އާބަންކޯއިން އިސްނަގައިގެން ހުޅުމާލޭ ސާފުކުރަން މިއަދު ބޭއްވި ހަރަކާތް. (ފޮޓޯ/އާބަންކޯ)

ހުޅުމާލެ

އާބަންކޯއިން 3،000 އަށްވުރެ ގިނަ މީހުން ނުކުމެ ހުޅުމާލެ ސާފުކޮށްފި

އެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކާއި މާލެ ސަރަހައްދުގެ ސްކޫލްތައް އަދި އެކި ޖަމިއްޔާތައް ބައިވެރިވި

ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އާބަންކޯއިން އިފްތިތާހުކުރި 'ދުނިޔެ މަގޭ' ކެމްޕޭންގެ ދަށުން ހުޅުމާލޭ ސާފުކުރުމަށް މިއަދު ބޭއްވި ބޮޑު ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 7:30 - 10:30 އަށް ހުޅުމާލޭގައި ބޭއްވި އެ ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކާއި މާލެ ސަރަހައްދުގެ ސްކޫލްތައް އަދި އެކި ޖަމިއްޔާތަކުން 3،000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

އެ ހަރަކާތް ކުރިއަށްގެންދިޔައީ ކޮކާ ކޯލާ، މޯޕާ، ވެމްކޯ، އެމްޕީއެލް، އެމްއާރުސީ، ބުރުޒު ކޭޓަރިން އަދި ވެލިގާ ހާޑްވެއާގެ އެހީތެރިކަމާ އެކުގަ އެވެ.

ތަފްސީލު - އެ ހަރަކާތުގައި ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދުތައް ޖުމްލަ ހަތް ބަޔަކަށް ބަހާލުމަށްފަހު، އެ ހަރަކާތުގައި ބައިވެރިވި މީހުންގެ ޓީމުތަކުން ވަނީ ސާފުކޮށްފަ އެވެ.

އެ ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އާބަންކޯއިން ހުރިހާ ބައިވެރިންނަށް ހަނދާނީފިލައެއް އެރުވި އެވެ.

ދުނިޔެ މަގޭ - ކްލީންއަޕް ޗެލެންޖް

ތިމާވެއްޓަކީ ސާފު އަދި ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އާބަންކޯއިން ތައާރަފްކުރި ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ބޭއްވި މި ހަރަކާތަކީ މިފަދަ ދެ ވަނަ ކްލީންއަޕް އިވެންޓެވެ.

އެ އިވެންޓުތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ވެސް ކުރިއަށްގެންދެވޭ ކަމަކަށް ހެދުމަށް އާބަންކޯއިން ވަނީ މިއަދު ހާއްސަ ޗެލެންޖެއްވެސް ތައާރަފްކޮށްފަ އެވެ.

'ދުނިޔެ މަގޭ - ކްލީންއަޕް ޗެލެންޖު'ގެ ނަމުން ނަންދީފައިވާ އެ ހަރަކާތް ރާވާފައިވަނީ، އެ ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުންވެސް އެއް މަސް ދުވަހުގެ ތެރޭގައި އެއް މެގަ ކްލީންއަޕް އިވެންޓު ބޭއްވުމަށްފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާ ގޮތަށެވެ.

އާބަންކޯއިން މިއަދު ބޭއްވި އިވެންޓަށްފަހު ޗެލެންޖުކުރީ ސްޓެލްކޯއަށެވެ. މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަށަންދައްޗެއް އަރުވަން ޖެހެ އެވެ. މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އާބަންކޯގެ ފަރާތުން އެފަދަ ރަމްޒީ މަށަންދަތީގެ ފިލައެއް ސްޓެލްކޯއަށް ވަނީ ދީފަ އެވެ.

އާބަންކޯއިން ބުނީ އެ ކުންފުނީގެ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން މިފަދަ އިތުރު ހަރަކާތްތައް މި އަހަރުގެ ތެރޭގައި ކުރިއަށްގެންދަން ރާވާފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް