަށް އިންސާފުކުރި ހުރިހާ ނޫސްވެރިން ވެސް ބުނީ މިހެންނެވެ. އެއް ފަހަރަށް ވުރެ ގިނައިން އެންމެން ކަހަލަ ގޮތަކަށް ކެ އެވެ. 

މި އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ވަރުބަލިކަމާ އެކު އިތުރަށް ލޮޑުވެދާނެތީ މެންދުރު ނުކާން ނިންމައިގެން ހުރި އަހަންނަށް ވެސް ނުކައި ނުހުރެވުނެވެ. ދެ ބުރަށް އަޅައިގެން ރަނގަޅަށް ކާލީމެވެ. މިއީ މި ރަށު ސްކޫލްގެ ޕީޓީއޭއިން އިސްނަގައިގެން މި ރަށަށް އައި މެހެމާނުންނަށް ސްކޫލްގެ ހޯލްގައި ތައްޔާރުކޮށްފައި އޮތް މެންދުރުގެ ކެއުމެވެ. 

ހޯލްގައި އެއް ފަރާތެއްގައި މޭޒު ޖަހާ ތަށިތައް އަތުރާލާފައި ހުރި ކާތަކެތީގެ ތެރޭ ދިވެހި ކެއުމުން ފެށިގެން ގޮސް ވިލާތުގެ ކެއުންތައް ވެސް ހިމެނެ އެވެ. ރިހާކުރު ދިޔަ އާއި ބަނބުކެޔޮ ބަތާއި ފެނު ކެއްކި ދަނޑިއަލުއްވާއި ފިހުނު މަހާއި ފްރައިޑް ރައީސް އާއި ޗިޕްސް އަދި ތަފާތު ގޮތް ގޮތަށް ތައްޔާރުކޮށްފައި ހުރި ކުކުޅުމަހެވެ. ކޮޕީފަތު ސަޓަންޏާއި ތަރުކާރީ ސެލެޑެވެ. ފޮނިކާއެއްޗިހީގެ ގޮތުގައި ސާގާއި ހަނޑޫ ބޮނޑިބަތާއި ޕިރިނީ އެވެ. އަދި ތާޒާ މޭވާ އެވެ. މިއީ ހަމަ އެއްވަނައިގެ މެންދުރުގެ ކެއުމެކެވެ. ގިނަ މީހުން ސަމުސަލާއި އޫ ވެސް ދޫކޮށް، ކާލީ ހަގީގީ ދިވެހިން ގޮތަށް، އަތުންނެވެ.

"އަދި ކިރިޔާ މީރު ކެއުމެއް މި ދަތުރުގައި މި ކާލެވުނީ. މާ ގިނައިން ވެސް ކެވިއްޖެ،" ކެއުން  ނިންމާލުމަށް ފަހު ރަށުން ފުރަން ދިޔަ މަގުމަތީ ނޫސްވެރިޔަކު ބުންޏެވެ.

މި މީރު ރަހަތަކުގެ ފަހަތުގައި ވަނީ މި ރަށު ސްކޫލްގެ ބެލެނިވެރިންނެވެ. އެ ހުރިހާ ކެއުންތަކެއް ތައްޔާރުކޮށް ސްކޫލާ ހަމައަށް ގެނައުމުގައި އުޅުނީ އަންހެން ބެލެނިވެރިންނެވެ. އަދި ތަށިތައް އެތުރުމާއި  ކެއުމަށް ހޯލް ތައްޔާރުކުރީ ފިރިހެން ބެލެނިވެރިންނެވެ. 

"މީގެ އެއް ދުވަސް ކުރިން އެނގުނީ ކެއުން ތައްޔާރުކުރަން ޖެހޭކަން. ފުރަތަމަ 70 މީހުންނޭ ބުނީ. ދެން ފަހުން 100 އަށް އިތުރުކުރީ. ދެން އެ ހިސާބުން އަންހެން ބެލެނިވެރިން މި ހުރިހާ އެއްޗެއް މި ތައްޔާރުކޮށް މިކަން އިންތިޒާމް މި ކުރީ،" ކެއުން އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅުނު ޕީޓީއޭގެ ހިންގާ ކޮމިޓީގެ މެންބަރު އައިޝަތު ޝެނީލާ ބުންޏެވެ. 

އޭނާ ބުނި ގޮތުގައި ހުރިހާ ކާ އެއްޗިހި ވެސް ތައްޔާރުކުރީ ކޮންމެ ބެލެނިވެރިއަކު ވެސް އެ މީހެއްގެ ގޭގައި އަމިއްލަ ބަދިގޭގަ އެވެ. އެއީ ކާ އެއްޗިހި މީރުވި އެއް ސަބަބެވެ. 

"ބެލެނިވެރިންނަށް ހަމަ އެކި ކާތަކެތި ބަހާލީ. އެ ބެލެނިވެރިއަކު ވަކިން ގޭގައި ކައްކައިގެން އެ ހުރީ ގެނެސްފައި،" ޝެނީލާ ބުންޏެވެ. 

ކެޔޮދޫގެ މެންދުރު ކެއުމުގައި ހުރި ބޮޑިބަތާއި މަސް

ގާތްގަނޑަކަށް 20-15 ވަރަކަށް ބާވަތުގެ ތަކެތި އެ ސުފުރާ މަތީގައި ހުންނާނެ އެވެ. އެ ކާތަކެތި މީރުވެގެން އެ ވާހަކަ ދެއްކުމުން ޝެނީލާއަށް އާ ކަމަކަށް ނުވި އެވެ. އޭގެ ބަދަލުގައި އޭނާ ބުނީ މި ރަށަށް އަންނަ ކޮންމެ މީހަކު ވެސް ރަށު އަންހެނުންގެ ކެއްކުމަށް ތައުރީފް ކުރާ ކަމަށެވެ. ރަށުން ބޭރުން އަންނަ މެހެމާނުންނަށް ކެއުން ތައްޔާރުކުރުމަކީ މި ރަށުގެ އަންހެން ވެރިން ވަރަށް ލޯބިން ކުރާ ހިތުން، ގަޔާވެގެން ކުރާ ކަމެކެވެ.

"މި ރަށުގައި އަބަދުވެސް ކެއުންތައް މީރުވާނެ. އަސްލު ވަރަށް ކުރާ ހިތުން ލޯބިން  ކެއްކީމާ  މި ކެއުންތައް މި މީރުވަނީ،" ޝެނީލާ ބުންޏެވެ.

އަހަރުމެން މި ރަށުން ފައިބައިގެން މި ދަނީ މި ރަށު މީހުން ފޯރި ނަގާ އީދު ދުވަހުގެ ބޮޑު ކެއުމަށް ދައުވަތު ލިބިގެންނެވެ. ޝެނީލާ ބުނި ގޮތުގައި ކޮންމެ ބޮޑު އީދު ދުވަހެއްގައި އީދު ކެއުން އޮންނާނީ ރަށުގެ ބޮޑު މަގުގަ އެވެ. އެ ކެއުމަށް ރަށުގެ ކުދި ބޮޑު އެންމެން އަދި މެހެމާނުން ޖަމާވާނެ އެވެ. އެއީ ބޮޑު މަޖާނެގުމަކާއި މި ރަށުގެ އިޖުތިމާއީ އެއްވުމެކެވެ. 

"މި ރަށުގައި އަބަދުވެސް ކެއުންތައް މީރުވެފައި އެއީ ވަރަށް ފޯރި ނަގާ ކަމެއް. މި ރަށުގައި އީދަށް އަންނަ މީހަކަށް އީދަށް އައިމާ އެކަން ވަރަށް ރަނގަޅަށް ފެންނާނެ. އީދަށް އަންނަންވާނެ،" ވަކިވުުމުގެ ކުރިން ޝެނީލާ ބުންޏެވެ. 

ކޮމެންޓް (1)

ަަފެލިދޫ

23 ޖުލައި 2023
ޝެނީލާ އަހަރުމެންޏަށް ވެސް ދައުވަތެއް ދީބަލަ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް