ޖޭއެމްސީގެ މަސައްކަތްތެރިން މިއަދު ހަޅުތާލުކުރަނީ (ފޮޓޯ/ ޓުވިޓާ، ޒެފްރޮކްސް)
ޖޭއެމްސީގެ މުވައްޒަފުން ކެއުން ގޯސްވެގެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަނީ
އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި އިމާރާތް ކުރާ ފްލެޓްތައް ހެދުމުގެ މަސައްކަތްކުރާ މީހުން ކެއުން ގޯސްވެގެން ކަމަށް ބުނެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން އެބަގެންދެ އެވެ.
ވީ ކިހިނެއް؟ - ޖޭއެމްސީގެ 2،000 އެއްހާ މަސައްކަތްތެރިން ހަޅުތާލުކުރަން ފެށިތާ މިއަދަށް ދެ ދުވަސްވީ އެވެ. އެތަނުގެ ބައެއް މީހުން 'ދައުރު' އަށް ބުނިގޮތުގައި ހަޅުތާލުކުރަމުންދަނީ ފޫޖަހައި، ކުނިވެ، ފުޅަ އަޅާފައި ހުންނަ ތަކެތި ބޭނުންކޮށްގެން ކެއުން ތައްޔާރުކުރަމުންދާތީ އެވެ.
ބުނީ ކީކޭ؟ - އެތަނުގައި ތިބި އިންޑިއާއަަށް ނިސްބަތްވާ މަސައްކަތްތެރިންގެ ފަރާތުން ވާހަކަދެއްކި ރާހުލް ބުނީ އެތަނަށް ގެންނަނީ ކުނިވެފައި ހުންނަ ތަކެތި ކަމަށެވެ. އޭނާ ބުނީ އެތަނުގައި ތައްޔާރުކުރާ ކެއުން "ޖަނަވާރުންނަށް ވެސް ނުކެވޭނެ" ކަމަށެވެ.
ޖޭއެމްސީގެ ސައިޓަށް ދިޔަ 'ދައުރު'ގެ ޓީމަށް އެ މީހުން ކުނިވެފައި ހުރި ތަރުކާރީތަކެއް ދެއްކި އެވެ. އަދި މީގެ ދެ ދުވަސް ކުރިން ކައްކާފައި ހުރި ތަކެއްޗާއި ޑަސްބިނުގައި ފުޅަ އަޅާފައި ހުރި ތަކެތި ދެއްކުމަށް ފަހު އެ މީހުން ބުނީ އެއީ އެތަނުގައި އެމީހުންނަށް ކާންދޭ ތަކެތީގެ ފެންވަރު ކަމަށެވެ.
ރާހުލް ބުނީ އެމީހުންގެ ޝަކުވާތައް އެތަނުގެ ސުޕަވައިޒަރާ ހިއްސާކުރުމުން "ޝަކުވާ ކުރަންޏާ އަނބުރާ އިންޑިއާ އަށް ފޮނުވާލާނެ" ކަމަށް ބުނެ މުވައްޒަފުންނަށް އިންޒާރު ދޭ ކަމަށާއި އެމީހުންނަށް ހަޅުތާލުކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށެވެ.
އެކަމަކު އިންޑިއާ މަސައްކަތްތެރިންގެ ވާހަކަ އާއި އެތަނުގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއްގެ ވާހަކަ މުޅިން ތަފާތެވެ. އެމީހާ ބުނިގޮތުގައި މަސައްކަތްތެރިން ހަޅުތާލުކުރަމުންދަނީ އެމީހުންގެ ކެއުން ބަދަލުވުމުންނެވެ. އެމީހުން ހިތްހަމަނުޖެހިގެން އުޅެނީ ތަކެތި ކުނިވެގެން ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
ބަންްގްލަދޭޝްއަށް ނިސްބަތްވާ މުވައްޒަފު ބުނީ އެތަނަށް ގެންނަ ކުކުޅުމަހާއި ހަނޑޫ ފަދަ ތަކެތި ރަނގަޅު ކަމަށެވެ. އެމީހުން 'ދައުރު' އަށް ދެއްކި ކުކުޅުތަކުގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އެކަަމަކު އެތަނަށް ގެނެސްފައި ހުރި ތަރުކާރީތައް ހުރީ ވަރަށް ބޮޑަށް ކުނިިވެ ހަލާކުވެފަ އެވެ.
ބަންްގްލަދޭޝް މީހާ މީޑިއާއާ ވާހަކަދެއްކުމުން އިންޑިއާގެ މަސައްކަތްތެރިން ނުރުހުން ފާޅުކުރުމުން އޭނާއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.
އެނގުން މުހިއްމު - މިއީ ޖޭއެމްސީގެ މުވައްޒަފުން ހަޅުތާލުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެންމެ ފަހުން އެ މީހުން ހަޅުތާލުކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އޭރު ވެސް ކާތަކެތީގެ މައްސަލަ އެމީހުން ފާހަގަކުރި އެވެ.
އިތުރަށް ކިޔާލަން: