ގޯތި ލިބިވަޑައިގަންނަވާ މާލޭ ދާއިރާތަކުގެ މެމްބަރުން (ކ-ވ): މުއިއްޒު، ހަސަން ލަތީފް، މުހައްމަދު ރަޝީދު، އިމްތިޔާޒް ފަހުމީ، ފަލާހް، އިބްރާހިމް ރަޝީދު، އުޝާމް އަދި ހައިތަމް. (ފޮޓޯތައް/މަޖިލިސް)

ގޯތި ލިބޭ މަޖިލިސް މެމްބަރުން: އެމްޑީޕީގެ 5، ޑިމޮކްރެޓްސްގެ 4، އެމްއެންޕީގެ 1

މާލޭގެ 15 ދާއިރާ ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކަށް ސީދާ ގޯތި ލިބޭ
26 ޖޫން 2023
3

މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކުރިއިރު، ރައްޔިތުންގެ މަޖިލީހުގައި މާލޭގެ 15 ދާއިރާ ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކަށާއި އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކަށް ސީދާ ގޯތި ލިބިވަޑައިގަންނަވާކަން ހާމަވެއްޖެ އެވެ. 

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ވެރިކަން ކުރާ އެމްޑީޕީގެ ފަސް މެމްބަރަކާއި ސަރުކާރާ ދެކޮޅަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ 'ދަ ޑިމޮކްރެޓްސް'އަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު މެމްބަރަކާއި އެމްއެންޕީގެ މެމްބަރެކެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި 'ބިންވެރިޔާ' އަދި 'ގެދޮރުވެރިޔާ' ސްކީމަށް ހުށަހެޅި ފޯމުތައް ވަޒަންކުރަން ނެގި 'ގެދޮރުވެރިޔާ ކޮމިޓީ'ން ވަނީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފަ އެވެ.

ތަފްސީލް - އެ ލިސްޓުގައިވާ ގޮތުން، މާލޭގެ 15 އިދާރީ ދާއިރާ ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން، ސީދާ ގޯތި ލިބިވަޑައިގަންނަވަނީ އަށް ބޭފުޅަކަށެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • 1-

    ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ) - އޭނާ އެކަނި ހުށަހެޅުއްވި ފޯމަށް 69.16 މާކްސް ލިބިފައިވޭ

  • 2-

    ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ޑިމޮކްރެޓްސް) - އޭނާއާ އެކު ޖުމްލަ ހަތް މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 100.26 މާކްސް ލިބިފައިވޭ

  • 3-

    މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ޑިމޮކްރެޓްސް) - އޭނާއާ އެކު ޖުމްލަ ހަ މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 91.07 މާކްސް ލިބިފައިވޭ

  • 4-

    މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް (އެމްޑީޕީ) - އޭނާއާ އެކު ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 79.69 މާކްސް ލިބިފައިވޭ

  • 5-

    މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ޑިމޮކްރެޓްސް) - އޭނާއާ އެކު ޖުމްލަ ހަ މީހަކު ހިމެނޭ ގޮތަށް ލީ އެ ފޯމުގައި ބައިވެރިވި ދެ މީހަކު ޝަރުތު ހަމައެއް ނުވޭ؛ ބާކީ ތިބި ހަތަރު މީހުން ޝަރުތު ހަމަވެގެން 76.18 މާކްސް ލިބިފައިވޭ

  • 6-

    މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް (އެމްޑީޕީ) - އޭނާއާ އެކު ޖުމްލަ ދެ މީހަކު ހިމެނޭ ގޮތަށް ލީ އެ ފޯމުގައި ބައިވެރިވި އެކަކު ޝަރުތު ހަމައެއް ނުވޭ؛ ބާކީ އިން މީހާ ޝަރުތު ހަމަވާއިރު، އޭނާއަށް އެހެން މީހަކާ ބައިވެރިވެގެން ގޯތި ހޯދުމުގެ ފުރުސަތު އޮންނާނެ

  • 7-

    މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ޑިމޮކްރެޓްސް) - އޭނާއާ އެކު ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 72 މާކްސް ލިބިފައިވޭ

  • 8-

    ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (އެމްއެންޕީ) - އޭނާއާ އެކު ޖުމްލަ ފަސް މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 82.72 މާކްސް ލިބިފައިވޭ

އޭގެ އިތުރުން، ދެން ހިމެނިވަޑައިގަންނަވަނީ:

  • އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (އެމްޑީޕީ) - އެ ދެކަނބަލުންނާއި އެ ބޭފުޅުންގެ ދަރިކަނބަލަކު ހިމެނޭ ގޮތަށް ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 71.59 މާކްސް ލިބިފައިވޭ

މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް: އެ ދެކަނބަލުންނަށް ވެސް ގޯތި ލިބިވަޑައިގަންނަވާ. (ފޮޓޯތައް/މަޖިލިސް)

އެނގުން މުހިންމު - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުނެފައިވާ ގޮތުގައި:

  • މިއަދު ގެޒެޓުކުރި 5،000 ގޯތީގެ ލިސްޓަކީ "ލައިވް" ނުވަތަ އަޕްޑޭޓްކުރަމުން ދާނެ ލިސްޓެއް؛ އެ ލިސްޓު އަދާހަމަ ކުރަމުން ގޮސް، ގޯއްޗަށް ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެ

  • ޝަރުތު ހަމަ ނުވާ މީހުންނަށް ގޯތި ނުލިބޭ ސަބަބު 'ގެދޮރުވެރިން' ޕޯޓަލް މެދުވެރިކޮށް އެނގެން ހުންނާނެ

  • 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުށަހަޅާފައިވާ 15،164 ފޯމުގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ 12،794 ފޯމު

  • އެއީ ޖޮއިންޓް-އެޕްލިކޭޝަންތައް ހިމެނޭ ގޮތަށް ޖުމްލަ 19،857 މީހުން

  • ފޯމުގައި ހިމެނޭ އެކަކު ޝަރުތު ހަމަނުވިޔަސް، ޝަރުތު ހަމަނުވާ މީހާ ބާކީ ކުރުމަށް ފަހު އެއީ ޝަރުތު ހަމަވާ ފޯމެއް ކަމަށް ބަލާނެ

ބިންވެރިޔާ ސްކީމް

'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެންނެވެ. މިނިސްޓްރީން ބުނެފައި ވަނީ، ދޫކުރާ ގޯތީގެ އަދަދު ކަނޑައަޅާނީ ގޯތި ދޭން ހޮވާ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމަށް ފަހު ކަމަށެވެ. އެއީ:

  • ފޯމަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު

  • ޖޮއިންޓް އެޕްލިކޭޝަނެއް ނުވަތަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ ފޯމުތަކަށް، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ

  • ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާ ނަމަ، އެ ފޯމަކަށް ލިބޭނީ ޖުމްލަ 4،000 އަކަފޫޓު

ނޯޓް: މި ހަބަރު އެންމެ ފުރަތަމަ ޝާއިއުކުރިއިރު، ގޯތި ލިބެނީ އެމްޑީޕީގެ ތިން މެމްބަރަކަށް ކަމަށް ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ އެމްޑީޕީގެ ފަސް މެމްބަރަކަށް ގޯތި ލިބެ އެވެ.

ކޮމެންޓް (3)

ހެހެ..

26 ޖޫން 2023
ނޫސް މިނިވަންވީ ވަރުން.... އެމްޑީޕީގެ 1 މެންބަރަށް ތިޔަ ލިބުނި ވާހަކަ ނުލިޔުނުކަން ރަނގަޅު
2 0

ބޮޑިބަތް

26 ޖޫން 2023
ރައްޔިތުންގެ ވޯޓު ހޯދައިގެން މަޖިލީހަށް ގޮސް ސިޔާސީ ކުޅިވަރު ކުޅުން މިމީހުންގެ ކަމަކީ. އެތާ ރައްޔިތުންގެ ލާރި ކެވުނުވަރު މަދު ވެގެން މިހާރު ބިންވެސް ހޯދައިގެން ފޫގަޅައިގެން މިބައިގަނޑު މިތިބީ. މިމީހުންގެ ލަދެއް ނުގަނޭތަ؟
0 0

އެމް.ޕީ ފަލާ

26 ޖޫން 2023
މަރުހަބާ! ވަރަށް ބުރަ މަސައްކަތް ކޮށްފި!
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް