ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެމްޕޭނުގެ ދަށުން ކ. ގުޅީގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

ވެރިކަމުގައި ތިބެގެން މުޒާހަރާކުރުން މާޒީކޮށްފިން: ރައީސް

ރައީސް ނުސީދާކޮށް ފާޑުވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް

ވެރިކަމުގައި ތިބެގެން މުޒާހަރާކުރުމަކީ މިހާރު މާޒީގެ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މި ގޮތަށް ވިދާޅުވީ، 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ މަނިކުފާނުގެ ސަޕޯޓަރުންނާ ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ވެރިކަމުގައި ތިބެގެން މުޒާހަރާކުރުން މާޒީކުރެއްވި ވާހަކަ ރައީސް ސޯލިހު ފެއްޓެވީ، އެއްވެސް ރައްޔިތަކު ތަފާތުކުރުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކަމުގެ ވާހަކައިންނެވެ.

"އެއީ ރައްޔިތުން އެ ދުވަހު ބޭނުންވި ގޮތް. މިކަންތައްތައް ކުރުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް ހުރޭ. ހަމަޖެހުމާއި އަމާންކަން. ހަލަބޮލިކަމެއްގެ ތެރޭގައި ރާއްޖެ އަބަދު ނުއޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަން ފާހަގަކުރައްވަމުން ރައީސް އަލިއަޅުވާލެއްވީ ވެރިކަމުގައި ތިބެގެން މުޒާހަރާކުރި މާޒީއަށެވެ.

ރައީސް އެ އިޝާރާތްކުރައްވަނީ، އެމްޑީޕީގެ ކުރީގެ ރައީސް އަދި މިހާރު އެ މަނިކުފާނާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް ބޭފުޅާ ކަމަށްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން، އެމްޑީޕީން ވެސް މަގުތަކަށް ނުކުތް ނުކުތުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރެއް ހޯއްދެވުމަށް ކުރައްވާ ކެމްޕޭނުގެ ދަށުން ކ. ގުޅީގައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

"އިދިކޮޅު ފަރާތްތަކުން ނުކުންނާނެ. ހިޔާލު ފާޅުކުރާނެ. މުޒާހަރާކުރާނެ. އެހެން ނަމަވެސް، ވެރިކަމުގައި ތިބޭ ބަޔަކު ނުކުމެ މުޒާހަރާކުރަން ޖެހުނީމާ އެއީ ވިސްނަން ޖެހޭ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގަައި، ގައުމުގެ އަމާންކަން ބަލަހައްޓާނީ ފުލުހުންނާއި ސިފައިންނެވެ. އެއީ ވެރިކަމުގައި ތިބޭ ބަޔަކު ކުރަން ޖެހޭ ކަމެއް ކަމަކަށް އެ މަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ.

"ސަރުކާރުގައި ތިބޭ ބަޔަކަށް ނުޖެހޭނެ އެ ގޮތަކަށް ކަން ކުރާކަށް. އެ ތާރީހު ވެސް އަޅުގަނޑުމެންނާ މާޒީވެގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް